އީރާނާ ދެކޮޅަށް ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އެކުވެރި ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން ނުލިބޭ ކަމަށް ބުނެ ޓްރަމްޕް ބައެއް ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ ހޭރެން ފަށައިފިއެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އެމެރިކާގެ އެންމެ ގާތް ބައެއް ބައިވެރިންނާއި ނޭޓޯއިން އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެމުން ނުދާކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ގައުމުތަކުގެ ނަން ކިޔައި އެއީ ކަރުދާހުގެ މިނިކާ ވަގުތަކެއް ކަމަށާއި އެމެރިކާއާއި ނުލައި އެ ގައުމުތަކަކީ އެއްވެސް ބާރެއް އޮތް ބަޔެއް ނޫން ކަމަށް ބުނެ ރަން ބުއްދި ވާންފަށައިފިއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ނޭޓޯއަކީ "ކަރުދާސް މިނިކާވަގެއް" ގެ ގޮތުގައި ސިފަކުރައްވައި، ނޭޓޯގެ މެމްބަރު ގައުމުތަކަށް އިހާނާތްތެރި ބަސްތައް ރައްދު ކޮށްފައެވެ.
މީގެ ކުރިން ޓްރަމްޕް ވަނީ އީރާނަށް އަވަގުރާނަ ގޮވައި ހަރާމްޖާޒާއަށް ގޮވައި ހަދާފައެވެ. ޓްރަމްޕާއެކު ދުނިޔޭގެ ޑިޕްލޮމެސީ ވަނީ ދުވަހަކުވެސް ދަށަށް ނުދާހައި ދަށު ފެންވަރަށް ގޮސް ބަސް މަގު ހުތުރު ވެފައެވެ.
ޓްރަމްޕް ވަނީ އޮސްޓްރޭލިއާ، ޖަޕާން އަދި ދެކުނު ކޮރެއާއަށް އިޝާރާތް ކުރައްވައި، އެ ގައުމުތަކުން އެމެރިކާއަށް އެހީތެރިވެފައި ނުވާކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ގައުމުތަކުން ޓްރަމްޕްގެ ހޮއްލުންތަކަށް މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ގައުމުތަކުން ދެކެނީ ޓްރަމްޕަކީ މުސްކުޅި ދެއުޅި އެއްނުވާ މީހެއް ކަމަށެވެ.
ޖަޕާނާއި ދެކުނު ކޮރެއާގެ ރައްކާތެރިކަމަށްޓަކައި އެމެރިކާއިން ކުރަމުންދާ ހޭދައާއި ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވިދާޅުވީ، "އުތުރު ކޮރެއާގެ ކިބައިން ޖަޕާން ސަލާމަތް ކުރުމަށްޓަކައި އަޅުގަނޑުމެންގެ 50،000 ސިފައިން އެ ގައުމުގައި އެބަތިބި،" ކަމަށެވެ. އަދި ހަމައެއާއެކު ދެކުނު ކޮރެއާގައިވެސް އެމެރިކާގެ 45،000 ސިފައިން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.







