ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓާލުމަކާ އެކު، ދެވަނަ ބޮޑު ހަނގުރާމައަށްފަހު ބޭއްވޭ އެންމެ ނަތީޖާ ނެރެނިވި ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާއާއި އީރާން އިސްލާމްއާބާދަށް ޖަމާވާން ތައްޔާރު ވެއްޖެއެވެ. މި ހަފުތާގެ ކުރީކޮޅު ހަމަނުޖެހުންތައް ހުއްޓުވައި، މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ހީނުކުރާ ފަދަ ގޮތަކަށް ލިބިފައިވަނީ ޕާކިސްތާނަށެވެ. މަޝްވަރާގެ މޭޒުމަތީގައި މިވަގުތު ބާރުގަދައީ އީރާނެވެ.
ހަ ހަފުތާގެ ހަނގުރާމައަށްފަހު ސަރަހައްދީ ބާރުތަކުގެ ތިލަފަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެއްދުވަސްވަރެއްގައި ދަތިކުރުމުގެ ފިޔަވަޅުތަކާއި، މުޒާހަރާތަކާއި، އަސްކަރީ ނާކާމިޔާބީތަކުގެ ސަބަބުން ބަލިކަށިވެފައި އޮތް އީރާނުން ވަނީ އެމެރިކާއާއި އިސްރާއީލުގެ ވަރުގަދަ ހަމަލާތަކުން ސަލާމަތްވެ ބާރުވެރިކަން ދައްކާފައެވެ. މިއިން އެނގިގެން ދިޔައީ ބާރަކަށްވެ އަމިއްލަ ފައިމައްޗަށް ތެދުވުމުން އިހުތިރާމް ލިބޭނެ ކަމެވެ.
އީރާންގެ ނިއުކްލިއާ އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ފިޔަވަޅުއަޅައި، ދުނިޔޭގެ ހަކަތައިގެ ސަޕްލައި ހުއްޓުވުމުގެ ގާބިލުކަން އޮތްކަން ވެސް އީރާނުން ވަނީ ސާބިތުކޮށްދީފައެވެ.
ތެހެރާނުން ހުށަހަޅާފައިވާ 10 ނުކުތާގެ ހުށަހެޅުމުގެ އަސްލަކީ އީރާނުގެ މި ބާރުވެރިކަމެވެ. އޭގެ ތެރޭގައި ޔުރޭނިއަމް މުއްސަނދިކުރުމުގެ ހައްގާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެމެރިކާ ސިފައިން ފޭބުމާއި، އަދި ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުން ހިމެނެއެވެ.
މިއާ ހިލާފަށް، އެމެރިކާއަށް ވަނީ ދުނިޔެއާއި ރަހުމަތްތެރިންގެ އިތުބާރު ހޯދުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.
ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާ ނުކުޅެދުމުން، އެމެރިކާގެ ސަލާމަތީ ރައްކާތެރިކަމަށް އެދިގެން ބިލިއަނުން ޑޮލަރު ހޭދަކޮށް އެމެރިކާއަށް ވިކިގެން ތިބި އަބަރި އެކުވެރި ގައުމުތަކުން ކުރާ އިތުބާރު ވަނީ ލޮޅުން އަރާފައެވެ.
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބާ ގުޅިގެން އެތެރޭގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުން ވޮޝިންޓަނަށް މިކަމުގައި މޮޅެއް ނެތްކަން ވަނީ ސާބިތުވެފައެވެ.
އީރާނުން މިހާރު މިއޮތް ވަރަށްވުރެން މާ ބަލިކަށިކޮށް އޮތްއިރުވެސް ޔުރެނިއަމް ފައްކާ ކުރުން މަނާ ކުރުމާ ދެކޮޅު ހެއްޖެވެ. މިހާރު އީރާނުން ވަނީ އެއީ އީރާނަށް ލިބެން ޖެހޭނެ ސިޔާދަތޫީ ހައްގެއްކަން ސާބިތުކޮށްދީފައެވެ.
މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްވަނީ އިސްރާއީލުގެ ސަބަބުންނެވެ. ހަނގުރާމަ ހުއްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނަތަންޔާހޫ ވަނީ އިސްރާއީލުގެ މަގްސަދުތައް އަދި ހާސިލުނުވާކަމުގެ އިޝާރާތެއް ދީ، އޭގެ މަދު ގަޑިއިރުތަކެއް ފަހުން ބައިރޫތަށް ހަމަލަ ދީފައެވެ.
އެއާއެކު ވޮޝިންޓަނަށް ގޮތް ނިންމަންޖެހުނީ މަޝްވަރާ ކުރާނީ އަމިއްލަ ގައުމަށްޓަކައިތޯ ނުވަތަ އިސްރާއީލަށް ޓަކައިތޯއެވެ.
އިސްލާމްއާބާދުގައި ހޮނިހިރު ދުވަހު ބާއްވާ މި މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ، ދެ ގައުމަށްވެސް އެނބުރި ދާންޖެހޭނީ އަލުން ހަނގުރާމައިގެ މައިދާނަށެވެ.





