އެމެރިކާ ބަލިވެއްޖެ: އެމެރިކާގެ އާމީ ޗީފް އޮފް ސްޓާފް މަގާމުން ވަކިކޮށްފި

އެމެރިކާގެ އާމީ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި ޖެނެރަލް ރެންޑީ ޖޯޖް، މަގާމުން ވަކިކުރައްވައިފިއެވެ. އޭނާ މަގާމުން ވަކި ކުރެއްވީ އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު އެވެ. މިއީ އެމެރިކާގެ ސިފައިންގެ އިސް ސަފަށް އައި ކުއްލި ލޮޅުމެކެވެ.

އެމެރިކާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، ޖެނެރަލް ރެންޑީ ޖޯޖް މަގާމުން ވަކިކުރަން ނިންމެވީ، ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ޑިފެންސް ސެކްރެޓަރީ ހެގްސެތު ސިފައިންނަށް ދެއްވާ ފުށު އަރާ އަމުރުތަކާ އެއްގޮތަށް މަސައްކަތް މަސައްކަތް ކުރުމަށް ދަތިވެ ސިފައިންގެ ހިތްވަރު އެލޭކަމަށް ވިދާޅުވެ ޖެނަރަލް ޝަކުވާ ކުރެއްވުމާ ގުޅިގެންނެވެ.

ޖެނެރަލް ރެންޑީ ޖޯޖަކީ މީގެ ކުރިން ބައިޑަންގެ ސަރުކާރުގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންގެ ސީނިއާ މިލިޓަރީ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ފުރަތަމަ ގަލްފް ހަނގުރާމައާއި، އިރާގު އަދި އަފްޣާނިސްތާނު ހަނގުރާމައިގައި ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

އާންމު ގޮތެއްގައި އެމެރިކާގެ އާމީ ޗީފް އޮފް ސްޓާފްގެ މަގާމަށް ބޭފުޅުން އައްޔަން ކުރަނީ ހަތަރު އަހަރުގެ މުއްދަތަށެވެ. 2023 ވަނަ އަހަރު ސެނެޓުގެ ރުހުމާއެކު މި މަގާމާ ހަވާލުވެވަޑައިގެންނެވި ރެންޑީ ޖޯޖްގެ ދައުރު ހަމަވާން އޮތީ 2027 ވަނަ އަހަރުގައެވެ. ނަމަވެސް ދައުރުގެ މެދުތެރެއިން އޭނާ މިވަނީ މަގާމުން ވަކިކޮށްފައެވެ.

ޖެނެރަލް ރެންޑީ ޖޯޖް މަގާމުން ވަކިކުރުމާ ގުޅިގެން، ވަގުތީ ގޮތުން އާމީ ޗީފް އޮފް ސްޓާފްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ވައިސް ޗީފް އޮފް ސްޓާފް ކްރިސްޓޮފާ ލާނިއޯއެވެ. ލާނިއޯއަކީ މީގެ ކުރިން ހެގްސެތުގެ މިލިޓަރީ އެއިޑެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ހިއްސާ ކުރައްވާ!