ލެގޯ ބޭނުންކޮށްގެން އޭއައި ވީޑިއޯ އުފައްދާ މީހާއަކީ އީރާން މީހެއް

ލެގޯ ފިގަރސް ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް ވީޑިއޯ އުފައްދާ "މިސްޓަރ އެކްސްޕްލޯސިވް" ނަމަކަށް ކިޔާ މީހަކު، އޭނާއާއި އޭނާގެ ޓީމަކީ އީރާން ބަޔެއް ކަމަށާއި އެމީހުންގެ މަސައްކަތްތަކަކީ އީރާނު ސަރުކާރާ ގުޅުންހުރި ކަންތައްތަކެއްކަން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ. އިނގިރޭސިވިލާތުގެ ބީބީސީން ހޮނިހިރު ދުވަހު އާންމުކުރި ޕޮޑްކާސްޓެއްގައި އޭނާ ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

"އެކްސްޕްލޯސިވް މީޑިއާ" ތަމްސީލުކުރާ މި ފަރާތުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިފަދަ ވީޑިއޯތައް އާންމުކޮށް ޓްރަމްޕާއި އެމެރިކާއަށް މަލަމާތް ކުރެއެވެ.

އޭނާގެ ވީޑިއޯތަކުގައި ޓްރަމްޕާ ދިމާއަށް މުޚާތަބު ކުރަނީ "ޅަ ސުވަރާއޭ" ކިޔައިގެންނެވެ. އަދި ބައެއް ބަހަރަށް އޮރެންޖު ސޮރޭ ކިޔައިގެންވެސް މުޚާތަބު ކުރެއެވެ.

"މިސްޓަރ އެކްސްޕްލޯސިވް" ބުނެފައިވަނީ އޭނާގެ އުފެއްދުްތަކަކީ އެއްވެސް ނުފޫޒެއް ނެތި އުފައްދާ މިނިވަން މަސައްކަތްތަކެއް ކަމަށެވެ. ނަމަވެސް، އިންޓަވިއުގައި އޭނާ ވަނީ އީރާނު ސަރުކާރަކީ އެކްސްޕްލޯސިވް މީޑިއާގެ އެއް ކަސްޓަމަރު ކަމަށް އިއުތިރާފުވެފައެވެ. މި އިންޓަވިއު ދިންއިރު އޭނާ ހުރީ ސިއްރުވެފައިވާ ގޮތަކަށެވެ.

މިސްޓަރ އެކްސްޕްލޯސިވް ބުނި ގޮތުގައި އޭނާގެ ޓީމުގައި ހިމެނެނީ 10 ވަރަކަށް މީހުންނެވެ.

އަދި ލެގޯ ސްޓައިލްގެ ގްރަފިކްސް ބޭނުންކުރަން ނިންމި ނިންމުމާ ބެހޭ ގޮތުން ބުނީ އެއީ "ދުނިޔޭގެ މީހުން އުފެއްދުންތެރިކަމަށް ބޭނުން ކުރާ ބަހެއް" ކަމަށްވާތީ ކަމަށެވެ. މި އުކުޅުގެ ސަބަބުން މި ވީޑިއޯތައް ދުނިޔޭގެ އެކި ގައުމުތަކުގެ ދައުލަތުގެ މީޑިއާއިން ވެސް ވަނީ ދައްކާފައެވެ. އޭނާގެ ވީޑިއޯތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޖެފްރީ އެޕްސްޓީންއާ ދެމެދު އޮތް ގުޅުމުގެ ވާހަކަތަކަށް ވެސް އިޝާރާތް ކުރެއެވެ.

އޭނާ ބުނާ ގޮތުގައި މި ވީޑިއޯތަކުގެ ބޭނުމަކީ އީރާނުން "ހަގީގަތާއި މިނިވަންކަމަށް" ކުރާ މަސައްކަތާއި އިދިކޮޅު ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތައް ދެއްކުމެވެ. ބައެއް ވީޑިއޯތަކުގައި އީރާނު ސިފައިން އެމެރިކާގެ ފައިޓަރ ޖެޓެއްގެ ޕައިލެޓަކު އަތުލައިގަންނަ މަންޒަރުތައް ދައްކާއިރު، އޭނާ ބުނަނީ އެ ހަދިސާގައި އެމެރިކާގެ އަސްލު ބޭނުމަކީ އީރާނުން ޔުރޭނިއަމް ވަގަށް ނެގުން ކަމަށެވެ.

"މިސްޓަރ އެކްސްޕްލޯސިވް" ބުނަނީ ޓްރަމްޕް ދައްކަވާ ވާހަކަތަކުގެ ތެރެއިން ހަގީގަތުގެ މައްޗަށް ބިނާވެފައިވަނީ އެންމެ 13 އިންސައްތަ ކަމަށެވެ. އަދި ޓްރަމްޕަކީ ދޮގު ހަދާ މީހެއްކަމަށާއި 2025 އިން 2026 އަށް އީރާނުގައި ހިނގި މުޒާހަރާތަކަކީ ޓްރަމްޕްގެ ފައިސާގެ އެހީގައި ގެންނަން އުޅުނު ބަޣާވާތެއް ކަމަށްވެސް އޭނާ ސިފަކުރިއެވެ.

އޭނާ ބުނީ، "އަހަރެމެންގެ ވީޑިއޯތަކަކީ ޔަހޫދީންނާ ދެކޮޅު ވީޑިއޯތަކެއް ނޫން، އެއީ ޒަޔަނިސްޓުންނާ ދެކޮޅު ވީޑިއޯތަކެއް" ކަމަށެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަސްވީރުތައް ބޭނުންކުރަނީ އޭނާ ހިންގާ ގަތުލުއާންމުތައް ހާމަކުރުމަށް ކަމަށްވެސް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!