އުދުހޭ ބޯޓަށް އަޅާ ކަރާސީނު ތެޔޮ އަގު ބޮޑުވެއްޖެ

އިންޑިއާގައި އުދުހޭ ބޯޓަށް އަޅާ ކަރާސީނު ތެޔޮ ދެގުނައަށް ބޮޑު ކޮށްފިއެވެ. އަދި އެއާއެކު އުދުހޭ ބޯޓޫގެ ޓިކެޓްގެ އަގުތައްވެސް ބޮޑުވާނެ ކަމުގެ އިންޒާރު ދީފިއެވެ.

ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން އެމެރިކާއާއި އިސްރާއީލުން ދުނިޔެ ފަސާދަ ކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި އިންޑިއާ ރުޕީސްގެ އަގު ދަށްވުމުގެ ސަބަބުން، އިންޑިއާގައި މަތިންދާބޯޓަށް އަޅާ ކަރާސީނު ތެލުގެ ކިލޯލީޓަރެއްގެ އަގު މިހާރު ވަނީ 2 ލައްކަ ރުޕީސްއަށްވުރެ މައްޗަށް އަރާފައެވެ.

މިއީ ކުރީ މަހާ އަޅާބަލާއިރު %115 ގެ އަގު ބޮޑުވުމެކެވެ. މީގެ އިތުރުން މުމްބާއީ، ޗެންނާއީ އަދި ކަލްކަތާ ފަދަ ބޮޑެތި ސިޓީތަކުގައިވެސް ތެލުގެ އަގު ވަނީ މިފަދަ މިންވަރަކަށް އުފުލިފައެވެ. ބައިނަލްއަގުވާމީ ދަތުރުތަކަށް ބޭނުންކުރާ ތެލުގެ އަގުވެސް ވަނީ %107 އުފުލި، ކިލޯލީޓަރަކަށް 1700 ޑޮލަރަށް އަރާފައެވެ.

މި ބަދަލާ ގުޅިގެން އެއާލައިންތަކުން ބުނަމުންދަނީ، ދަތުރުތައް ކުރުމަށް ހިނގާ ޚަރަދުގެ %40 އަކީ ތެލުގެ ޚަރަދު ކަމަށްވާއިރު، މި އައި ބަދަލާއެކު ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތައް ވަރަށް ބޮޑަށް އުފުލޭނެ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު އެއާލައިންތައް ކަމަށްވާ އިންޑިގޯ، އެއާ އިންޑިއާ އަދި އަކާސާ އެއާ ފަދަ ކުންފުނިތަކުން މިހާރުވެސް ވަނީ ފިއުލް ސާޗާޖް ބޮޑުކުރަން ފަށާފައެވެ. ނަމަވެސް، ޓިކެޓްގެ އަގު މާބޮޑަށް އުފުލިއްޖެނަމަ ދަތުރުކުރާ މީހުންގެ އަދަދު މަދުވެ، ބައެއް ރޫޓުތަކުގެ ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް އެއާލައިންތަކުން ފާހަގަކުރެއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން އީރާނުން ހުރުމުޒު ކަނޑު އޮޅި ބަންދު ކުރުމާއި، ބައިނަލްއަގުވާމީ ގޮތުން ތެޔޮ ސާފުކުރުމަށް ހިނގާ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ 28 އިން ފެށިގެން ބައިނަލްއަގުވާމީ ބާޒާރުގައި ކަރާސީނު ތެލުގެ އަގު ވަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެފައެވެ.

އިންޑިއާގައި ކަރާސީނު ތެޔޮ އަގު ބޮޑުވިނަމަވެސް އިންޑިއާއިން ބޭރަށް ވިއްކާ ތެލަށް ނަގާ ޑިއުޓީގެ ސަބަބުން، ގައުމަށް ބޭނުންވާ ވަރަށް ތެލުގެ ސަޕްލައި ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!