ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ރިޔާސަތުގައި ބޭއްވި ޕެޓްރޯލިއަމް އުފެއްދުންތަކާ ބެހޭ ބައްދަލުވުމެއްގައި، ތެޔޮ އެންދުން މަދުކުރުމުގެ ފިޔަވަޅެއްގެ ގޮތުން ސިންދު ޕްރޮވިންސް ފިޔަވައި މުޅި ގައުމުގެ ބާޒާރުތަކާއި، މާރުކޭޓުތަކާއި، ޝޮޕިން މޯލްތައް ރޭގަނޑު 8:00 ގައި ބަންދުކުރުމަށް ނިންމައިފިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، އާންމުކޮށް ބޭނުންކުރާ މުދާ ވިއްކާ ފިހާރަތަކާއި، ޑިޕާޓްމަންޓަލް ސްޓޯރުތައް ވެސް ރޭގަނޑު 8:00 ގައި ބަންދުކުރަން ޖެހޭނެއެވެ.
ބޭކަރީތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކުރަން ޖެހޭނީ ރޭގަނޑު 10:00 ގައެވެ.
މީގެ އިތުރުން ކައިވެނީގެ ހަފްލާތައް ބާއްވާ ހޯލްތައް ވެސް ރޭގަނޑު 10:00 ގެ ފަހުން ބަންދުކުރަން ވަނީ އަންގާފައެވެ.
މި އައު ގަވާއިދުގެ ދަށުން އަމިއްލަ ގޯތިގެދޮރާއި ގޭގޭގައި ބާއްވާ ކައިވެނީގެ ހަފްލާތައް ވެސް ރޭގަނޑު 10:00 ގެ ފަހުން ބޭއްވުން ވަނީ މަނާކޮށްފައެވެ.
ބޭސްފިހާރަތަކާއި ފާމަސީތައް މި ހުރަސްތަކުން އިސްތިސްނާވާނެ އެވެ.
މި ނިންމުންތަކަށް އަމަލުކުރަން ފަށާނީ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުން ފެށިގެންނެވެ.
މި ފިޔަވަޅުތައް ތަންފީޒު ކުރެވޭނީ ޕަންޖާބު، ޚައިބަރު ޕަޚްތޫންޚުވާ، ބަލޮޗިސްތާން، އިސްލާމްއާބާދު، ގިލްގިިތް ބަލްޓިސްތާން އަދި އާޒާދު ކަޝްމީރުގައެވެ. ޚައިބަރު ޕަޚްތޫންޚުވާގެ ޑިވިޝަނަލް ހެޑްކުއާޓަރުތަކުގައި ބާޒާރުތަކާއި މޯލްތައް ރޭގަނޑު 9:00 އާ ހަމައަށް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އޮންނާނެއެވެ.
ސިންދު ޕްރޮވިންސްގައި މާރުކޭޓުތައް ބަންދުކުރާނެ ވަގުތުތަކާ ގުޅޭގޮތުން މަޝްވަރާތައް އަދިވެސް ކުރިއަށްދާ ކަމަށް ވެއެވެ.







