ކުށްވެރިން އުފުލަން ތައްޔާރުކުރި 70 މިލިއަން ޑޮލަރުގެ ޖެޓް، ޓްރަމްޕްެގ އަންހެނުންގެ ބޭނުންތަކަށް

އެމެރިކާގެ ކުރީގެ ހޯމްލޭންޑް ސެކިއުރިޓީ ސެކްރެޓަރީ ކްރިސްޓީ ނޯމްގެ ދައުރުގައި ކުއްޔަށް ހިފާފައިވާ 70 މިލިއަން ޑޮލަރުގެ އަގުބޮޑު ލަގްޒަރީ ޖެޓް، ޓްރަމްޕްގެ އަންހެނުންގެ ބޭނުންތަކަށް ބާއްވާ ގޮތަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. އަދި އޭގެ އިތުރުން ދުރު ދަތުރުތައް ކުރާ ކެބިނެޓްގެ އެހެނިހެން ވަޒީރުންނަށްވެސް މި ބޯޓު ބޭނުން ކުރެވޭނެ ކަމަށް ބުނެއެވެ.

ބޮއިންގް 737 މެކްސް 8 މަރުކާގެ މި ބޯޓަކީ ކުއިން ސައިޒުގެ އެނދަކާއި، ފެންވަރާ ކޮޓަރިތަކާއި، ބޮޑު ބަދިގެއެއްގެ އިތުރުން ހަތަރު ފްލެޓް ސްކްރީން ޓީވީ އަދި ކޮކްޓެއިލް ބާރެއް ހިމެނޭހެން ފަރުމާކޮށްފައިވާ ބޯޓެކެވެ. ކްރިސްޓީ ނޯމް މި ބޯޓު ބޭނުންކުރެއްވުމަށް ނިންމެވީ އެމެރިކާއިން ބޭރަށް ގެންދާ މަތީ ފެންވަރުގެ ކުށްވެރިން ބޭރަށް ފޮނުވާލުމުގެ މަސައްކަތްތަކުގައި ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ.

ނޯމް މަގާމުން ވަކިކުރެއްވުމާ ގުޅިގެން މި ބޯޓު ގަތުމުގެ މަސައްކަތް ހުއްޓާލާނެ ކަމަށް ބެލެވުނވެ. ނަމަވެސް، ޓްރަމްޕް ވަނީ ބޯޓު ކުއްޔަށް ހިފައި ހޯމްލޭންޑް ސެކިއުރިޓީގެ އަތުން އަތުލައި ވައިޓްހައުސްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައެވެ. ރައީސް ޓްރަމްޕް ނޯމް މަގާމުން ވަކިކުރެއްވީ އޭނާގެ މިނިސްޓްރީގެ ތެރޭގައި އޮތް ކޮރަޕްޝަނާއި ހިންގުމުގެ މައްސަލަތައް މީޑިއާގައި ރިޕޯޓ ކުރުމުންނެވެ.، އަދި މިނިއާޕޮލިސްގައި ހިންގި އޮޕަރޭޝަނެއްގައި ދެ އާންމުން އައިސްގެ އެޖެންޓުން މަރާލުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކަކީވެސް އޭނާ ވަކި ކުރުމަށް ސަބަބެކެވެ.

މީގެ އިތުރުން، ނޯމް އޭނާގެ މިނިސްޓްރީގެ އިސް މުވައްޒަފު ކޯރީ ލެވަންޑޯސްކީއާއެކު އޮފީސް ތެރޭގައި ޖިންސީ ގުޅުން ހިންގި މައްސަލައަކާއި އައިސްގެ މަސައްކަތް އިޝްތިހާރު ކުރުމަށް 220 މިލިއަން ޑޮލަރު ޚަރަދުކުރުމާއި އެ އިޝްތިހާރުގައި ނޯން އަސް ދުއްވައި އަމއިްލައަށް މަޝްހޫރުވެ ހުއްދަ ނެތި ރައީސް ޓްރަމްޕްގެ ނަން ބޭނުންކުރުމަކީ ވެސް އޭނާ މަގާމުން ވަކިކުރަން މެދުވެރިވި ސަބަބުތަކެވެ. މިކަމާ ގުޅިގެން ޓްރަމްޕް ވިދާޅުވެފައިވަނީ "އަހަންނަށް އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައެއް ނެތް" ކަމަށެވެ.

ނޯމް މަގާމުން ވަކިވުމުން ހޯމްލޭންޑް ސެކިއުރިޓީގެ މުވައްޒަފުން އުފަލުން ރޮއި ހެދި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިއްސާ ކުރައްވާ!