އީރާންގެ ރައީސް މަސްއޫދު ޕަޒަކްޝިއަން އެމެރިކާ ރައްޔިތުންނަށް ފޮނުއްވި ހުޅުވާލާފައިވާ ސިޓީގެ ތަރުޖަމާ މިވަނީއެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ
"އެމެރިކާގެ ރައްޔިތުންނަށާއި، ހަގީގަތް އޮޅުވާލުމާއި އުފައްދާފައިވާ ބުހުތާން ދޮގު ވާހަކަތަކުގެ ތެރެއިންވެސް، ހަގީގަތް ހޯދުމަށް މަސައްކަތްކޮށް، ފާގަތި ދިރިއުޅުމަކަށް އުންމީދުކުރާ އެންމެހައި ފަރާތްތަކަށް:
"އީރާނަކީ އެގައުމުގެ ނަމާއި، ސިފައާއި، އަދި އަމިއްލަވަންތަކަމަށް ބަލާއިރު އިންސާނީ ތާރީޚުގައި މެދުނުކެނޑި ދެމިއޮތް އެންމެ ދުވަސްވީ އެއް ހަޟާރީ ތަހުޒީބެވެ. ތަފާތު ދުވަސްވަރުގައި ތާރީޚީ އަދި ޖިއޮގްރަފީ ގޮތުން ލިބިފައިވާ ކުރިއެރުންތަކާއެކުވެސް، އީރާނުގެ ޒަމާނީ ތާރީޚުގައި ދުވަހަކުވެސް އިސްވެ ހަމަލާދިނުމުގެ، ނުވަތަ ސަރަހައްދު ފުޅާކުރުމުގެ، ނުވަތަ އިސްތިއުމާރުކުރުމުގެ ނުވަތަ އެހެން ބަޔަކު ބާރުގެ ދަށަށް ގެނައުމުގެ މަގެއް އީރާނުން އިޚްތިޔާރުކޮށްފައެއް ނުވެއެވެ. ބޭރުގެ ބާރުތަކުގެ އިސްތިއުމާރާއި، ސިޔާދަތަށް އަރައިގަތުމާއި، އަދި މެދުނުކެނޑި ކުރިމަތި ކުރަމުން ދިޔަ ފިއްތުންތަކަށް ކެތްތެރިވުމަށްފަހުވެސް އަދި އަވަށްޓެރި ގިނަ ގައުމުތަކަށްވުރެ އަސްކަރީ ގޮތުން ކުރިހޯދިފައިވީ ނަމަވެސް އީރާނުން ދުވަހަކުވެސް ހަނގުރާމައެއް ފަށާފައެއް ނުވެއެވެ. އެހެންނަމަވެސް، އީރާނަށް ހަމަލާދިން ފަރާތްތަކަށް ސާބިތުކަމާއި ހިތްވަރާއެކު އިރާނުން ވަނީ ރައްދުދީފައެވެ.
"އީރާނުގެ ރައްޔިތުންގެ ހިތްތަކުގައި އެހެން ގައުމުތަކުގެ މީހުންނަށް، އަދި އެމެރިކާ، ޔޫރަޕް ނުވަތަ އަވަށްޓެރި ގައުމުތަކުގެ ރައްޔިތުންނާ މެދު ވެސް ދެކޮޅުވެރިކަމެއް ނެތެވެ. އީރާނުގެ ފަޚުރުވެރި ތާރީޚުގައި ބޭރުގެ ނުފޫޒުތަކާއި ފިއްތުންތަކާ ތަކުރާރުކޮށް ކުރިމަތިލާން ޖެހުނު ނަމަވެސް، އީރާނުގެ ރައްޔިތުން އަބަދުވެސް ސަރުކާރުތަކާއި އެ ސަރުކާރުތަކުން ވެރިކަންކުރާ ރައްޔިތުންނާ ދެމެދު ސާފު ތަފާތެއް ކުރެއެވެ. މިއީ އީރާނުގެ ސަގާފަތާއި ޖަމާއީ ވިސްނުމުގައި ވަރަށް ފުންކޮށް މޫލާފައިވާ އުސޫލެކެވެ. މިއީ ވަގުތީ ސިޔާސީ ގޮތް ނިންމުމެއް ނޫނެވެ.
