ޔޫރަޕްގެ އުތުރާއި އިރުމަތީ ޔޫރަޕްގެ ފަސް ގައުމަކުން ޕާކިސްތާނުގެ މަސައްކަތްތެރިންނަށް ވަޒީފާގެ ފުރުސަތުތައް އުފެއްދުމަށް ޕާކިސްތާން ލީގަލް މައިގްރޭޝަން ޓު ޔޫރަޕް 2026 ގެ ދަށުން އެއްބަސްވެފައި ވެއެވެ. މި އެއްބަސްވުމާ ހަމައަށް އާދެވުނީ ގަވާއިދާ ޚިލާފަށް އުޅޭ މީހުންނާ ބެހޭ ގޮތުން މި އަހަރުގެ ކުރީކޮޅު ވާސޯގައި ބޭއްވި 6 ގައުމެއްގެ ކޮންފަރެންސެއްގެ ތެރެއިންނެވެ. މި އިސްނެގުމުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ގިނަ ފަހަރަށް ހިޖުރަވެރިންގެ ނާޖާއިޒު ފައިދާ ނެގުމާއި އިންސާނީ ވަގުފާރީގެ ނުރައްކާތެރިކަން ކުރިމަތިވާ ގަވާއިދާ ހިލާފަށް ހިޖުރަކުރާ މަގުތައް ބަންދުކޮށް ހިތްވަރު ނުދިނުމުގެ އިތުރުން ގާނޫނީ ގޮތުން މަސައްކަތްތެރިން ހިޖުރަ ކުރުން ފުޅާކުރުމަށެވެ.
ޕާކިސްތާނުން ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން ހިޖުރަކުރާ މީހުންގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އަދި އެކަމާ ގުޅިގެން ޕާކިސްތާނުގެ ސަރުކާރަށް ޔޫރަޕްގެ ގައުމުތަކުން ކުރިމަތިކުރާ ފިއްތުންތައް ވަނީ އިތުރު ވެފައެވެ. މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ، ފޭކު ވޯކް ވިސާ އާއި ސަރުކާރުގެ ލިޔެކިޔުންތައް އުފައްދާ ނެޓްވޯކެއް ހިންގި ކަމުގެ ތުހުމަތުގައި ގްރީސްގެ ކްރީޓުން ޕާކިސްތާނުގެ ފަސް މީހަކު 18 މާޗް 2026 ގައި ހައްޔަރުކުރުމާ ގުޅިގެންނެވެ.
މި ހައްޔަރުކުރުންތަކާ ގުޅިގެން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ގްރީސްއަށް އެތެރެވި ޕާކިސްތާނުގެ ހުރިހާ ވޯކް ވިސާ ހޯލްޑަރުންގެ ލިޔެކިޔުންތައް އަލުން މުރާޖައާ ކުރުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ވަނީ ފަށާފައެވެ. މި ހާދިސާގެ ސަބަބުން ޔޫރަޕަށް ޣައިރު ގާނޫނީ ގޮތުން މީހުން އެތެރެކުރުމުގައި ޕާކިސްތާނުގެ ޖިނާއީ ވިއުގަތަކުގެ ދައުރު ބޮޑުވަމުންދާކަން ވަނީ ހާމަވެފައެވެ.
ޕާކިސްތާނުގެ ދާޚިލީ ވަޒީރު މުހުސިން ނަގްވީ ވަނީ ފެބްރުއަރީ މަހު އިޓަލީއަށާއި ޕޮލެންޑަށް ދަތުރުކުރައްވަފައެވެ. އަދި، ޣައިރު ގާނޫނީ ހިޖުރަވެރިން މަދުކުރުމަށް އިސްލާމްއާބާދުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން އޭނާ ވަނީ އެ ދަތުރުގައި ދެއްވާފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި ޣައިރު ގާނޫނީ ހިޖުރަވެރިންގެ އަދަދު މިހާރު ވަނީ 47 އިންސައްތަ ދަށްވެފައެވެ. ނަމަވެސް، ޔޫރަޕްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް 5،000 އެއްހާ މީހުން ޕާކިސްތާނުން ޣައިރު ގާނޫނީ ގޮތުން އެތެރެވާން މަސައްކަތް ކޮށްފައިވެއެވެ.
ޔޫރަޕްގެ އިއްތިހާދުން މިހާރު ދަނީ މިފަދަ ހިޖުރަވެރިންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންނެވެ.
މިއަހަރުގެ ޖޫން އިން ފެށިގެން އަމަލުކުރަން ފަށާ އާ 'ރިޓާން ރެގިއުލޭޝަން' ގެ ދަށުން، ޣައިރު ގާނޫނީ ހިޖުރަވެރިން އަނބުރާ ފޮނުވާލުން އަވަސްކޮށް، ބަންދުގައި ބައިތިއްބާ މުއްދަތާއި އެތެރެވުން މަނާކުރާ މުއްދަތު އިތުރުކުރެވޭނެއެވެ. މިއީ ޕާކިސްތާނުގެ އިގްތިސާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ. ސަބަބަކީ ޔޫރަޕްގައި ތިބޭ ޕާކިސްތާނު މީހުން ފޮނުވާ ފައިސާ ނުވަތަ ރެމިޓެންސްއަކީ އެ ގައުމުގެ އިގްތިސާދުގެ މުހިންމު ބަޔަކަށް ވާތީއެވެ.
ޔޫރަޕްގެ އޮފިޝަލުން އިންޒާރު ދެއްވާ ގޮތުގައި، ޕާކިސްތާނުގެ ގަވަރނަންސް ނިޒާމުގައި ހުރި މައްސަލަތައް ހައްލުނުކޮށް، ހަމައެކަނި ގާނޫނީ ވިސާ ދޫކުރުމަކުން މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެއެވެ. ގްރީސް އާއި ޖަރުމަނު ފަދަ ގައުމުތަކުގައި ޕާކިސްތާނުގެ ކުށްވެރި ނެޓްވޯކްތަކުން ބޮޑެތި ފީތައް ނަގައިގެން މީހުން އެތެރެކުރުމުގެ ވިޔަފާރި އަދިވެސް ދަނީ ފުޅާދާއިރާއެއްގައި ކުރަމުންނެވެ.


