މަހިންދްރާ އެންޑް މަހިންދްރާ އަކީ މިއަދު އަހަރެމެންނަށް އެނގޭ ކުންފުނީގެ ގޮތުގައި ފެށުނު ކުންފުންޏެއް ނޫނެވެ. 1945 ވަނަ އަހަރު، މި ކުންފުނި އުފެއްދީ މަހިންދްރާ އެންޑް މުޙައްމަދުގެ ނަމުގައި، އިންޑިއާގެ ދެ ބެއިން ކަމަށްވާ ކައިލާޝް ޗަންދްރާ މަހިންދްރާ އާއި ޖަގްދީޝް ޗަންދްރާ މަހިންދްރާ އަދި އެ ދެމީހުންގެ ގާތް އެކުވެރިޔާ ޣުލާމް މުޙައްމަދެވެ.
މިތިން މީހުންގެ ނަން ވެސް އެމް އިން ފެށީތީވެ ކުންފުންޏަށް ނަން ދިނީ މަހިންދްރާ އެންޑް މުހައްމަދުގެ ނަމުންނެވެ. 3 މީހުންގެ އިންވެސްޓްމަންޓްތައް ތަފާތުވި ނަމަވެސް، ތިން މީހުންވެސް ކުންފުނީގެ އައިޑެންޓިޓީ ހިއްސާކުރިއެވެ. އިތުބާރުގެ މައްޗަށް ބިނާވެފައިވާ ބައިވެރިވުއްގެ ގޮތުގައި ކުންފުނީގެ ނަން ރަމްޒުކޮށްދިނެވެ.
މި ކުންފުނި އުފެދުނީ 1945 ވަނަ އަހަރު، އިންޑިއާގެ ޕަންޖާބްްގެ ލުދިއާނާ ގައި ފެށި ދަގަނޑުގެ ވިޔަފާރިކުރާ ކުންފުންޏެއްގެ ގޮތުގައެވެ. އެ ކުންފުންޏަށް "މަހިންދްރާ އެންޑް މުޙައްމަދު" ގެ ނަމުން ނަންދިނެވެ. އަދި މިއީ އިންޑިއާގެ އެންމެ ފުރަތަމަ އަމިއްލަ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ.

އެ ދުވަސްވަރު، އެއީ އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުގައި އޮތް އިންޑިއާގައި މިއީ ދަގަނޑުގެ ވިޔަފާރިކުރާ އާދައިގެ ކުންފުންޏެކެވެ. އެ ކުންފުނި ކޮންމެވެސް ދުވަހަކުން އިންޑިއާގެ އެންމެ ބޮޑު އެއް ވިޔަފާރި ގްރޫޕަށް ވެގެންދާނެ ކަމުގެ އެއްވެސް ނިޝާނެއް އޭރަކު ނެތެވެ.
ނަމަވެސް، 1947 ވަނަ އަހަރު އިންޑިއާ ބައިބައިވެ ޕާކިސްތާނާއި އިންޑިއާ އުފެދުމާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ.
އެތައް މިލިއަން ބަޔަކަށް އިންޑިއާ ނުވަތަ އަލަށް އުފެދުނު ޕާކިސްތާނާ ދެމެދު ގޮތެއް ނިންމަން މަޖުބޫރުވުމުން، ޣުލާމް މުޙައްމަދު ނިންމެވީ އިންޑިއާ ދޫކޮށް ޕާކިސްތާނަށް ބަދަލުވުމަށެވެ. އޭނާ ފަހުން ވެވަޑައިގަތީ ޕާކިސްތާންގެ ފުރަތަމަ ފިނޭންސް މިނިސްޓަރަށެވެ.
މުޙައްމަދު ޕާކިސްތާނަށް ހިޖުރަ ކުރުމަށް ފަހު، ދެ މަހިންދްރާ ގުޅިގެން ކުންފުނީގެ ނަން "މަހިންދްރާ އެންޑް މަހިންދްރާ" އެމް އެންދް އެމް އަށް ބަދަލުކޮށް، އަލުން ކުންފުނި ބިނާކުރަން ފެށިއެވެ.
އެމީހުން ދަގަނޑުގެ ވިޔަފާރިން އުފެއްދުންތެރިކަމަށް ކުންފުނި ބަދަލު ކުރިއެވެ. އަދި، ނަތީޖާއެއްގެ ގޮތުން އިންޑިއާގެ އެންމެ ނުފޫޒުގަދަ ހަތަރު ފުރޮޅުލީ އުޅަނދު އުފައްދާ ގްރޫޕަށް ވެގެންދިޔައެވެ.