"މި ސަބަބަށްޓަކައި، އީރާނަކީ ބިރެއްގެ ގޮތުގައި ސިފަކުރުމަކީ ތާރީޚީ ހަގީގަތްތަކާ ނުވަތަ މިއަދު ފެންނަން ހުރި ހަގީގަތްތަކާވެސް ފުށުއަރާ ކަމެކެވެ. މިފަދަ ތަސައްވުރަކީ ބާރުގަދަ ފަރާތްތަކުގެ ސިޔާސީ އަދި އިގްތިސާދީ ބޭނުންތަކުގެ ނަތީޖާއެވެ. އެއީ ފިއްތުންތައް ކުރިމަތިކުރުމަށް އުޒުރެއް ދެއްކުމަށާއި، އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމަށާއި، ހަތިޔާރު އުފައްދާ ސިނާއަތް ކުރިއެރުވުމަށާއި، އަދި ސްޓްރެޓެޖިކް މާކެޓްތައް ކޮންޓްރޯލްކުރުމަށްޓަކައި ދުޝްމަނަކު އުފަންކުރުމުގެ ބޭނުމުގައި ކުރާ ކަމެކެއވެ. މިފަދަ މާހައުލެއްގައި، ބިރެއް ނެތް ނަމަ، އެ ބިރެއް ވުޖޫދު ކުރުވައި އުފަންކުރެވެއެވެ.
"މި ވިސްނުމުގެ ތެރެއިން، އެމެރިކާއިން ވަނީ އީރާނުގެ ވަށައިގެންވާ ގައުމުތަކުގައި ގިނަ އަދަދެއްގެ ސިފައިންނާއި، އަސްކަރީ މަރުކަޒުތަކާއި، އަދި އަސްކަރީ ގާބިލުކަން ޖަމާކޮށްފައެވެ. އީރާނަކީ، އެމެރިކާ އުފެދުނީއްސުރެ، ދުވަހަކުވެސް ހަނގުރާމައެއް ފަށާފައިވާ ގައުމެއް ނޫނެވެ. އެމެރިކާއިން ސަރަހައްދުގައި ހަދާފައިވާ މަރުކަޒުތަކުން ފަށާފައިވާ އެމެރިކާގެ ފަހުގެ ހަމަލާތަކުން ވަނީ މިފަދަ އަސްކަރީ ބަނޑަހަޖެހުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ހާމަކޮށްދީފައެވެ. ގުދުރަތީ ގޮތުންވެސް، މިފަދަ ހާލަތްތަކާ ކުރިމަތިލާންޖެހޭ އެއްވެސް ގައުމަކުން އެ ގައުމެއްގެ ދިފާއީ ގާބިލުކަން ވަރުގަދަކުރުން ދޫކޮށެއް ނުލާނެއެވެ. އީރާނުން ކޮށްފައިވާ އަދި ކުރަމުންދާ ކަންތައްތަކަކީ އަމިއްލަ ދިފާއަށް ބިނާކޮށްފައިވާ މިންހެޔޮ ރައްދެކެވެ. އެއީ އެއްވެސް ހާލެއްގައި ހަނގުރާމައެއް ފެށުމަށް ނުވަތަ އިސްވެ ހަމަލާދިނުމެއް ނޫނެވެ.
"އީރާނާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަކީ އަސްލު ދެކޮޅުވެރި ގުޅުމެއް ނޫނެވެ. އަދި އީރާނާއި އެމެރިކާގެ ރައްޔިތުންގެ މެދުގައި ކުރިން ހިނގާފައިވާ މުއާމަލާތްތަކަކީ ދެކޮޅުވެރިކަމެއް ނުވަތަ ނުތަނަވަސްކަމެއް އޮތް ކަންކަމެއް ނޫނެވެ. ނަމަވެސް، މިކަން ބަދަލުވެގެންދިޔަ ހިސާބަކީ 1953 ވަނަ އަހަރު ގެނައި ބަޣާވާތެވެ. އެއީ އީރާނުގެ އަމިއްލަ ވަސީލަތްތައް (ތެޔޮ) ގައުމީ މިލްކިއްޔާތަކަށް ހެދުން ހުއްޓުވުމަށް އެމެރިކާއިން ޣައިރު ގާނޫނީ ގޮތުން ތަދައްޚުލުވެގެން ހިންގި ބަޣާވާތެވެ. އެ ބަޣާވާތުގެ ސަބަބުން އީރާނުގެ ޑިމޮކްރެޓިކް މަރުހަލާ ހުއްޓުމަކަށް އައިސް، އަލުން ހުދުމުޚުތާރު ވެރިކަމެއް ގާއިމުވެ، އެމެރިކާގެ ސިޔާސަތުތަކާމެދު އީރާނުގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލިގެންދިޔައެވެ.
ޝާހުގެ ނިޒާމަށް އެމެރިކާއިން ދިން ތާއީދާއި، 1980 ގެ އަހަރުތަކުގައި ކުރިމަތިކުރުވި ހަނގުރާމައިގައި ސައްދާމް ހުސައިނަށް އެމެރިކާއިން ވާގިވެރިވުމާއި، ޒަމާނީ ތާރީޚެއްގައި ކުރިމަތިކުރުވި އެންމެ ދިގު އަދި އެންމެ ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކާއި، އަދި އެންމެ ފަހުން، މަޝްވަރާތައް ކުރިއަށްދަނިކޮށް ދެ ފަހަރެއްގެ މަތިން އީރާނަށް ދިން އުދުވާނީ ހަމަލާތަކުގެ ސަބަބުން މި އިތުބާރު ގެއްލުން އިތުރަށް ބޮޑުވެގެން ދިޔައެވެ.
"ނަމަވެސް މި ހުރިހާ ފިއްތުންތަކާ އެކު ވެސް އީރާން ބަލިކަށިކޮށްލެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، ގިނަ ދާއިރާތަކަކުން އީރާނުން ވަނީ އިތުރަށް ވަރުގަދަ ކަން ހޯދާފައެވެ. ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް ވަނީ ތިން ގުނަ އިތުރުވެފައެވެ. އެއީ އިސްލާމީ އިންގިލާބުގެ ކުރިން ހުރި ގާތްގަނޑަކަށް 30 އިންސައްތައިން މިއަދު 90 އިންސައްތައަށް ވުރެ މައްޗަށް ދިއުމެވެ. މަތީ ތައުލީމު ވަނީ ވަރަށް ބޮޑަށް ފުޅާވެފައެވެ. ޒަމާނީ ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާއިރު، ސިއްހީ ހިދުމަތްތައް ވަނީ ރަނގަޅުވެފައެވެ. އަދި އުމްރާނީ ތަރައްގީ ވަނީ މާޒީއާ އަޅާނުކިޔޭ ފަދަ ބާރުމިނެއްގައި ކުރިއަށް ގޮސްފައެވެ. މިއީ ހަދައިފައިވާ ފުލޯކު ދޮގު ވާހަކަތަކާ ގުޅުމެއް ނެތް، ފެންނަން ހުރި ހަގީގަތްތަކެވެ.
"ހަމައެއާއެކު، ދަތިކުރުމުގެ ފިޔަވަޅުތަކާއި، ހަނގުރާމައާއި، އުދުވާނުގެ ސަބަބުން އީރާނުގެ ހިތްވަރުގަދަ ރައްޔިތުންގެ ދިރިއުޅުމަށް ކުރި ނޭދެވޭ އަދި އިންސާނިއްޔަތާ ހިލާފު އަސަރުތަކަކީ ކުޑަކޮށް ދެކެވޭނެ ކަންކަމެއް ނޫނެވެ. އަސްކަރީ އުދުވާންތަކާއި ފަހަކަށް އައިސް ދިން ބޮން އެޅުމުގެ ހަމަލާތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށާއި، ވިސްނުމަށާއި، ދެކޭގޮތަށް ފުން އަސަރުތަކެއް ކުރެއެވެ. މިއީ އިންސާނީ ފިތުރަތުގެ ހަގީގަތެކެވެ. ހަނގުރާމައިގެ ސަބަބުން މީހުންގެ ފުރާނައަށާއި، ގެދޮރަށާއި، ސިޓީތަކަށާއި، މުސްތަގުބަލަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުން، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކާ މެދު ރައްޔިތުން ހަނަކު ނުތިބޭނެއެވެ.
