ސާފުނުކުރާ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން، 2026 ވަނަ މާލީ އަހަރު އިންޑިއާގެ އީވީ ސޭލްސް އިތުރުވެ އެވައްތަރުގެ އުޅަނދުތައް މަގްބޫލު ވެއްޖެއެވެ.
ފެޑަރޭޝަން އޮފް އޮޓޯމޮބައިލް ޑީލާސް އެސޯސިއޭޝަން (ފާޑާ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ މާލީ އަހަރު އިންޑިއާގެ އިލެކްޓްރިކް ވެހިކަލް މާކެޓް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. މިގޮތުން، އީވީގެ ޖުމްލަ ވިޔަފާރި އަހަރުން އަހަރަށް 24.6 އިންސައްތަ އިތުރުވެ، 2.4 މިލިއަން ޔުނިޓަށް ވަނީ އަރާފައެވެ. މި ކުރިއެރުން އައިސްފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ ފީފާއެއްގެ އަގު 100 ޑޮލަރާ ގާތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިންޑިއާއަކީ ބޭނުންކުރާ ތެލުގެ 88 އިންސައްތަ އިމްޕޯޓްކުރާ ގައުމަކަށް ވާތީ، މިއީ އިންޑިއާގެ ކޮންސިއުމަރަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
އީވީ ބޭނުންކުރުމުގައި ދެ ފުރޮޅުލީ އަދި ތިން ފުރޮޅުލީ އުޅަނދުތައް ކުރީގައި އުޅެއެވެ. އަދި އަމިއްލަ މީހުން ބޭނުންކުރާ ކާރު ފަދަ އުޅަނދުތަކުގެ ވިޔަފާރި ވަނީ 83.6 އިންސައްތަ އިތުރުވެފައެވެ. އެ އުޅަނދުތަކުގެ ވިޔަފާރި ގާތްގަނޑަކަށް 2 ލައްކަ ޔުނިޓަށް އަރައެވެ. އަދި ވިޔަފާރި ބޭނުންތަކަށް ބޭނުންކުރާ އީވީގެ ވިޔަފާރި ވަނީ ދެގުނައަށްވުރެ އިތުރުވެފައެވެ
ފާޑާ އިން ސިފަކުރި ގޮތުގައި 2026 ވަނަ މާލީ އަހަރަކީ އިންޑިއާގެ އީވީގެ މަގްބޫލުކަމަށް ބަދަލުވި "ތާރީޚީ އަހަރެކެވެ". އަދި މި ބަދަލަކީ ތެލުގެ އަގަށް އަންނަ ލޮޅުންތަކުން ސަލާމަތްވުމަށާއި، ދިގު މުއްދަތުގެ ހަކަތައިގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.





