އީރާނުގެ އަބްޠާލުން އެމެރިކާގެ މަތިންދާބޯޓެއް ވައްޓާލައި ޕައިލެޓް އަސީރު ކޮށްފި ކަން އެމެރިކާއިން ޔަގީން ކޮށްދީފިއެވެ. އީރާނުން އެމީހާ ހައްޔަރުކޮށްފައިވާއިރުވެސް އެމެރިކާ މީހުން މަޅީގައި ޖެއްސުމަށް އިއުލާން ކޮށްފައި ވަނީ އެމެރިކާ މީހާ ހޯދައިދިން ފަރާތަކަށް އީރާނުން ފައިސާގެ އިނާމު ހުށަހަޅާ ކަމަށެވެ.
ސީއެންއެން އިން ބުނާ ގޮތުގައި އެމެރިކާގެ 7 ބޯޓެއް އީރާނުގެ އަތު ޖެހިފައި ވެއެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ޓައިމްސްގެ ވޮޝިންޓަން ރިޕޯޓަރު ޖޯޖް ގްރިލްސް ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، އީރާނުގެ ސަހަރާގެ ތެރެއިން ފެނުނު މަތިންދާބޯޓުން ކުއްލި ހާލަތުގައި ބޭރުވެގަތުމަށް ބޭނުންކުރާ ގޮނޑީގެ ފޮޓޯން އެނގޭ ގޮތުގައި އެމެރިކާގެ ދެ ޕައިލެޓުން ކުރެ އެއް ޕައިލެޓް ސަލާމަތްވެފައިވާ ކަން އެނގޭ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން އީރާނުން ފުރަތަމަ ބުނެފައިވަނީ އެންމެ ޒަމާނީ "އެފް-35″ މަރުކާގެ ބޯޓެއް ވައްޓާލި ކަމަށެވެ. ނަމަވެސް، ބޯޓުގެ ބައިތަކުގެ ފޮޓޯތަކާއި ފުރަތަމަ ކުރެވުނު ތަހުގީގުތަކުން އެނގުނު ގޮތުގައި އެއީ ދުރު ރާސްތާގެ ހަމަލާތަކަށް ހާއްސަ، ދެ މީހުންގެ ކުރޫއަކުން އޮޕަރޭޓްކުރާ "އެފް-15 ސްޓްރައިކް އީގަލް" މަރުކާގެ ބޯޓެކެވެ. މިއާއެކު، ދެވަނަ އޮފިސަރަށް ވީނުވީއެއް ނޭނގުމުގެ ސަބަބުން ވޮޝިންޓަނުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެއްލުނު ޕައިލެޓުން ހޯދުމުގެ އޮޕަރޭޝަނުގެ ތެރެއިން، އިރާގު ބޯޑަރާ 100 މޭލަށްވުރެ ދުރުގައި އެމެރިކާގެ "ބްލެކް ހޯކް" ހެލިކޮޕްޓަރެއް އީރާނު ސަރަހައްދަށް ވަނުމުން އީރާނުން ވަނީ އެ ހެލިކޮޕްޓަރުވެސް ގޮއްވާލާފައެވެ.
އީރާނުން ވަނީ އެމެރިކާ މީހުން ހޯދައިދިން ފަރާތަކަށް ގާތްގަނޑަކަށް 60،000 ޑޮލަރުގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.
މި ކަން މެދުވެރިވީ އެމެރިކާގެ އަގުބޮޑު "ޓޮމަހޯކް" މިސައިލްތައް ހުސްވުމާ ގުޅިގެން، އެމެރިކާއާއި އިސްރާއީލުން "ސްމާޓް ބޮން" ބޭނުންކޮށްގެން އީރާނަށް ސޮލީބީ ސަހުޔޫނީ ޓެރަރިސްޓް ހަމަލަ ދޭން ފެށުމުންނެވެ.
މި ބޯޓޫ ވައްޓާލާފައި ވަނީ އެމެރިކާގެ ހަނގުރާމަމަތީ ބޯޓުތައް އެއްވެސް ހުރަހެއް ނެތި އީރާނުގެ ވައިގެ ސަރަހައްދުގައި އުދުހެމުންދާތީ ޓްރަމްޕް އެކަމާ ބޮޑާވެ ފޮނިކަނޑަމުން ދަނިކޮށެވެ.
މީގެ ދެ ހަފުތާ ކުރިން އޭނާ ވިދާޅުވީ، "އަހަރެމެން އެމީހުންގެ ވައިގެ ދިފާއީ ނިޒާމު ފުނޑުފުނޑުކޮށްލައިފިން، މިހާރު އެއްވެސް ދިފާއީ ނިޒާމެއް ނެތް" ކަމަށެވެ.
އީރާނުން ބުނާ ގޮތުގައި އިއުލާން ކުރުމަކާ ނުލައި އީރާންގައި އެމެރިކާގެ އަސިރުންތަކެއް އެބަ ތިއްބެވެ.







