ސޮލީބީ ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އައުލާދުގެ ވިޔަފާރީގައި މަކަރު ހަދާފައިވާކަން ސާބިތުވެގެން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ދައްކަން އަމުރު ކުރި ޖުރީމާނާ އިސްތިއުނާފު ކުރުމުގައި ޓްރަމްޕް ވަނީ އޭނާއާ ދެކޮޅަށް އެމައްސަލަ ކުރިއަށް ނުގެންދިއުމަށް ކޯޓުގައި އެދިފައެވެ.
ޓްރަމްޕާއި އޭނާގެ އައުލާދާ ދެކޮޅަށް ކޮށްފައިވާ ޙުކުމުގެ ޖުރިމާނާގެ ބަޔާ ބެހޭ ގޮތުން އިސްތިއުނާފު ކޯޓުން ބުނަނީ އެއީ އާދަޔާ ޚިލާފަށް ބޮޑު ޖުރިމާނާއެއް ކަމަށެވެ. އެގޮތަށް ނިންމާފައި ވަނީ ނިއުޔޯކްގެ އެޕީލްސް ކޯޓުން ނެވެ. ނަމަވެސް، ކޯޓުން ވަނީ ދަށު ކޯޓުން ޖަސްޓިސް އާތަރ އެންގޮރޮން ކުރެއްވި ޙުކުމުގައި ޓްރަމްޕާއި އައުލާދުން މަކަރު ހަދާފައިވާ ކަން ސާބިތުވާކަމަށާއި އެކަމާ ގުޅިގެން ކޮށްފައިވާ ހުކުމުގެ އަދަބާ ބެހޭ ބައި ދަމަހައްޓާފައެވެ.
ގާޒީ ވަނީ ރައީސް ޓްރަމްޕާއި އޭނާގެ އައުލާދު ކަނޑައެޅިގެން ވިޔަފާރީގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ނިންމާފައެވެ. އަދި ޓްރަމްޕާއި އޭނާގެ ދޮށީ ދެ ފިރިހެން ދަރިން ކަމަށްވާ ޑޮނަލްޑް ޖޫނިއާ އަދި އެރިކް ޓްރަމްޕަށް 3 އަހަރު ދުވަހުގެ މުއްދަތަށް ނިއުޔޯކްގެ އެއްވެސް ކުންފުންޏެއްގެ އިސް މަގާމެއް ފުރުއްވުން މަނާ ކޮށްފައި ވެއެވެ. އަދި ނިއުޔޯކްގައި ގޮފި ހުންނަ އެއްވެސް މާލީ އިދާރާއަކުން ލޯނަށް އެދުން ވެސް ތިން އަހަރަށް މަނާކޮށްފައި ވެއެވެ.
ޓްރަމްޕު ވަނީ މިއަދާ ހަމައަށް އޭނާ ބައިވެރިވި ކޮންމެ ވިޔަފާރިއެއް ވެސް ބަނގުރޫޓުކޮށް ދީފައެވެ. އަދި އޭނާގެ މަކަރާއި ހީލަތާއި އޮޅުވާލުމުގެ ސަބަބުން މީހުން އޭނާއާ މުއާމަލާތު ކުރަން ބޭނުމެއް ނުވެއެވެ.
ޓްރަމްޕް މިހާރު އެދިވަޑައިގެންފައި ވަނީ އެސްޓޭޓްގެ އެންމެ މަތީ ކޯޓުން މި ހުރަސްތައް ނައްތައި ދިނުމަށެވެ. އަދި އޭނާއާ ދެކޮޅަށް ކޮށްފައިވާ މަކަރާއި ހީލަތާއި ފްރޯޑްގެ ހުކުމް ބާތިލްކޮށްދިނުމަށެވެ. ޓްރަމްޕްގެ ގާނޫނީ ޓީމުން ދައުވާކުރާ ގޮތުގައި މި މައްސަލައަކީ ސިޔާސީ މަގްސަދެއްގައި، ގާނޫނީ އަދި ހަގީގީ އެއްވެސް އަސާސެއް ނެތް، އަދި ކަނޑައެޅިގެން ގޯސް ހުއްޖަތްތަކެއްގެ މައްޗަށް ބިނާ ކޮށްފައިވާ މައްސަލައެކެވެ.






