ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމަށް ފާސްކޮށްފި

ދުނިޔޭގެ އެންމެ މުހިންމު ކަނޑުގެ މަގު ކަމަށްވާ ހުރުމުޒު ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ އާ ފިޔަވަޅުތަކެއް ހިމެނޭ މަޝްރޫއެއް އީރާނުގެ ޕާލަމެންޓުގެ މުހިންމު ކޮމިޓީއަކުން ފާސްކޮށްފިއެވެ.

އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޝަނުގެ މެންބަރަކު ކަށަވަރުކޮށްދެއްވި ގޮތުގައި، އެ ކޮމިޝަނުގެ އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ މި ހުށަހެޅުން ފާސްކޮށްފައެވެ. މި މަޝްރޫއަކީ އެ ހަނި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަމާއި، ތިމާވެށި ބެލެހެއްޓުމާއި، އަދި މާލީ ގަވާއިދުތަކާ ގުޅޭ އޮނިގަނޑެކެވެ.

ކޮމިޝަނުގެ މެންބަރު ހިއްސާކުރެއްވި ތަފްސީލުތަކަށް ބަލާއިރު، މި މަޝްރޫއުގައި މައިގަނޑު ބައިތަކެއް ހިމެނެއެވެ.
އޭގެ ތެރޭގައި ކަނޑުގެ ސަލާމަތީ އިންތިޒާމުތަކާއި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަމުގެ އުސޫލުތަކާއި، ތިމާވެށި ހިމާޔަތްކުރުން ހިމެނެއެވެ. މީގެ އިތުރުން، އީރާނުގެ ފައިސާ ކަމަށްވާ ރިއާލްއިން ފީ ނެގުމާ ގުޅޭ މާލީ މާއްދާތަކެއް ވެސް މި މަޝްރޫއުގައި ހިމަނާފައިވެއެވެ.

މި ހުށަހެޅުމުގައި އެމެރިކާގެ އުޅަނދުފަހަރާއި އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރު އެ ސަރަހައްދުން ދަތުރުކުރުން ހަނިކުރުމަށް ވެސް ހިމަނާފައިވެއެވެ. އަދި މިހާރު އަމަލުކުރަމުންދާ ބައިނަލްއަގުވާމީ އުސޫލުތަކުގެ ދަށުން އޮމާންއާ ގުޅިގެން އެ ކަނޑުއޮޅި ބެލެހެއްޓުމުގައި، އީރާނުގެ އިސްތިގުލާލީ ސިޔާދަތީ ދައުރު ވަރުގަދަކުރުމަށް ބޭނުންވާކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގައި ބައިވެރިވާ ގައުމުތަކުން އީރާނާ ދެކޮޅަށް އެއްފަރާތުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުން ދުރުހެލިވުމަށް ވެސް ގޮވާލާފައިވެއެވެ.

ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގައި ވަރަށް މުހިންމު މަގެކެވެ. ދުނިޔޭގައި އެކްސްޕޯޓްކުރާ ތެލާއި ގޭހުގެ ބޮޑު ބައެއް ދަތުރުކުރަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. އެހެންކަމުން، އީރާނުން މި ގެންނަން އުޅޭ ބަދަލުތަކަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފަރާތްތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓޭނެ ކަމަށް ބެލެވެއެވެ.

ކޮމިޝަނުން މި މަޝްރޫއު ފާސްކުރުމަކީ ގާނޫނީ މަރުހަލާގެ ފެށުމެވެ. މި މަޝްރޫއަށް އަމަލުކުރަން ފެށުމުގެ ކުރިން އިތުރު ބަހުސްތަކެއްކޮށް، ރަސްމީކޮށް ތަސްދީގުކުރަން ޖެހޭނެއެވެ.

ދުނިޔޭގެ މުހިންމު ހުރިހައި ކަނޑު އޮޅިއެއް ހުރަސް ކުރާ މަގުތައް އޮންނަނީ މުސްލިމު ގައުމުތަކުގެ ތެރެއިން ލައިގެންނެވެ. މަލަކާ ކަނޑު އޮޅިއާއި ހުރުމުޒު ކަނޑު އޮޅިއާއި ބާބުލްމަންދަބު ކަނޑު އޮޅިއާއި ސުއޭސް ކެނަލް ހިމެނެއެވެ.

މުސްލިމު ގައުމުތަކުން ބަލަހައްޓާ އެއްވެސް ކަނޑުއޮޅިއެއްގައި ސުއޭސް ކެނަލް ފިޔަވައި އެހެން ކަނޑު އޮޅިއަކުން ފީނެގުމެއް ނޯވެއެވެ.

އެއާ ޚިލާފަށް ކެނެޑާއާއި ސްޕެއިން އާއި ޖަރުމަންވިލާތުގައި އޮންނަ ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުތަކަށް ފީއެއް ނަގައެވެ.

ހިއްސާ ކުރައްވާ!