ދިމިޝްގުގައި ހުންނަ ޔޫއޭއީގެ އެމްބަސީއަށް ދިން ހަމަލާތައް އެ ގައުމުން ކުށްވެރިކޮށްފި

ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޑިޕްލޮމެޓިކް މިޝަނަށާއި، އެ މިޝަންގެ އިސްވެރިޔާގެ ރަސްމީ ދިރިއުޅުއްވާ ގެކޮޅަށް އަމާޒުކޮށް ހިންގި ހަމަނުޖެހުންތަކާއި ގެއްލުންދިނުމުގެ އަމަލުތައް ޔޫއޭއީ ސަރުކާރުން ހޮނިހިރު ދުވަހު ކުށްވެރިކޮށްފިއެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްބަސީއާއި އެތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ސީރިއާގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އެހެންކަމުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ތަހުގީގުކޮށް، މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރުކުރުމަށް ޔޫއޭއީން ވަނީ ސީރިއާ ސަރުކާރަށް ގޮވާލާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު އެއްވެ ޔޫއޭއީ އެމްބަސީގެ ބޭރުގައި މުޒާހަރާކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ޔޫއޭއީން ވަނީ އެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކަށް ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން ހާމަކޮށް، ސީރިއާގައި ތިބި އެ ގައުމުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް އެދިފައެވެ.

ހިއްސާ ކުރައްވާ!