އެމެރިކާއިން ހިސާރަ ކުރިކަމަށް ބުނާއިރު އީރާނު އުޅަނދުތަކަށް ހުރަހެއް ނެތް

އީރާނުގެ ބަނދަރުތަކަށް ހިސާރަ ކުރުމަށް އެމެރިކާއިން އަމަލީގޮތުން މަސައްކަތް ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އީރާނަށް ނިސްބަތްވާ ދެ އުޅަނދެއް ހޮރްމޫޒް ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފައިވާކަން ކެޕްލާ ޝިޕިންގ ޑޭޓާއިން ދައްކާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުޅަނދުތައް ޓްރެކްކުރާ އެކި ވަސީލަތްތަކުން ކަށަވަރުކޮށްދޭ ގޮތުގައި، ބުޝެހްރުން ފުރި މެތަނޯލް އުފުލާ "އެލްޕިސް" އާއި "ރިޗް ސްޓާރީ" ފަދަ އީރާނާ ގުޅުންހުރި ބައެއް އުޅަނދުތައް މަދު މަދުން ނަމަވެސް އަދިވެސް ދަނީ ދަތުރުކުރަމުންނެވެ. އެމެރިޚާ ގެ ހުރަސް އެޅުމުން ބައެއް އުޅަނދުތައް އަނބުރާ ދިޔަ ނަމަވެސް، އެމެރިކާގެހިސާރަ ކުރުމުގެ ނަތީޖާއާމެދު މި މައުލޫމާތުން ސުވާލު އުފެދެއެވެ.

އެމެރިކާއިން ވަނީ އީރާނުގެ ހުރިހާ ބަނދަރުތަކަކާއި، ފާރިސީ ކަނޑުއޮޅި އަދި އޮމާން ކަނޑުއޮޅީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އަމާޒުކޮށް ކަނޑުގެ ހިސާރަ ކުރުމެއް އިޢުލާނުކޮށްފައެވެ.

މިއަށް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އޭޕްރީލް 13، ގެ ހެނދުނު 10:00 ގައެވެ. މިއީ ހުރުމުޒް ކަނޑުއޮޅި އެއްކޮށް ބަންދުކުރުމެއް ނޫނެވެ. އީރާނުގެ ބަނދަރުތައް ނޫން އެހެން ތަންތަނަށް ދަތުރުކުރާ އުޅަނދުތަކަށް މިނިވަންކަމާއެކު ދަތުރުކުރުމުގެ ފުރުސަތު އޮތް ކަމަށް ސޮލީބީން ބުނެއެވެ. ނަމަވެސް، ހުއްދައަކާ ނުލައި އީރާނުގެ ބަނދަރުތަކަށް ވަންނަ ނުވަތަ ނުކުންނަ ކޮންމެ އުޅަނދެއް އެމެރިކާގެ ސިފައިން ހުއްޓުވައި، މަގު ބަދަލުކުރުވައި ނުވަތަ ހިފަހައްޓާނެ ކަމަށް ބުނެއެވެ. މިކަން އެމެރިކާއިން އަމލީ ގޮތުން އަދި ތަންފީޒު ކުރިތަނެއް ނުފެނެއެވެ.

މި އޮޕަރޭޝަނުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަދުވެގެން 12 މަނަވަރާއި، 100 އަށްވުރެ ގިނަ މަތިންދާބޯޓާއި، 10،000 އަށްވުރެ ގިނަ ސިފައިން ބައިވެރިވެއެވެ. މިކަމުގައ އިސްކޮށް ހަރަކާތްތެރިވަނީ އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިންނެވެ. ރައީސް ޓްރަމްޕް ވަނީ އީރާނުގެ އެއްވެސް މަނަވަރެއް އަދި ޚާއްޞަކޮށް އައި.އާރް.ޖީ.ސީ ގެ ހަލުވި ހަމަލާދޭ ބޯޓުތައް އެމެރިޚާ އުޅަނދުތަކާ ގާތްވެއްޖެނަމަ، "އަވަސް އަދި އަނިޔާވެރި" ހަމަލާއަކުން އެތަކެތި "ނައްތާލާނެ" ކަމުގެ އިންޒާރު ސީދާކޮށް ދެއްވާފައެވެ.

