ކޮންޒަވޭޓިވް ކޮމެންޓޭޓަރު ޓަކާ ކާލްސަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔައި، އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދޭނެ ކަމަށް ބުނެ ޓްރަމްޕް ދެއްވި ޓެރަރިސްތޤ އިންޒާރުތަކަކީ "ނުބައި ނުލަފާ" އަދި "ހަނގުރާމައިގެ ކުށެއް" ކަމަށް ސިފަކޮށްފިއެވެ.
އާދީއްތަ ދުވަހު ޓްރަމްޕްގެ 'ޓްރޫތު ސޯޝަލް' ގައި ކުރެއްވި ޕޯސްޓުގައި ޓްރަމްޕް ވަނީ ހުރުމުޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ، އަންގާރަ ދުވަހަކީ އީރާނުގެ ޕަވަރ ޕްލާންޓްތަކާއި ފާލަންތައް ގޮއްވާލާނެ ދުވަސް ކަމަށް ބުނެ އިންޒާރު ދީފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު މަގު ޓްރަމްޕްގެ ނުހޮރޮއްޕާނާ ހެދި އީރާނުން ބަންދުކޮށްފައި އޮތުމުން ޓްރަމްޕް ވަނީ ބާޒާރު މަތީ ހަޑިހުތުރު ބަހުން އީރާނަށް އިންޒާރު ދެއްވާފައެވެ.
މިކަމާ ގުޅިގެން 'ދަ ޓަކާ ކާލްސަން ޝޯ' ގައި ވާހަކަ ދައްކަމުން ކާލްސަން ބުނީ، އީސްޓާ ފަދަ ދީނީ މުނާސަބަތެއްގައި މިފަދަ ބަސްމަގަކުން ޓްރަމްޕަކަސް ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "އީސްޓާ ހެނދުނު ގައުމަކާ މުހާތަބުކޮށް އެފަދަ ބޭ އަދަބީ ބަހުރުވައިން އެގޮތަށް ވާހަކަ ދައްކަން ކަލޭ ތިޔައީ ކާކު؟" ކާލްސަން ސުވާލު ކުރިއެވެ. އޭނާ އިތުރަށް ބުނި ގޮތުގައި މިއީ ހަމައެކަނި އިސްލާމްދީނަށް ކުރި މަލާމާތެއް ނޫން ކަމަށާއި، މިއީ ކްރިސްޓިއަން ދީނަށް ވެސް ކުރި މަލާމާތެކެވެ.
އީރާނުގެ 100 މިލިއަނެއްހާ ރައްޔިތުންނަށް ކުރާނެ އަސަރަށް އިޝާރާތް ކުރަމުން ކާލްސަން ބުނީ، މަދަނީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. "ޕަވަރ ޕްލާންޓްތައް ގޮއްވާލުމުން އިންކިއުބޭޓަރުގައި ތިބޭ ތުއްތު ކުދިން މަރުވާނެ. ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑޭނެ. އެއްވެސް ކުށެއް ނެތް އާންމުން މަރުވުމަކީ އަބަދުވެސް ގޯސް އަދި ބޮޑު ފާފައެއް،" ކާލްސަން ބުންޏެވެ.
މެދުއިރުމަތީގައި އެމެރިކާއިން ކުރާ ޓެރަރިސްޓް ހަނގުރާމަތަކަށް އަބަދުވެސް ފާޑުކިޔާ ކާލްސަން ވަނީ، އާންމުންނަށް އަމާޒުކޮށް ހަމަލާދިނުމަށް ޓްރަމްޕް ދެއްވާ އެއްވެސް އަމުރަކަށް ތަބާނުވުމަށް ރައީސްގެ އެހީތެރިންނަށް ގޮވާލާފައެވެ.







