ބަހުރައިން އިން ކުޅެން އުޅުނު ސަހުޔޫނީ ކުޅިއަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނޫނެކޭ ބުނެފި

ބަހުރައިންގެ އާލަ ޚަލީފާ އައުލާދުން ޔަހޫދީން ރުއްސަން ކުޅެން އުޅުނު ސަހުޔޫނީ ކުޅިއަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ނޫނެކޭ ބުނެފި އެވެ. އީރާނާ ދެކޮޅަށް ބާރުގެ ބޭނުން ކޮށްގެން ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް ބަހުރައިން އިން  އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްނުވެ ބޭރު ކޮށްލައިފިއެވެ. މިގަރާރު ފާސްނުވީ ރަޝިޔާ އާއި ޗައިނާގެ ދެކޮޅުވެރިކަން ދެއްކުމުންނެވެ.

ރަޝިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވީ، ދުނިޔޭގެ ކަނޑު ދަތުރުފަތުރުގެ މިނިވަންކަމަށް މޮސްކޯއިން ތާއީދުކުރާ ކަމަށެވެ. ނަމަވެސް، "މިފަދަ އެއްކޮޅަށް ބުރަވެފައިވާ ގަރާރެއް ފާސްކުރުމަކީ މަޝްވަރާތައް އަލުން ފެށުމަށް އޮތް ފުރުސަތުތަކަށް ހުރަސް އެޅޭނެ ކަމެއް" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރިއަށްދާ ސުލްހައިގެ މަސައްކަތްތަކަށް މީގެ ސަބަބުން ބުރޫއަރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ފޫ ކޮންގް ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމަށް ބެއިޖިންގް އިން ތާއީދު ނުކުރާ ކަމަށާއި، ގަރާރު ހުށަހެޅި ފަރާތްތަކުގެ ކަންބޮޑުވުންތައް ދަންނަ ކަމަށެވެ. ނަމަވެސް، މި ގަރާރުގައި "މައްސަލައިގެ އަސްލު ސަބަބުތަކާއި މުޅި މަންޒަރު ސާފުކޮށްދީފައި ނުވާ" ކަމަށާއި، މިއީ ހަމައެކަނި އެއްފަރާތަކަށް ޕްރެޝަރު ކުރަން ހުށަހަޅާފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމާ ގުޅިގެން ޔަހޫދީންނަށް ވާގިވެރިވެ ޖެނޮސައިޑް ހިންގުމަށް ހަތިޔާރާއި ފައިސާ ދޭ އެމެރިކާގެ ސަފީރު މައިކް ވޯލްޓްޒް ވަނީ ރަޝިޔާ އާއި ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ރަޝިޔާ އާއި ޗައިނާއަކީ ގަސްތުގައި އޮޅުންބޮޅުން އުފައްދައިގެން ސަލާމަތީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކެއްކަން ކުރިންވެސް އެނގޭ ކަމަށެވެ.

އެމެރިކާއަކީ ދުނިޔޭ ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާ އިޓްލޮސްގެ ބައިވެރިއެއް ނޫނެވެ. އެހެންވެ މި މައްސަލާގައި އެމެރިކާއަށް އަނގަ ނުހުޅުވޭނެ ކަމަށް މުހައްލިލުން ބުނެއެވެ.

ހިއްސާ ކުރައްވާ!