އިންޑިއާގެ މެދުތެރެއާއި ދެކުނުގެ ސްޓޭޓްތަކަށް މި ހަފުތާގައި އިންތިހާއަށް ހޫނުގަދަވާނެ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފިއެވެ. ބައެއް ސަރަހައްދުތަކުގައި ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވެ އެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، ހޫނުމިން މައްޗަށް ދަނީ ހުޅަނގުގެ މޫސުމީ ބަދަލުތަކާއެކު އުޑުމަތި ސާފުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ހޫނު ވައި ބޭރުވިޔަނުދީ ހިފަހައްޓާ ފަށަލައެއް އުފެދެމުންދާތީ، ހޫނުމިން އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިހާތަނަށް މަހާރާޝްތުރާގެ އަކޯލާގައި ހޫނުމިން ވަނީ 42 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ގޮސްފައެވެ. އަދި ވެރިރަށް ދިއްލީގައި މިއަހަރު ފުރަތަމަ ފަހަރަށް މި މަހު 15 ވަނަ ދުވަހު ހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވެއެވެ. ހޫނުގަދަވާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުގެ ތެރޭގައި ސައުރާޝްތުރާ، ކަޗް، އޮޑިޝާ، މަދްޔަ ޕްރަދޭޝް އަދި ވިދަރުބާ ހިމެނެއެވެ.
އިންޑިއާގެ އައްސޭރިފަށުގެ ސަރަހައްދުތައް ކަމަށްވާ އަންދްރަ ޕްރަދޭޝް، ޓެމިލް ނާޑޫ އަދި ކެރެލާގައި ހޫނުމިނުގެ އިތުރުން ވައިގެ ތެތްކަން ވެސް މަތިވާނެއެވެ. ނަމަވެސް، މި ހޫނުގަދަ މޫސުމާ ޚިލާފަށް އިންޑިއާގެ އިރުއުތުރުގެ ސަރަހައްދުތަކަށް މި ހަފުތާގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މި ހޫނުގަދަ ދުވަސްވަރާ ގުޅިގެން ދަނޑުވެރިންނަށް ވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ އިރުޝާދުތަކެއް ނެރެފައެވެ. އެގޮތުން އޮޑިޝާގެ ދަނޑުވެރިން ބިމުގެ ތެތްކަން ހިފެހެއްޓުމަށްޓަކައި ލުއިކޮށް ފެން ދިނުމަށާއި، ޗައްތީސްގަޅުގެ ދަނޑުވެރިން ހޫނުގަދަވުމުގެ ކުރިން ގޮވާމާއި މުގުގެ ބާވަތްތައް ކަނޑައި ނިންމުމަށް ވަނީ އަންގާފައެވެ.


