ހަނގުރާމައާ ގުޅިގެން ދުބާއީ އާއި އަބޫދާބީގެ ސްޓޮކް މާކެޓުން 120 ބިލިއަން ޑޮލަރު ގެއްލިއްޖެ

މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާއިރު، އެކަމުގެ ނޭދެވޭ އަސަރު ޔޫއޭއީގެ މާލީ ބާޒާރުތަކަށް ވަރަށް ބޮޑަށް ކޮށްފިއެވެ. އަރަބި މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ދުބާއީ އާއި އަބޫދާބީގެ ސްޓޮކް މާކެޓްތަކުން 120 ބިލިއަން ޑޮލަރު ވަނީ ގެއްލިގެން ގޮސްފައެވެ.

މީގެ އިތުރުން، ތެލާއި ގޭހުގެ އަގުތައް އުފުލުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް މިހާތަނަށް 111 ބިލިއަންގެ ގެއްލުން ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހަނގުރާމައިގެ ސަބަބުން ސާފުނުކުރާ ތެޔޮ ސަޕްލައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަން މާކެޓްގައި ވަނީ ބޮޑުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑް އޮއިލް ފީފާއެއްގެ އަގު މިހާރު ވަނީ 113 ޑޮލަރަށް އުފުލިފައެވެ. އަދި އެމެރިކާގެ ސާފުނުކުރާ ތެޔޮ ފީފާއެއް 103 ޑޮލަރަށް ވުރެ މަތީގައި މިހާރު ދަނީ ޓްރޭޑް ކުރެވެމުންނެވެ. ތެލުގެ އަގަށް އަންނަ މި ބަދަލުތަކަކީ މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމާ ގުޅިގެން އައިސްފައިވާ ބަދަލުތަކެކެވެ.

އޭޝިއާގެ ސްޓޮކް މާކެޓްތަކަށް ބަލާއިރު، އެކި ގައުމުތަކުގެ މާކެޓްތަކުން ފެންނަނީ ތަފާތު މަންޒަރެކެވެ. އެގޮތުން ޕާކިސްތާން ސްޓޮކް އެކްސްޗޭންޖްގެ ހަންޑްރެޑް އިންޑެކްސް ވަނީ 1,900 ޕޮއިންޓް (1.5 އިންސައްތަ) އިތުރުވެ، 148,743 ޕޮއިންޓުން ބަންދުވެފައެވެ.

ނަމަވެސް، އެހެން ގައުމުތަކުގެ މާކެޓްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ކޮރެއާގެ ކޮސްޕީ އިންޑެކްސް 4 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައިވާއިރު، އިންޑިއާގެ ސްޓޮކް އެކްސްޗޭންޖް 2 އިންސައްތަ އަދި ޖަޕާނުގެ ނިކޭ އިންޑެކްސް ވަނީ 1.5 އިންސައްތަ ދަށަށް ގޮސްފައެވެ.

ހިއްސާ ކުރައްވާ!