އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 61 ވަނަ ސެޝަނާ ދިމާކޮށް، ޖެނީވާގެ މަޝްހޫރު ބްރޯކަން ޗެއާ މޮނިއުމަންޓް ސަރަހައްދުގައި ސަމްބާލީ ޓްރަސްޓުން ޚާއްސަ ފޮޓޯ އެގްޒިބިޝަނެއް ބާއްވައިފިއެވެ. 'ދަ ޑެޒާޓް ޑޯޓާސް އޮފް އިންޑިއާ' ގެ ނަމުގައި ބޭއްވި މި މައުރަޒަކީ ޕާކިސްތާނުން އިންޑިއާގެ ރާޖަސްތާނަށް ހިޖުރަކޮށްފައިވާ އަންހެނުންނާއި ކުޑަކުދިންގެ ހިތްވަރުގަދަ ވާހަކަތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ބޭއްވި ހަރަކާތެކެވެ.
މި ހަރަކާތުގައި ވާހަކަދައްކަވަމުން ސަމްބާލީ ޓްރަސްޓުން ބުނީ، މި މައުރަޒުން ފެނިގެންދަނީ ބޯޑަރު ހުރަސްކޮށް ޖައިސަލްމާރުގެ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ އަންހެނުންގެ ހަގީގީ ދިރިއުޅުން ކަމަށެވެ. އަދި ދުނިޔޭގައި ހިނގަމުންދާ ބޮޑެތި ހަމަނުޖެހުންތަކުގެ ތެރެއިން، މިފަދަ އާދައިގެ މީހުންގެ އިންސާނީ ހައްގުތަކުގެ ވާހަކަ އދ. ފަދަ ބައިނަލްއަގުވާމީ މައިދާންތަކަށް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2007 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާއިން އަންހެނުންނާއި ކުޑަކުދިން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދއެވެ. އިންސާނީ ހައްގުތަކުގެ މައްސަލަތައް ހައްލުކުރަންވާނީ މަތިން ތިރިއަށް ބަލާ އުސޫލުން ނޫން ކަމަށާއި، އޭގެ ބަދަލުގައި އާންމު ރައްޔިތުންގެ ފެންވަރުގައި ހުރި ކަންބޮޑުވުންތަކަށް އިސްކަންދީގެން ކަމަށް ސަމްބަލީ ޓްރަސްޓުން ފާހަގަ ކުރިއެވެ.
މި މަސައްކަތުގައި ބައިވެރިވާ ވޮލަންޓިއަރަަކު ބުނި ގޮތުގައި، މި އެގްޒިބިޝަނަކީ ހުޅަނގު ރާޖަސްތާނުގެ ހަނަފަސް ސަރަހައްދުތަކުގައި އަނިޔާވެރިކަމާއި ފުރުސަތުތަކުން މަހުރޫމްވެފައިވާ އަންހެނުންގެ އަޑު އިއްވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން އެމީހުންގެ ހާލަތު ދުނިޔެއަށް އެނގިގެންދާނެ ކަމަށް އޭނާ ބުންޏެވެ.
ޓްރަސްޓްގެ ސްޓްރެޓީޖިކް ރެޕްރެޒެންޓެޓިވް ވަނީ ހިޖުރަކުރާ މީހުންނާ މެދު އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުން މިއަށްވުރެ އޯގާތެރި ސިޔާސަތެއް ގެންގުޅުމަށް ގޮވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ސަމްބާލީ ޓްރަސްޓުން ދަނީ އެފަދަ އަންހެނުންނަށް މަސައްކަތްތެރިކަމުގެ ތަމްރީނާއި ތައުލީމު ފޯރުކޮށްދީ، އެމީހުންގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވަމުންނެވެ.