"މިއީ އަސާސީ ސުވާލެއް އުފެދޭ ކަމެކެވެ. މި ހަނގުރާމައިގެ ސަބަބުން ހަގީގަތުގައި ހާސިލުވަނީ އެމެރިކާގެ ރައްޔިތުންގެ ކޮން މަސްލަހަތެއް ހެއްޔެވެ؟
މިފަދަ އަމަލުތަކެއް ހިންގަނީ އީރާނުން އެއްވެސް ނުރައްކަލެއް އޮވެގެން ހެއްޔެވެ؟
ކުށެއް ނެތް ކުޑަކުދިން މެރުމާއި، ކެންސަރަށް ފަރުވާދޭ ބޭސް އުފައްދާ ތަންތަން ސުންނާފަތިކުރުމާއި، ނުވަތަ ގައުމެއް 'ބޯދާ ޒަމާނަށް' ފޮނުވާލާނެ ކަމަށް ބުނެ ފަޚުރުވެރިވުމަކީ، ދުނިޔޭގެ ކުރިމަތީގައި އެމެރިކާގެ އަބުރަށް ހުތުރު އެރުވުން ފިޔަވައި އެހެން ކަމެއް ހާސިލުވާނެ ހެއްޔެވެ؟
"އީރާނުން މަޝްވަރާގެ މަގު އިޚުތިޔާރުކޮށް، އެއްބަސްވުމަކަށް އައިސް، އެ ގައުމުން ވެފައިވާ ހުރިހާ ވައުދުތަކެއް ފުރިހަމަކުރިއެވެ. އެ އެއްބަސްވުމުން ވަކިވުމަށާއި، ކުރިމަތިލުންތަކަށް މަގުފަހިކުރުމަށާއި، މަޝްވަރާތައް ކުރިއަށްދަނިކޮށް ދެ ފަހަރެއްގެ މަތިން އުދުވާނީ ހަމަލާ ދިނުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުންތަކަކީ ބޭރުގެ އުދުވާނީ ބާރެއްގެ ވަހުމްތަކަށް ޚިދުމަތް ކުރުމަށް ނިންމި ނިންމުންތަކެކެވެ.
"އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތަކަށާއި، ހަކަތައާއި ސިނާއީ މަރުކަޒުތަކަށް ހަމަލާދިނުމަކީ ސީދާ އީރާނުގެ ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާތަކެކެވެ. މިއީ ހަނގުރާމައިގެ ކުށަކަށް ވުމުގެ އިތުރުން، މީގެ ނަތީޖާ އީރާނުގެ ބޯޑަރުތަކުން ބޭރަށް ވެސް ފެތުރިގެންދާނެއެވެ. މީގެ ސަބަބުން ނުތަނަވަސްކަން އުފެދި، އިންސާނީ އަދި އިގްތިސާދީ ބޮޑެތި ގެއްލުންތަކެއް ލިބި، އަހަރުތަކަކަށް ދެމިގެންދާނެ ނަފުރަތުގެ އޮށްތައް އިންދެއެވެ. މިއީ ބާރުވެރިކަން ދެއްކުމެއް ނޫނެވެ. މިއީ ސްޓްރެޓެޖިކް ގޮތުން ގޮތް ހުސްވެފައިވާ ކަމުގެ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ނުކުޅެދިފައިވާ ކަމުގެ ނިޝާނެކެވެ.
