ފްރާންސްގެ ރައީސާއި އޭނާގެ އަނބިކަނބަލުންނަށް ޓްރަމްޕް މަލާމާތް ކުރައްވައިފި

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި ނޭޓޯގެ ބައިވެރިން ބައިވެރިނުވާތީ އެ ގައުމުތަކަށް ފާޑުވިދާޅުވަމުން، ބުދަ ދުވަހު ބޭއްވި މެންދުރުގެ ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަރަންސޭސި ރައީސަށާއި އޭނާގެ އަނބިކަނބަލުންނަށް މަލާމާތް ކުރައްވައިފިއެވެ.

ވައިޓް ހައުސްގެ ޔޫޓިއުބް ޗެނަލްގައި ކުޑަވަގުތުކޮޅަކަށް އާންމުކުރުމަށްފަހު ފަހުން ބްލޮކްކޮށްފައިވާ ވީޑިއޯއެއްގައި ޓްރަމްޕް ވިދާޅުވީ،

"އަހަރެމެން އެމީހުންގެ ބޭނުމެއް ނެތް، އެކަމަކުވެސް އަހަރެން އެހީތެރިކަމަށް އެދުނިން،" ކަމަށެވެ.

"އަހަރެން ފަރަންސޭސިވިލާތުގެ މެކްރޮންއަށް ގުޅިން. އޭނާގެ އަނބިކަނބަލުން އޭނާއާ މެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް. އަދިވެސް އެ ހުރީ ދަތްދޮޅިއަށް އެރި ހަމަލާއިން ސަލާމަތް ނުވެވިފައި،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އިޝާރާތް ކުރެއްވީ 2025 ވަނަ އަހަރުގެ މެއި މަހު އާންމުވި ޚަބަރު ވީޑިއޯއަކަށެވެ. އެ ވީޑިއޯއިން ފެންނަނީ ވިއެޓްނާމަށް ކުރެއްވި ދަތުރުފުޅެއްގައި ބްރިޖިޓް މެކްރޮން، ފަރަންސޭސި ރައީސްގެ މޫނުމަތީގައި ތަފާއްޔެއް ޖަހާ ތަނެވެ. ނަމަވެސް މެކްރޮން ފަހުން ވަނީ އެއީ ދޮގު މައުލޫމާތު ފެތުރުމުގެ ކެމްޕޭނެއްގެ ބައެއް ކަމަށް ވިދާޅުވެ އެކަން ދޮގުކުރައްވާފައެވެ.

"އަދި އަހަރެން ބުނިން، 'އިމަނުއަލް، އަހަރެމެން ނުބައި މީހުން ނައްތާލުމާއި ބެލިސްޓިކް މިސައިލްތައް ވައްޓާލުމުގައި ރެކޯޑްތައް މުގުރަމުން ދިޔަ ނަމަވެސް، ގަލްފް ސަރަހައްދުގައި އެހީތެރިކަން ބޭނުންވޭ. އަހަރެމެން އެހީތެރިކަން ބޭނުންވޭ. ކަލެއަށް ކުރެވެން އޮތް ނަމަ، ވީހާވެސް އަވަހަކަށް މަނަވަރުތައް ފޮނުވައިދީ،'" ޓްރަމްޕް ވިދާޅުވިއެވެ.

ދެން އޭނާ ވަނީ ފަރަންސޭސި ރާގަކަށް ވާހަކަދައްކަވަމުން، މެކްރޮން ދެއްވި ކަމަށް ބުނާ ޖަވާބު ނަކަލުކުރައްވާފައެވެ:

"’ނޫން ނޫން ނޫން، ޑޮނަލްޑް، އަހަރެމެންނަށް އެކަމެއް ނުކުރެވޭނެ. އަހަރެމެންނަށް އެކަން ކުރެވޭނީ ހަނގުރާމައިން މޮޅުވުމުން،'" އޭނާ ވިދާޅުވިއެވެ.

"އަހަރެން ބުނިން، 'ނޫން ނޫން، ހަނގުރާމައިން މޮޅުވުމަށްފަހު އިމަނުއަލްގެ ބޭނުމެއް ނެތް،'" ޓްރަމްޕް ވިދާޅުވިއެވެ.

"އެހެންވީމާ އަހަރެންނަށް ނޭޓޯއާ ބެހޭގޮތުން އެނގުނު އެއްޗަކީ 'ބޮޑު ހަނގުރާމައެއް' ލައިގެންފި ނަމަ ނޭޓޯއެއް ނޯންނާނެކަން، ބޮޑު ހަނގުރާމައޭ މި ބުނާ މާނަ ތިޔަބޭފުޅުންނަށް އެނގިލައްވާނެ،" އިތުރު ތަފްސީލެއް ނުދެއްވައި ޓްރަމްޕް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ނޭޓޯއަކީ "ކަރުދާސް މިނިކާވަގެއް" ގެ ގޮތުގައި ސިފަކުރައްވާފައެވެ. މިއީ މިދިޔަ އަހަރު ވައިޓް ހައުސްއަށް އެނބުރި ވަޑައިގަތް ފަހުން، ޓްރަމްޕާއި އޭނާގެ އިސް އޮފިޝަލުން އެ އިއްތިހާދާ ދެކޮޅަށް ދެއްވި އެންމެ ފަހުގެ ހަމަލާއެވެ.

ޓްރަމްޕް ވަނީ ސައޫދީ ވަލީ އަހުދަށްވެސް އަދި ކުވެއިތުގެ ވެރިންނަށްވެސް މަލާމާތް ކުރައްވާފައެވެ.

އަންގާރަ ދުވަހު ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާ ދެކޮޅު ހަނގުރާމަ ނިމުމުން، އެމެރިކާއިން ނޭޓޯއާ އޮންނަ ގުޅުން "އަލުން މުރާޖައާ ކުރަން ޖެހޭނެ" ކަމަށެވެ.

ހިއްސާ ކުރައްވާ!