އިންޑިއާ-އެފްރިކާ ފޯރަމް ސަމިޓް: ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއް

ކުރިއަށް އޮތް އިންޑިއާ އެފްރިކާ ފޯރަމް ސަމިޓަކީ (އައިއޭއެފްއެސް) އިންޑިއާ އާއި އެފްރިކާ ބައްރުގެ އިގްތިސާދީ އަދި އިސްތިރާޖީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ދެކުނު އެފްރިކާއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޕްރޮފެސަރު އަނިލް ސޫކްލާލް ވިދާޅުވެއްޖެއެވެ.

ސޫކްލާލް ފާހަގަކުރެއްވި ގޮތުގައި، އިންޑިއާ އާއި އެފްރިކާ، ހާއްސަކޮށް ދެކުނު އެފްރިކާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ ފުރުސަތު އެބައޮތެވެ. އޭގެ ތެރޭގައި ބޭސްވެރިކަމުގެ ދާއިރާ ހިމެނޭއިރު، އިންޑިއާގެ އެހީތެރިކަމާއެކު އެފްރިކާ ބައްރުގައި ބޭސް އުފައްދާ މަރުކަޒެއް ގާއިމުކުރުމަށް ދެކުނު އެފްރިކާއިން ބޭނުންވެއެވެ.

މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން އިންޑިއާ ހޯދާފައިވާ ކުރިއެރުންތަކަކީ އެފްރިކާގެ ހަކަތައިގެ އަމާޒުތަކާ ގުޅޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަހިންދްރާ ފަދަ އިންޑިއާގެ ބޮޑެތި ކުންފުނިތަކުން ދެކުނު އެފްރިކާގައި އުފެއްދުންތެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ވިސްނަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ ދާއިރާއިން އިންޑިއާގެ ނިޒާމުތަކަކީ އެފްރިކާއަށް ނަމޫނާއެއް ކަމަށާއި، ދަނޑުވެރިކަމުގެ ދާއިރާއިންވެސް ދެފަރާތުގެ އެއްބާރުލުން ބޭނުންވާ ކަމަށް ސޫކްލާލް ވިދާޅުވިއެވެ. އިންޑިއާއަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ ގައުމަކަށް ވާއިރު، އެފްރިކާގައި ދަނޑުވެރިކަން ކުރެވޭނެ ބޮޑު ބިމެއް އޮތް ނަމަވެސް ކާބޯތަކެތީގެ ދަތިކަން ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ތައުލީމީ ދާއިރާއިން އިންޑިއާއިން އެފްރިކާގެ ދަރިވަރުންނަށް އެތައް ހާސް ސްކޮލަޝިޕެއް ދޭނެ ކަމަށް ބެލެވޭއިރު، ދަތުރުފަތުރާއި ލޮޖިސްޓިކްސްގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަކީވެސް މި ސަމިޓުގެ މުހިންމު ބަޔަކަށް ވާނެއެވެ.

މި ސަމިޓުގެ މައިގަނޑު އަމާޒަކީ އިންޑިއާ-އެފްރިކާގެ ގުޅުން އެފްރިކަން ޔޫނިއަންގެ 'އެޖެންޑާ 2063′ އާ އެއްގޮތަށް ބައްޓަންކުރުން ކަމަށާއި، މި ސަމިޓުން ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސޫކްލާލް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!