އިންޑިއާއާއި ކެނެޑާއާ ދެމެދު އާ ހަކަތައިގެ ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާގެ ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށާއި ތިމާވެއްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަށް ކުރާ މަސައްކަތުގެ ދަށުން، ކެނެޑާއާއެކު އާ އެނާޖީ ޕާޓްނަޝިޕެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ސޯލާ، ހައިޑްރޯޖަން، ވިންޑް އަދި ލޯ ކާބަން އެލްއެންޖީ ފަދަ ދާއިރާތަކުން ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި 5.5 ބިލިއަން ކެނެޑާ ޑޮލަރަށްވުރެ އަގުބޮޑު ވިޔަފާރީގެ އެއްބަސްވުންތަކެއް ވަނީ އިއުލާނުކޮށްފައެވެ. މީގެ ތެރޭގައި އެއެލްއެންޖީ އެލްޕީޖީ ޔުރޭނިއަމް އަދި ސޯލާ ހަކަތައިގެ އިތުރުން މުހިންމު މިނަރަލްތަކުގެ ވިޔަފަރި ހިމެނެއެވެ. މީގެ އިތުރުން، އިންޑިއާއާއި ފްރާންސް ގުޅިގެން އުފައްދާފައިވާ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައި.އެސް.އޭ) ގައި ބައިވެރިވުމަށްވެސް ކެނެޑާއިން ވަނީ ނިންމާފައެވެ.

އިންޑިއާއިން ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ 500 ގިގަވޮޓަށް އިތުރުކުރުމަށް އަމާޒު ހިފާފައެވެ. މިހާރުވެސް އިންޑިއާގެ ހަކަތައިގެ ގާތްގަނޑަކަށް 50 އިންސައްތައަކީ ތިމާވެއްޓާ ރައްޓެހި ވަސީލަތްތަކުން އުފައްދާ ހަކަތައެވެ. ނަމަވެސް، ކަނޑައެޅިފައިވާ އަމާޒަށް ވާސިލުވުމަށްޓަކައި ކޮންމެ އަހަރަކު 40 އާއި 50 އާ ދެމެދުގެ ގިގަވޮޓްގެ އާ ހަކަތަ ގްރިޑަށް އިތުރުކުރަން ޖެހެއެވެ.

މި ޕާޓްނަޝިޕްގެ ދަށުން ކެނެޑާއިން އިންޑިއާއަށް ބޭނުންވާ ޓެކްނޮލޮޖީއާއި، އިންވެސްޓްމަންޓް އަދި މުހިންމު ވަސީލަތްތައް ފޯރުކޮށްދޭނެއެވެ. ޚާއްސަކޮށް ހައިޑްރޯޖަން އަދި ބަޔޯފިއުލްސް ފަދަ ދާއިރާތަކުން ދެ ގައުމުގެ ދިރާސާކުރާ ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ އިގްތިސާދީ ކުރިއެރުމަށާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.

ހިއްސާ ކުރައްވާ!