އދ. ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން، ހަމަނުޖެހުމެއްގައި ބައިވެރިވާ އެއްވެސް ގައުމަކުން އެ ގައުމަކާ ގުޅޭ މައްސަލައެއްގެ ނިންމުންތަކުގައި ވޯޓު ނުދެވޭ ގޮތަށް އޮންނަ އދ. ގެ ޗާޓަރުގެ 27 ވަނަ މާއްދާގެ 3 ވަނަ ނުކުތާ ތަންފީޒުކުރުމަށް ގައުމުތަކުން ގޮވާލަން ފަށައިފިއެވެ. އެގޮތަށް ގޮވާލައިފައި ވަނީ، ސްޕެއިނާއި މެކްސިކޯއާ ބައިވެރިވާ 14 ގައުމަކުން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ފޮނުއްވި ރަސްމީ ސިޓީއެއް ގައެވެ.
މި ގައުމުތަކުގެ ތެރޭގައި ކުވެއިތު، އޮސްޓްރިއާ، ބަލްގޭރިއާ، އެސްޓޯނިއާ، ލަގްޒެމްބާގް، ނޯވޭ، ސްވިޑަން އަދި ސްވިޒަލޭންޑް ހިމެނެއެވެ.
ގާނޫނީ ދިރާސާތަކުން ދައްކާ ގޮތުގައި 1945 ވަނަ އަހަރު ލިޔެފައިވާ މި މާއްދާއަކީ ނަޒަރީ ގޮތުން މަޖުބޫރު މާއްދާއެކެވެ. ނަމަވެސް، އަމަލީ ގޮތުން މިހާތަނަށް ބޭނުންކުރަމުން އައިސްފައި ވަނީ އިހުތިޔާރީ ކަމެއްގެ ގޮތުގައެވެ. މީގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތަކުން 1940 ގެ ފަހުކޮޅުން ފެށިގެން މި މާއްދާއަށް އަމަލުކުރުމެއް ނެތި އާދައިގެ މަތިން ވޯޓު ދެމުން ގެންދެއެވެ.

މި ގައުމުތަކުން މިފަދަ ފިޔަވަޅެއް އަޅާފައިވަނީ އެމެރިކާއިން ޔަހޫދީންނަށް ވާގި ވެރިވުމަށް އެމެރިކާ އަޑީގައި އޮވެގެން ގާނޫނާ ޚިލާފްކަންކަން ކުރުވާފަ އެކަން މަތި ޖަހައި ޔަހޫދީ ދައުލަތް ސަލާމަތް ކުރުމަށް ވީޓީޯގެ ބާރު ބޭނުން ކުރާތީއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އދ. އުފެދުނީއްސުރެ 2025 ގެ ނިޔަލަށް ހިނގާފައިވާ 320 ހާދިސާއެއްގެ ތެރެއިން، އެމެރިކާއިން 94 ފަހަރު ވީޓޯގެ ބާރު ބޭނުންކޮށްފައިވެއެވެ.
ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މީގެ ކުރިން ވަނީ ވީޓޯގެ ބާރު މުޅިން އުވާލުމަށް ގޮވާލައްވާފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، ދުނިޔޭގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވާ ކަންކަމުގައި އެމެރިކާ ފަދަ ގައުމުތައް ދާއިމީ މެންބަރުންގެ ގޮތުގައި ތިބެ، އެ ގައުމުތަކުގެ މަސްލަހަތު އޮންނަ ކަންކަމުގައި ވީޓޯ ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
އދ. ގެ ޗާޓަރަށް އެއްވެސް ބަދަލެއް ގެނައުމަށް އާންމު މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވެއެވެ. އަދި އިތުރުން ސަލާމަތީ މަޖިލީހުގެ ދާއިމީ 5 މެންބަރުންގެ ރުހުންވެސް ބޭނުންވެއެވެ. މިއީ ބަދަލު ގެންނަން ބޭނުންވާ ގައުމުތަކަށް އޮތް ބޮޑު ގޮންޖެހުމެ ކެވެ. ނަމަވެސް، މި 14 ގައުމުގެ މަގްސަދަކީ ސިޔާސީ ގޮތުން ޕްރެޝަރު ބޮޑުކޮށް، ގައުމުތަކުން އަމިއްލައަށް އިސްނަގައިގެން މި ގަވާއިދަށް ބޯލެނބުމަށް ބާރުއެޅުމެވެ.







