ޗައިނާގެ 55 އަހަރުގެ މުއްސަނދި އަންހެނަކު 25 އަހަރުގެ ޒުވާނަކު ގަނެފި

ޗައިނާގެ މުއްސަނދި އަންހެނަކު އޭނާއަށްވުރެ 30 އަހަރު ހަގު ޒުވާނަކަށް 50 މިލިއަން ޔުއާންގެ އަގުހުރި ހަދިޔާތަކެއް ދިނުމަށްފަހު އޭނާއާ ކައިވެނިކޮށްފިއެވެ.

އުމުރުން 55 އަހަރުގެ ޔޫ ވެން ހޮންގް އަކީ އާދައިގެ އާއިލާއަކަށް އުފަންވި އަންހެނެކެވެ. ބައްޕަ ނިޔާވުމާ ގުޅިގެން އާއިލާއަށް އެހީތެރިވުމަށްޓަކައި އުމުރުން އެންމެ 18 އަހަރުގައި އޭނާ މަސައްކަތް ފެށީ ބިއުޓީ އިންޑަސްޓްރީގައެވެ. އޭގެ ފަހުން އަމިއްލަ ބިއުޓީ ސެލޫނެއް ހުޅުވައި، 2004 ވަނަ އަހަރު ހޮންކޮންގްގައި ވިޔަފާރި ކުންފުންޏެއް އުފައްދައި، ބޮޑު ވިޔަފާރި އެމްޕަޔަރެއް ބިނާކުރިއެވެ.

ޔޫ ވެން ހޮންގް ކައިވެނިކުރި ޒުވާނާއަކީ ކުރިން އޭނާގެ ކުންފުނީގައި މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. މި ދެމީހުން ބައްދަލުވީ 2025 ވަނަ އަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިން ވެސް ޔޫ ވެން ހޮންގް ވަނީ އޭނާގެ ލޯބިވެރިޔާއަށް މާސިޑީޒް ފަދަ އަގުބޮޑު ކާރުތަކާއި ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ދެމީހުން ކައިވެނިކޮށްފައިވަނީ 2025 ވަނަ އަހަރުގެ މާޗް މަހުގައެވެ. ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ޔޫ ވެން ހޮންގް ވަނީ އެ ޒުވާނާއަށް 50 މިލިއަން ޔުއާންގެ އަގުހުރި މުދަލާއި، ނަގުދު ފައިސާ އަދި ގެދޮރު ހަދިޔާކޮށްފައެވެ.

މިއީ ޔޫ ވެން ހޮންގް އޭނާއަށްވުރެ މާ ހަގު މީހަކާ ގުޅުން ބޭއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާގެ އުމުރުން 45 އަހަރުގައި ވެސް 25 އަހަރުގެ މޮޑެލްއަކާ ލޯބީގެ ގޮތުން އޭނާ ގުޅިފައިވާކަން ފާހަގަކުރެވެއެވެ.

ހިއްސާ ކުރައްވާ!