ކޭއެމްޓީގެ ޗެއަރވުމަން ޝީއާ ބައްދަލުކުރެއްވުން: މިއީ ޓައިވާނަށްވުރެ ބޮޑަށް ބެއިޖިންގަށް ފައިދާހުރި ދަތުރެއް

ޓައިވާނުގެ އިދިކޮޅު ޕާޓީ، ކުއޯމިންޓަންގް (ކޭއެމްޓީ) ގެ ޗެއަރވުމަން ޗެންގް ލީ ވުން ބެއިޖިންގެ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ވާއިރު މި ބައްދަލުވުމަކީ ޓައިވާނާއި ޗައިނާއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ބެއިޖިންގުން ބޭނުންވާ ސިޔާސީ މެސެޖުތައް ފެތުރުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ. ޗައިނާ ސަރުކާރުގެ އަމާޒަކީ ޓައިވާނާއެކު "މަޝްވަރާ" ކުރެވެން އޮތީ ހަމައެކަނި ޗައިނާގެ ޝަރުތުތަކަށް އެއްބަސްވެގެންކަން ދެއްކުމެވެ.

ރައީސް ޝީ ޖިންޕިން ވަނީ ތަކުރާރުކޮށް ޓައިވާނާއި ޗައިނާ "އިއްތިހާދު ކުރުން" އެއީ ގައުމީ މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި ޗައިނާއިން ދަނީ އަސްކަރީ ނުފޫޒާއި، އިގްތިސާދީ ދަތިކުރުންތަކުގެ އިތުރުން ޚާރިޖީ ގޮތުން ޓައިވާން އެކަހެރިކުރުމުގެ ސިޔާސަތެއް ގެންގުޅެމުންނެވެ. ބެއިޖިންގުން ޓައިވާނުގެ އިދިކޮޅު ސިޔާސީ ފަރާތްތަކާ ބައްދަލުކުރަނީ ހަމައެކަނި ޗައިނާގެ އެޖެންޑާއަށް އެ ފަރާތްތަކުން ތާއީދުކުރާ ހާލަތްތަކުގައެވެ.

ކޭއެމްޓީން މި ދަތުރު ސިފަކުރަނީ ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައެވެ. ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އޮތް ބާރުގެ ބޮޑު ތަފާތުގެ ސަބަބުން މާނަހުރި މަޝްވަރާތަކެއް ކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ. މީގެ އިތުރުން، މި ބައްދަލުވުމުގެ ސަބަބުން ޓައިވާނުގެ މިނިވަންކަމަށް އިސްކަންދޭ ވޯޓުލާ މީހުންގެ މެދުގައި ކޭއެމްޓީއަށް އޮތް އިތުބާރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ކަމާ ހޮންގްކޮންގްގެ ހާލަތާ އަޅާކިޔަމުން މުހައްލިލުން ފާހަގަކުރަނީ، ހޮންގްކޮންގްގެ ކޮންޓްރޯލް ވަރުގަދަކުރުމުގެ ކުރިންވެސް ބެއިޖިންގުން އަމިއްލަ އިޚުތިޔާރާ ގުޅޭގޮތުން މިފަދަ ބަހުރުވަ ބޭނުންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޓައިވާނުންވެސް މިއާ ތަފާތު ނަތީޖާއަކަށް އުންމީދުކޮށްގެން ނުވާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ބައިނަލްއަގްވާމީ މަސްރަހުގައި މި ބައްދަލުވުން ބޭނުންކޮށްގެން، ޗައިނާއަކީ ސުލްހަވެރިކަމާއެކު ކަންކަން ހައްލުކުރަން ބޭނުންވާ ގައުމެއްގެ ގޮތުގައި ދެއްކުމަށް ބެއިޖިންގުން މަސައްކަތް ކުރާނެއެވެ. މީގެ ސަބަބުން އެމެރިކާ އާއި ޖަޕާން ފަދަ ގައުމުތަކުން ޓައިވާނުގެ ދިފާއުގައި ކުރަމުންދާ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވުން އެކަށީގެންވެއެވެ.

ޖުމްލަ ގޮތެއްގައި މި ބައްދަލުވުމުން ޓައިވާނަށް ލިބޭނެ ހަގީގީ ފައިދާއެއް ނެތްއިރު، މިއީ ޓައިވާން ޗައިނާގެ ބައެއްގެ ގޮތުގައި ހެދުމަށް ޗައިނާއިން ގެންގުޅޭ ދިގު މުއްދަތުގެ ރޭވުމަށް ލިބޭ ބޮޑު އެހީއެކެވެ.

ހިއްސާ ކުރައްވާ!