އީރާނުން މަޝްވަރާތަކަށް ޝަރުތުތަކެއް ކުރިމަތިކޮށްފި؛ ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށާއި ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް އަންގައިފި

އީރާނުން އެމެރިކާއާއެކު މަޝްވަރާތައް ފަށާނީ މުހިންމު ދެ ކަމެއް ފުރިހަމަވުމުން ކަމަށް އެ ގައުމުގެ ޕާލަމަންޓުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް މިއަދު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާއި، ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

އިސްލާމްއާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަވެފައިވާއިރު، ގާލީބާފްގެ މި ވާހަކަތަކުން ދޭހަވަނީ އީރާނުގެ ސާބިތު ނިންމުމެވެ.

އެމެރިކާގެ ނާއިބް ރައީސް ވެންސާއި ވިޓްކޯފާއި ތްރަމްޕްގެ ދަނބިދަރި ވަނީ އިސްލާމްއާބާދަށް ފުރާފައެވެ. މިމީހުން އިސްލާމްއާބާދަށް ފައިބާނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ކަމަށް ބެލެވެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާލީބާފް ވިދާޅުވީ، މި ފިޔަވަޅުތަކަކީ ދެ ފަރާތުން އެއްބަސްވެފައިވާ ކަންތައްތަކެއް ކަމަށާއި، އެއްވެސް މަޝްވަރާއެއް ފެށުމުގެ ކުރިން އެކަންކަން ތަންފީޒުކުރަންޖެހޭނެ ކަމަށެވެ.

"ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރެއިން ދެ ކަމެއް އަދި ތަންފީޒެއް ނުކުރެވޭ: އެއީ މަޝްވަރާތައް ފެށުމުގެ ކުރިން ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާއި އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުން،" އޭނާ ލިޔުއްވާފައިވެއެވެ.

ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވެސް ވަނީ މި މޭރުމުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ހިމެނޭކަން އެމެރިކާއިން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލަންޖެހޭނެ ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އޮޕަރޭޝަންތައް ކުރިއަށްދާނަމަ، ހަނގުރާމަ ހުއްޓާލުމުގެ މުޅި އޮނިގަނޑަށް ބުރޫއަރާފާނެ ކަމުގެ އިންޒާރު އަރާގްޗީ ދެއްވިއެވެ.

ލުބުނާނަށް ޔަހޫދީން ހަމަލަދޭ އިރު އީރާނުން އެކަމަށް ރައްދު ދޭނެކަމަށް އިންޒާރު ކުރިނަމަވެސް އެކަން ކޮށްފައެއް ނުވެއެވެ.

އޭގެ ސަބަބަކީ، ލުބުނާންގެ ބޮޑު ވަޒީރު ނަވާފް ސަލާމާ ވަނީ ނުސީދާކޮށް އީރާނަށް ހަމަލަ ދީފައެވެ. އޭނާ ވިދާޅުވީ އީރާންގެ ކަންކަމާ ބަސް ބުނުމުގެ ހައްގު އޮންނާނީ ލުބުނާނަށް ކަމަށެވެ. އަދި އިސްރާއީލުން ލުބުނާންގެ ބިންހިފައި ހަމަލަތައް ދެމުން ދާއިރު ލުބުނާންގެ ސަރުކާރުން ތިބީ މަންޒަރު ބަލާށެވެ. ލުބުނާންގެ ވިސްނުން ހުރީ އިސްރާއީލާ ވާހަކަ ދައްކައިގެން ސުލްހައަކަށް ދާށެވެ. ޔަހޫދީން ވަނީ އެކަމަށް އެމީހުން ތައްޔާރަށް ތިބި ކަމުގެ މެސެޖު ދީފައެވެ. ނަމަވެސް މުހައްލިލުން ބުނަނީ މިއީ ލުބުނާނުން ޔަހޫދީ ރެޖީމުން ބޮޑިއެއް ބޯންވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ.

ގާލިބާފްއާއި އަރާގްޗީގެ ބަޔާންތައް ނެރެފައިވަނީ ހޮނިހިރު ދުވަހު އޮންނަ ސުލްހައިގެ މަޝްވަރާތަކަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އިސްލާމްއާބާދަށް ފުރާވަޑައިގަންނަވަނިކޮށެވެ. ފުރާވަޑައިގަތުމުގެ ކުރިން ވެންސް ވަނީ އެމެރިކާއާ "ކުޅެން" ނޫޅުމަށް ބުނެ ބޮޑު ބަސް ބުނެފައެވެ.

ހިއްސާ ކުރައްވާ!