އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ދެ ބޯޓެއް ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފި

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ އާގު ބޯޓުތަކެއް، އެމެރިކާގެ ހުރަސްތަކަށް ބެލުމެއްނެތި ހުރުމުޒު ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފިއެވެ. ޝިޕިންގް ޑޭޓާއިން ދައްކާގޮތުގައި، މި ދެބޯޓު އެ ސަރަހައްދު ހުރަސްކުރީ އެއްވެސް ހުރަހަކާ ނުލައެވެ. އަދި އެމެރިކއަށް އެ ދެ ބޯޓު ފާސްކުރާކަށްވެސް ނުކެރުނެވެ.

ހުރުމުޒު ކަނޑުއޮޅި ހުރަސްކޮށްފައިވަނީ ޗައިނާގެ ޝަންހާއީ ޒުއާންރަން ޝިޕިންގް ކޮމްޕެނީގެ މިލްކުވެރިކަމުގައި އޮންނަ "ރިޗް ސްޓާރީ" ނަމަކަށް ކިޔާ ބޯޓެކެވެ. މި ބޯޓާއި އޭގެ ވެރިފަރާތަށް އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ އީރާނާއެކު މުއާމަލާތްކުރާ ކަމަށް ބުނެއެވެ. އެލް.އެސް.އީ.ޖީ އާއި މެރިން ޓްރެފިކް ފަދަ ވަސީލަތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިއީ އެމެރިކާއިން ހުރުމުޒު ބަންދުކުރި ފަހުން ގަލްފުން ބޭރުވި ފުރަތަމަ ބޯޓެވެ.

މި ބޯޓަކީ ގާތްގަނޑަކަށް 250,000 ފީފާގެ މެތަނޯލް ބަރުކޮށްގެން ދަތުރުކުރަމުންދާ ބޯޓެކެވެ. އެންމެ ފަހުން މި ބޯޓު މަޑުކޮށްފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ހަމްރިއްޔާ ބަނދަރަށެވެ. ޗައިނާގެ ފަޅުވެރިން ތިބި މި ބޯޓުގެ އިތުރުން، އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ޗައިނާގެ އެހެން ބޯޓެއް ކަމަށްވާ "މުރްލިކިޝަން" ވެސް އަންގާރަ ދުވަހު ވަނީ ހުރުމުޒު ކަނޑުއޮޅިއަށް ވަދެފައެވެ.

މިހާރު ހުސްކޮށް އޮތް "މުރްލިކިޝަން" ބޯޓަކީ މީގެ ކުރިން ރަޝިއާ އަދި އީރާނުގެ ތެޔޮ އުފުލަން އުޅުނު ބޯޓެކެވެ. މި ބޯޓު އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އިރާގުން ތެޔޮ ބަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑޭޓާއިން ދައްކައެވެ.

އެމެރިކާގެ ހުރަސްތަކަށް ގޮންޖަހައި ޗައިނާގެ ބޯޓުތަކުން މިނިވަންކަމާއެކު ދަތުރުކުރުމަކީ ޗައިނާއިން އެމެރިކާގެ ކންޓްރޯލަށް ބަލާނުލާ ކަމެކެވެ.

ހިއްސާ ކުރައްވާ!