ޔަހޫދީން 'ގްރޭޓަރ އިސްރާއީލް' އުފެއްދުމަށް ކުރާ މަސައްކަތަށް އިޓަލީގެ މަޖައްލާއަކުން ފާޑުކިޔައިފި

އިޓަލީގެ މަޝްހޫރު ހަފްތާ މަޖައްލާއެއް ކަމަށްވާ 'ލެސްޕްރެސޯ' އިން، މެދުއިރުމަތީގައި ޔަހޫދީން ހިންގަމުންދާ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި، ޚާއްސަ ރިޕޯޓެއް ޝާއިއުކޮށްފިއެވެ. އޭޕްރީލް މަހުގެ އަދަދުގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވަނީ އިސްރާއީލުގެ ސިފައިންނާއި ވަޒަންވެރިން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުންދާ މަންޒަރު ރަމްޒުކޮށްދޭ ފޮޓޯއެކެވެ.

ލެބިއުސޯ ނުވަތަ "ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުން" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލުގެ ކަނާތު ފިޔައިގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޒަޔަނިސްޓް ސަރުކާރުން ދަނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެ، "ގްރޭޓަރ އިސްރާއީލް" އެއް އުފެއްދުމަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންނެވެ. މި މަޖައްލާގެ ބޭރުގަނޑުން ފެންނަނީ ހަތިޔާރު އަޅައިގެން ހުރި މުޑުދާރު ސިފައެއްހައި ހުރި އިސްރާއީލު މީހަކު، ބޯނިވާކޮށްގެން ހުރި ފަލަސްތީނު އަންހެނަކަށް ބިރުދައްކާ މަންޒަރެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ޔަހޫދީ ވަޒަންވެރިން ގުޅިގެން ދަނީ ފަލަސްތީނުގެ ބިންތައް ހިފަމުންނެވެ. އަދި ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ބޮޑެތި ސަރަހައްދުތައް ހަލާކު ވެފައިވާކަން ފާހަގަކޮށް، އިސްރާއީލުން އެ ސަރަހައްދުތަކުގައި "ނަސްލު ނައްތާލުމާއި، މަޖުބޫރުން މީހުން ބޭރުކުރުމާއި، ގަތުލުއާންމުތައް" ހިންގަމުންދާ ކަމަށް މަޖައްލާއިން ތުހުމަތުކޮށްފައިވެއެވެ.

ފަލަސްތީނުގެ އިތުރުން، އިސްރާއީލުން ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުކޮށް، ސީރިއާގެ ބޯޑަރު ކައިރިން ބިން ހިފަމުން ކުރިއެރުންތައް ހޯދަމުންދާ ކަމަށްވެސް މި ރިޕޯޓުގައިވެއެވެ. މީގެ އިތުރުން އީރާނަށް އުދުވާނީ ހަމަލަދީ ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މަގުފަހިކޯށްފައިވާ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މި ރިޕޯޓަކީ މެދުއިރުމަތީގެ މައްސަލައިގައި ޔޫރަޕްގެ މީޑިއާއަކުން އިސްރާއީލާ ދެކޮޅަށް ނެރުނު އެންމެ ވަރުގަދަ އެއް ރިޕޯޓެވެ. ގިނަ ބަޔަކު ދަނީ މިއީ ހަގީގަތް ހާމަކޮށްދޭ ރިޕޯޓެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ހިއްސާ ކުރައްވާ!