އެމެރިކާގެ އިސްވެރިން އަމިއްލަ ގައުމުގެ ރައްޔިތުންނަށްވުރެ ބޮޑަށް އިޒްރޭލުގެ މަސްލަހަތު އިސްކުރަމުންދާ ކަމަށް ވިދާޅުވެ، އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެއްޖެއެވެ.
ގާލީބާފް މިފަދައިން ވިދާޅުވީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ދެމުންދާ ޓެރަރިސްޓް ހަމަލަތަކުގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލި، އެމެރިކާގެ އާއިލާތަކަށް ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށް ސީ.އެން.އެން އިން ރިޕޯޓްކުރުމާ ގުޅިގެންނެވެ.

މީސްމީޑިއާ މެދުވެރިކޮށް ޕޯސްޓް ކުރައްވަމުން ގާލީބާފް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އެމެރިކާގެ އާންމު ރައްޔިތުން ބަނޑަށް ޖެހުމަކީ ހިތާމަވެރި ކަމެއް ކަމަށެވެ.
"މިއީ ގައުމުގެ އިސްވެރިން، ބުރަ މަސައްކަތްކުރާ އާންމު ރައްޔިތުންނަށްވުރެ އެހެން ބަޔަކު އިސްކުރުމުން ވާނެ ގޮތް. މިހާރު އެއީ 'އެމެރިކާ ފަސްޓް' އެއް ނޫން، އެއީ 'އިޒްރޭލް ފަސްޓް’،" އޭނާ ވިދާޅުވިއެވެ.
އީރާނުގެ މަޖިލިސް ރައީސްގެ މި ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ ސީ.އެން.އެންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނިއުޔޯކްގެ އަލްބަނީއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ އެންވަޔަރަންމަންޓަލް ސައިންޓިސްޓެއް ކަމަށްވާ ސާރާ ލޯހުން ފަދަ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށެވެ.
ސާރާ ކޮންމެ ދުވަހަކު ވަޒީފާއަށް ދިއުމަށް 50 މޭލުގެ ދަތުރެއް ކުރަންޖެހެއެވެ. އެކަމަށްޓަކައި، ތެލަށް ކުރަންޖެހޭ ހޭދަ މިދިޔަ މަހު އެކަނިވެސް 70 ޑޮލަރަށްވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ. މި ޚަރަދުތައް ފޫބެއްދުމަށްޓަކައި އޭނާ ވަނީ މަސައްކަތު ގަޑީގައި މެންދުރުގެ ކެއުން ދޫކޮށްލަން ފަށާފައެވެ. މީގެ ސަބަބުން ހަފުތާއަކު ގާތްގަނޑަކަށް 30 ޑޮލަރު ސަލާމަތް ކުރެވެއެވެ. ނަމަވެސް، އޭނާ ހުންނަންޖެހެނީ ވަރުބަލިވެ ހައިވެފައި ކަމަށް ސީ.އެން.އެންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި ހާލަތަކީ އެމެރިކާގެ ސަރުކާރުން ބޭރުގެ ހަނގުރާމަތަކަށް ކުރާ ހޭދަ އިތުރުވެ، އަމިއްލަ ރައްޔިތުންގެ އިގްތިސާދީ ދުޅަހެޔޮކަން އިހުމާލުވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި އީރާނުން ސިފަކުރެއެވެ.
އެމެރިކާއަކީ ފަލަސްޠީނުގެ ޖެނޮސައިޑް ހިންގުމަށް އަޑީގައި އޮވެގެން އިސްރާއީލަށް އެހީތެރިވެ ފައިސާއާއި ހަތުޔާރުދޭ ގައުމެވެ.