"އެމެރިކާ މި އުދުވާނުގެ ތެރެއަށް ވަދެފައިވަނީ އިސްރާއީލުގެ ނުފޫޒުގައި ޖެހިގެން، އެ ގައުމަށް ގުލާނުކޮށްދޭ 'ޕްރޮކްސީ' އެއްގެ ގޮތުގައި ނޫން ހެއްޔެވެ؟
އިސްރާއީލުން އީރާނަކީ ނުރައްކަލެއް ކަމަށް ދައްކައިގެން މަސައްކަތް ކުރަނީ، ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ގައުމުން ހިންގާ ޖަރީމާތަކުން ދުނިޔޭގެ ސަމާލުކަން އަނބުރާލުމަށް ނޫން ހެއްޔެވެ؟
އިސްރާއީލުން މިހާރު އަމާޒު ހިފާފައިވަނީ އެމެރިކާގެ އެންމެ ފަހު ސިފައިންގެ މީހާއާއި އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ އެންމެ ފަހު ޑޮލަރާ ހަމައަށް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމާއި، އެ ގައުމުގެ ބާތިލު މަސްލަހަތުތައް ހާސިލުކުރުމަށްޓަކައި އެ ގައުމުގެ ވަހުމްތަކުގެ ބުރަ އީރާނަށާއި، މި ސަރަހައްދަށާއި، އަދި އެމެރިކާގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރާކަން މިއީ ސާފުކޮށް ފެންނަން އޮތް ކަމެއް ނޫން ހެއްޔެވެ؟
"މިއަދު އެމެރިކާ ސަރުކާރުގެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި 'އެމެރިކާ ފަސްޓް' ސިޔާސަތު ހިމެނޭ ހެއްޔެވެ؟
"މި އުދުވާނުގެ މުހިންމު ބައެއް ކަމުގައިވާ ދޮގު މައުލޫމާތު ފެތުރުމުގެ ނިޒާމުން ބޭރުވެ، އީރާނަށް ޒިޔާރަތްކޮށްފައިވާ މީހުންނާ ވާހަކަދެއްކުމަށް އަޅުގަނޑު ދައުވަތު އަރުވަމެވެ.
އީރާނުން ތައުލީމު ހާސިލުކޮށްގެން، ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގައި ކިޔަވައިދީ ދިރާސާކުރަމުންދާ، ނުވަތަ ހުޅަނގުގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުނިތަކަށް ޚިދުމަތްކުރަމުންދާ ގާބިލު އީރާނީ ހިޖުރަވެރިންނަށް ބައްލަވާށެވެ. މި ހަގީގަތްތަކަކީ އީރާނާއި އެ ގައުމުގެ ރައްޔިތުންނާ ބެހޭގޮތުން ތިޔަބޭފުޅުންނަށް ކިޔައިދެމުންދާ ދޮގު ވާހަކަތަކާ އެއްގޮތް ވާހަކަތަކެއް ހެއްޔެވެ؟
"މިއަދު ދުނިޔެ މިވަނީ ދެކަފިމަގެއްގެ މަތީގައެވެ. ކުރިމަތިލުމުގެ މަގުން ކުރިއަށް ދިއުމަކީ ކުރިއަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ އަދި އެއްވެސް ނަތީޖާއެއް ނުނިކުންނާނެ ކަމެކެވެ.
ކުރިމަތިލުމާއި ގުޅިގެން މަސައްކަތްކުރުމާ ދެމެދު އޮތް އިޚުތިޔާރަކީ ހަގީގީ އަދި ނަތީޖާ ބޮޑު ކަމެކެވެ؛ އޭގެ ނަތީޖާ އަންނަން އޮތް ޖީލުތަކުގެ މުސްތަގުބަލު ބައްޓަންކުރާނެއެވެ.
އީރާނުގެ އެތައް ހާސް އަހަރެއްވީ ފަޚުރުވެރި ތާރީހުގައި، އެ ގައުމު ވަނީ އެތައް އުދުވާނުނަކާ ކުރިމަތިލައި ގަދަވެގެން ފައެވެ.
އެމީހުންގެ ތެރެއިން މިއަދު އިވެނީ ތާރީޚުގައި ކިލަނބުވެފައިވާ ނަންތަކެއް އެކަންޏެވެ. ނަމަވެސް އީރާނު ދެމިއޮތީ ސާބިތުކަމާއި، އިއްޒަތާއި، ފަހުރުވެރިކަމާއެކުގައެވެ."






