އެމެރިކާގެ ސޮލީބީ ހަނގުރާމަވެރި ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާއިން ދެން އެހީތެރިކަން ނުދޭނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އިރާނުގެ ސަރުކާރު ވައްޓާލުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުން ދެކޮޅު ހަދާފައިވާ ކަމަށާއި، އަދި އިޒްރޭލަށް އަސްކަރީ ސާމާނު އުފުލާ މަތިންދާބޯޓުތައް ފަރަންސޭސިވިލާތުގެ ވައިގެ ސަރަހައްދުން ދަތުރުކުރުމުގެ ހުއްދަ އެ ގައުމުން ނުދޭ ކަމަށެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އިރާނާ ގުޅޭ ކަންކަމުގައި ފަރަންސޭސިވިލާތުން އަމަލުކުރަނީ އެއްވެސް އެހީތެރިކަމެއް ނެތް ގޮތަކަށެވެ. އަދި މިކަން އެމެރިކާއިން ހަނދާން ބަހައްޓާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށް ތެޔޮ ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ ގައުމުތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، އިނގިރޭސިވިލާތާއި އެހެން ގައުމުތަކުންވެސް ކުރަން ޖެހޭ ކަމަކީ އެމެރިކާ އަތުން ތެޔޮ ގަތުމެވެ.
"އެމެރިކާގައި ބޭނުންވާ ވަރަށްވުރެ ގިނައިން ތެޔޮ އެބަހުރި. ނޫންނަމަ ހިތްވަރު ދައްކާފައި އަމިއްލައަށް ހުރުމުޒުއަށް ގޮސް ތެޔޮ ހޯދާ،" ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމެރިކާއިން ދެން ކޮންމެ ގައުމަކަށް އެހީތެރިކަން ފޯރުކޮށް ނުދޭނެ ކަމަށާއި، ކޮންމެ ގައުމަކުންވެސް އަމިއްލައަށް ހަނގުރާމަ ކުރަން ދަސްކުރަންޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އެމެރިކާއިން ތިޔަ ގައުމުތަކަށް އެހީތެރިވާކަށް މިހާރަކު ނެތް. އެއީ ތިޔަ ގައުމުތަކުންވެސް އަހަރެމެންނާއެކު ނެތީމަ،" އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވާ ގޮތުގައި، އިރާން މިހާރު އޮތީ މުޅިން ހަލާކުވެފައެވެ. އަދި ހަނގުރާމައިގެ އެންމެ އުނދަގޫ ބައި ނިމިފައިވާ ކަމަށާއި، ދެން އޮތީ އެ ގައުމުތަކުން އަމިއްލައަށް ގޮސް ތެޔޮ ހޯދުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕަކީ ދެއުޅި އެއްނުވާ ޒާތުގެ ވާހަކަ ދައްކާ މީހެކެވެ.







