ޓްރަމްޕްގެ ލާއިންސާނީ ސިޔާސަތުގެ ސަބަބުން ކިއުބާއަށް ކާރިސާއެއް ކުރިމަތިކޮށްފި

އެމެރިކާގެ ހިސާރަ ކުރުމާއި ހަރުކަށި ފިއްތުންތަކުގެ ސަބަބުން  ކިއުބާއަށް އިންސާނީ ކާރިސާއެއް ކުރިމަތި ވަމުން ދެއެވެ. ކިއުބާގައި ގިނަ ގަޑިތަކުގައި ކަރަންޓު ކެނޑިފައި ހުރުމާއި ހަސްފަތާލުތަކުގެ މަސައްކަތް ހުއްޓުމާއި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކުރަން ޖެހުމާއި ފަތުރުވެރިން ކިއުބާއަށް ގެއްލުމަކީ އެގައުމަށް ދިމާވަމުންދާ ކާރިސާގެ މަންޒަރެކެވެ.

ކިއުބާ ހާލުގައި ޖައްސަން ފެށީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހު، ޓްރަމްޕްގެ ސަރުކާރުން ކިއުބާއާ ދެކޮޅަށް ފެށި ދިގުދެމިގެންވާ ދަތިކުރުމުގެ ކެމްޕޭން ވަރުގަދަކޮށް، އެގައުމަށް ތެލާއި ކާބޯތަކެތި ނުލިބޭ ގޮތަށް ހިސާރަ ކުރުމަށް ޓްރަމްޕް ރިއާސީ ގަރާރެއް ނެރުމުންނެވެ.

ކިއުބާގެ ކަރަންޓު އުފެއްދުމުގެ ގާތްގަނޑަކަށް 90 އިންސައްތަ ބިނާވެފައިވަނީ އިމްޕޯޓްކުރާ ތެލުގެ މައްޗަށެވެ. އެމެރިކާގެ ހިސާރަ ކުރުމުގެ ސަބަބުން  ކިއުބާގެ ކަރަންޓުގެ ނިޒާމު އެއްކޮށް ވަނީ ހުއްޓުމަކަށް ގޮސްފައެވެ.

މީގެ ނަތީޖާއެއްގެ ގޮތުން 2026 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން މުޅި ކިއުބާއިން ކަރަންޓު ކެނޑުމުގެ ސިލްސިލާއެއް ފެށި، ގައުމަށް ބޭރު ފައިސާ ލިބޭ މައިގަނޑު ވަސީލަތް ކަމަށްވާ ފަތުރުވެރިކަން އިނދަ ޖައްސާފައި ވެއެވެ. އެމެރިކާގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ޓްރަމްޕްގެ ލާއިންސާނީ ސިޔާސަތަށް ފާޑުވިދާޅުވަމުން މި ސިޔާސަތު ސިފަކުރެއްވީ "އިގްތިސާދީ ބޮން އެޅުމެއް"ގެ ގޮތުގައެވެ.

ޓްރަމްޕްގެ ރިއާސީ އަމުރުގެ ދަށުން، ކިއުބާއަށް ތެޔޮ ފޮނުވާ މެކްސިކޯ އާއި ރަޝިޔާ ފަދަ އެމެރިކާއިން މުދަލަށް ނަގާ ޓެރިފް މަތިކޮށް ފިޔަވަޅު އަޅަން ފެށިއެވެ. ޓްރަމްޕް މިފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ ވެނެޒުއޭލާއިން ފޮނުވާ ތެޔޮ ކިއުބާއަށް ލިބުން ހުއްޓުނު ވަގުތާ ދިމާކޮށެވެ. އެއިރު ޓްރަމ،ްޕް އޮތީ ވެނެޒުއެލާއާ ދިމާކޮށްފައެވެ.

އެމެރިކާގެ ފިޔަވަޅުތަކަކީ ކިއުބާގެ އިންސާނީ ހައްގުތަކަށް އަރަިގަތުމުގެ ޖަރީމާއެއް ކަމަށް އެމެރިކާއަށް ފާޑު ކިޔާ ފަރާތްތަކުން ސިފަ ކުރެއެވެ. ނަމަވެސް އެމެރިކާއިން ބުނަނީ ކިއުބާއާ ދެކޮޅަށް ދަތިކުރަނީ އެގައުމުގެ އިންސާނީ ހައްގުގެ ހާލަތާ ހެދި ކަމަށެވެ! އަދި ވޮޝިންޓަނުން ބުނަނީ ކިއުބާއަށް ދަތިކުރަން ޖެހެނީ، ރަޝިޔާ، ޗައިނާ އަދި އީރާނާއެކު ކިއުބާއިން ބާއްވާ ގުޅުންތަކާ ހެދި ކަމަށާއި ކިއުބާ ސަރުކާރުން އެގައުމުގެ ކަންކަން އިސްލާހު ކުރުމަށް ފިޔަވަޅު ނާޅާތީ އެކަމަށް ބާރުފޯރުވުމުގެ ގޮތުން އެޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ކިއުބާއިން މިހާރު ދުވާލަކު 8 ގަޑިއިރާއި 22 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ކަރަންޓު ކެނޑެމުން ދެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި 20 ގަޑިއިރަށްވުރެ ގިނައިރު ކަރަންޓު ކެނޑިފައި ހުރެއެވެ.

