ސޮލީބީ ސަހުޔޫނީ އަސްކަރީ ކުރިމަތިލުންތަކުގައި އެމެރިކާގެ ސިފައިންނަށް ލިބެމުންދާ މާލީ އަދި މާއްދީ ގެއްލުންތައް އިންތިހާއަށް އިތުރުވަމުންދާކަން ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތަކުން ހާމަވެއްޖެއެވެ. ފްރާންސްގެ ލެކްސްޕްރެސް މަޖައްލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ މާޗު މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގެ ޕްރިންސް ސުލްތާން އެއާބޭސްއަށް އީރާނުން ދިން ކާމިޔާބު ހަމަލާގައި އެމެރިކާގެ އެންމެ ކުރިއަރާފައިވާ 'އަވާކްސް' މަރުކާގެ މޮނިޓަރިން މަތިންދާބޯޓެއް ވަނީ ހަލާކު ކޮށްލާފައެވެ.
އެމެރިކާގެ 'ދަ އެޓްލާންޓިކް' އިން ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމެރިކާގެ ވައިގެ ސިފައިންނަށް ވަނީ މުހިންމު ބޯޓުތަކެއް ގެއްލިފައެވެ.
މީގެ ތެރޭގައި 90 މިލިއަން ޑޮލަރުގެ އަގުހުރި 'އެފް-15 އީ ސްޓްރައިކް އީގަލް' މަރުކާގެ 4 ހަނގުރާމަމަތީ ބޯޓާއި، ތެޔޮ އެޅުމަށް ބޭނުންކުރާ 'ކޭސީ-135′ މަރުކާގެ 4 ބޯޓު ހިމެނެއެވެ.
މީގެ އިތުރުން، ހަލާކުވި 'އީ-3 ސެންޓްރީ' ބޯޓުގެ ބަދަލުގައި އައު ބޯޓެއް ހޯދުމަށް ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.
މި ހަނގުރާމައިގައި އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޚަރަދުތަކުގެ މެދުގައި ހުރި ބޮޑު ފަރަގެވެ.
އީރާނުން ބޭނުންކުރާ ޑްރޯންތަކުގެ އަގު އުޅެނީ 20 ހާހާއި އާއި 50، ހާހާ ޑޮލަރާ ދެމެދުގައެވެ. ނަމަވެސް، މި ޑްރޯންތައް ވައްޓާލުމަށް އެމެރިކާއިން ބޭނުންކުރާ މިސައިލްތަކުގެ އަގު 3 މިލިއަނާއި 5 މިލިއަން ޑޮލަރާ ދެމެދުގެ އަދަދުތަކަށް އަރައެވެ. މިއީ އެމެރިކާގެ އެންމެ މިސައިލެއްގެ އަގަށް އީރާނުން އެތައް ގުިނަ އަގު ބޮޑު ޑްރޯންއެއް އުފެއްދޭނެ މިންވަރެކެވެ.
ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގެ 'ޕެން ވަރޓަން ބަޖެޓް މޮޑެލް' އިން ދައްކާ ގޮތުގައި، މި ހަނގުރާމައިގެ ޚަރަދު މިހާރު ވަނީ 27 ބިލިއަނާއި 28 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އަރާފައެވެ. އަދި މި އޭޕްރީލް މަސް ނިމޭއިރު މި އަދަދު 47 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ބައެއް ދުވަސްދުވަހު ހަނގުރާމައިގެ ޚަރަދު ދުވާލަކު އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ސަރަހައްދަށް ވައްޓާލާފައިވާ ބޯޓުގެ ޕައިލެޓަކު ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނަށް އެކަނިވެސް 300 މިލިއަން ޑޮލަރު ހޭދަވެފައިވެއެވެ.