އީރާނުން ދަނީ އަދިވެސް ކެތްތެރިކަން އިސްކުރަމުންނެވެ.

ހިސާރަ ކުރުމުގެ ދެވަނަ ދުވަސް ކަމަށްވާ މިއަދު އުޅަނދުތައް ޓްރެކްކުރާ ތަފާސްހިސާބުތަކުން ދައްކަނީ ތަފާތު ނަތީޖާތަކެކެވެ.

އީރާނާ ގުޅުންހުރި ބައެއް އުޅަނދުތައް އީރާނުގެ ބަނދަރުތަކަށް ދިޔަ މަދުވެގެން ދެ އުޅަނދެއް ފުރަތަމަ ކަނޑުއޮޅި ހުރަސްކުރި ނަމަވެސް، ފަހުން ވަނީ އަނބުރާ ގޮސްފައި ނުވަތަ މަގު ބަދަލުކޮށްފައެވެ.

ސެންޓްކޮމްއިން ބުނާ ގޮތުގައި ހިސާރަކުރަން ފެށި ފަހުން އެއްވެސް އުޅަނދަކަށް ކާމިޔާބުކަމާއެކު އީރާނުގެ ބަނދަރުތަކަށް ވަދެ ނުވަތަ ނުކުމެވިފައެއް ނުވެއެވެ.

އީރާނުގެ އުޅަނދުތައް ނޫން އެހެން ޓްރެފިކް ކުރިއަށްދާއިރު، މި އޮޕަރޭޝަނުގެ ބޭނުމަކީ އީރާނުން ދުވާލަކު އެކްސްޕޯޓްކުރާ ގާތްގަނޑަކަށް 1.8 އާއި 2 މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓު ވިޔަ ނުދީ ހިފެހެއްޓުމެވެ.

އީރާނުން ވަނީ އެމެރިކާގެ ފިޔަވަޅުތަކގެ ނަތީޖާއަކީ ކުޑަކޮށް ދައްކަން މަސައްކަތްކޮށްފައެވެ. އެގޮތުން އެގައުމުގެ ބޮޑު އެއްގަމު ބޯޑަރާއި ކަނޑުގެ އެހެން މަގުތައް ހުރިކަން ފާހަގަކުރެއެވެ. އަދި ބަދަލުހިފާނެ ކަމަށް ބުނެ އިންޒާރުދީފައިވެއެވެ. މީގެ ތެރޭގައި ބާބުލް މަންދަބް ކަނޑުއޮޅީގައި ހޫޘީން މެދުވެރިކޮށް ހަރަކާތްތެރިވުން ހިމެނެއެވެ.

އީރާނުގެ އޮފިޝަލުން މި ހިސާރަ ކުރުމަކީ "އަމިއްލައަށް އުފައްދައިގެން އުޅޭ މައްސަލައެއް" ކަމަށާއި މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމަށް ސިފަކުރެއެވެ. އީރާންގެ ދައުލަތުގެ މީޑިއާއިން ދަނީ ބައިނަލްއަގުވާމީ ޖަރީމާއެއްކަން ފާހަގަކުރަމުން، ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރަނީ އީރާނުން ކަމަށް ބުނަމުންނެވެ.

ޗައިނާއިން ވަނީ އެމެރިކާގެ ހިސާރަ ކުރުން ކުށްވެރިކޮށްފައެވެ. ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ގުއޯ ޖިއާކުން ވިދާޅުވީ މިއީ "ނުރައްކާތެރި އަދި ޒިންމާދާރުކަން ކުޑަ" އަމަލެއް ކަމަށާއި، މީގެ ސަބަބުން މަސްރަހު ނުތަނަވަސްވެ، މިހާރުވެސް ނާޒުކު ފާލެއްގައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ބުރޫއަރާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!