ވަރަޑޭރޯ، ކާޔޯ ކޯކޯ، ޕްލާޔާ ލާގާ، އަދި ޒަޕާޓާ ސްވޭމްޕް ފަދަ ފަތުރުވެރިކަމުގެ މަރުކަޒުތަކުގެ ހޮޓާތައް ބަންދުކުރަން މަޖުބޫރު ވެފައި ވެއެވެ.

ބޭރު ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު 56 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ގޮސްފައި ވެއެވެ.

މަތިންދާބޯޓަށް އަޅާ ތެޔޮ ލިބުން ދަތިވުމުގެ ސަބަބުން އެއާލައިންތަކުން ދަތުރުތައް ވެސް މެދު ކަނޑާލާފައި ވެއެވެ.

ކިއުބާގެ ރައްޔިތުން ބުނާ ގޮތުގައި މިހާރުގެ ހާލަތު ކޮވިޑް-19 ގެ އެންމެ ނުރައްކާތެރި ދުވަސްވަރަށްވުރެ ވެސް ގޯހެވެ.

އެމެރިކާގެ ޓްރަމ،ްޕްގެ ލާއިންސާނީ ސިޔާސަތުގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު ވެސް ވަރަށް ބޮޑެވެ. ކަރަންޓު ކެނޑުމުގެ ސަބަބުން ހަސްފަތާލުތަކުގެ މެޝިންތައް ހުއްޓި، ހޮސްޕިޓަލްތަކުގައި ކުރަންޖެހޭ ސާޖަރީތަކާއި، ޑަޔަލިސިސް އަދި ކެންސަރުގެ ފަރުވާ ފަދަ މުހިންމު ޚިދުމަތްތައް ވަނީ ލަސްވެފައެވެ.

ކަރަންޓު ނެތުމުގެ ސަބަބުން އައިސްއަލަމާރިތަކުގައި ހުންނަ ކާބޯތަކެތި ހަލާކުވެއެވެ. ފެން ޕަންޕުތައް ހުއްޓުމުގެ ސަބަބުން ފެނުގެ ދަތިކަމާއި ސާފުތާހިރުކަމުގެ ނުރައްކާ ކުރިމަތިވެފައިވެއެވެ.

ސިޓީތަކުގައި ކުނިތައް ޖަމާވަމުންދެއެވެ. އާންމު ދިރިއުޅުން ބިނާވެފައިވަނީ ކަރަންޓު ލިބޭ ކުޑަ ވަގުތުކޮޅަށެވެ.

ސްކޫލްތަކާއި އޮފީސްތައް ހުޅުވާފައި ހުންނަނީ ވަރަށް މަދު ވަގުތުކޮޅަކަށެވެ. ކިއުބާގެ ފައިސާގެ އަގު ވެއްޓުމާއެކު ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދެއެވެ.

އދ. އިން ވަނީ ކާބޯތަކެތި ލިބުމާއި، ހޮސްޕިޓަލްތަކާއި ފެނުގެ ނިޒާމަށް ކުރިމަތިވެދާނެ އިންސާނީ ކާރިސާއެއްގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ރައީސްގެ އަނިޔާވެރި ފިޔަވަޅުތަކުން ހަމައެކަނި ކިއުބާއަށް "ނުފޫޒު ފޯރުވީ" އެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ފިޔަވަޅުތަކުގެ ސަބަބުން ކުރިންވެސް އޮތް ނުރައްކާތެރި ހާލަތު އިތުރަށް ގޯސް ކޮށް، އާންމު ރައްޔިތުން އިންސާފެއް ނެތް ބޮޑު ތަކުލީފެއްގެ ތެރެއަށް ވައްޓާލީއެވެ. އެމެރިކާއިން ހަލާކު ކުރަމުންދާ ގައުމުތަކުގެ ލިސްޓަށް އައު ގައުމެއް އިތުރު ވެގެން ދިޔައީއެވެ.

ހިއްސާ ކުރައްވާ!