އިސްރާއީލާއި ލުބުނާނާ ދެމެދު އެތައް އަހަރަކަށްފަހު ބޭއްވި ފުރަތަމަ ސީދާ ޑިޕްލޮމެޓިކް މަޝްވަރާތައް އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަނުގައި ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ ޖެނޮސައިޑް ޓެރަރިސްޓް ޔަހޫދީ ރެޖީމުން ހަމަލަތައް ދެމުންދާތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ. މި މަޝްވަރާތައް ބާއްވައި ދިނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއެވެ.
ލުބުނާންގެ ނަވާފް ސަލާމާގެ ސަރުކާރުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުން ހޯދުމަށްޓަކައި ޓްރަމްޕާއި އޭނާގެ ދަނބިދަރި އެކުލަވާލި އިބްރާހީމީ މުއާހަދާގައި ބައިވެރިވުމަށް މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ފެށުމެއްގެ ގޮތުން ލުބުނާނުން ވަނީ އެމެރިކާ ހެކިކޮށް ވޮޝިންޓަނުގައި އިސްރާއީލާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ދެ ގަޑިއިރަށްވުރެ ގިނަ އިރަށް ދެމިގެންދިޔަ މި ބައްދަލުވުމަކީ، ރަސްމީކޮށް ހަނގުރާމައިގެ ހާލަތުގައި އޮތް ދެ ގައުމުގެ ދެމެދުގައި ބޭއްވުނު ނާދިރު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ވަފުދުންވެސް މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ލުބުނާނުގައި ހިޒްބުاللهގެ ދައުރާއި، ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށެވެ. (އިސްރާއީލަކީ ބޯޑަރު ކަނޑައެޅިފައިވާ ގައުމެއް ނޫނެވެ.) އެމެރިކާއަށް ކަނޑައަޅާފައި ހުންނަ ޖެނޮސައިޑް ޓެރަރިސްޓް ޔަހޫދީ ރެޖީމްގެ ސަފީރު ޔެހިއެލް ލެއިޓަރ ބުނެފައި ވަނީ ހިޒުބުﷲ ނައްތާލުމަށް އިސްރާއީލާ އެއް ޚިޔާލެއއްގައި ލުބުނާން އޮތް ކަން މި ބައްދަލުވުމުން ހާމަވާ ކަމަށެވެ.
ލުބުނާންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސާމީ މުއައްވަޟު އެވެ.
މަޝްވަރާތައް ދިޔައީ ހަމަޖެހޭ މާހައުލެއްގައި ކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް، ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އޮފިޝަލުން ފާހަގަކުރައްވައެވެ. މި މަޝްވަރާތަކުގައި ހިޒްބުاللهއިން ބައިވެރިވެފައެއް ނުވެއެވެ. އަދި ހަނގުރާމަ ކުރިއަށްދާއިރު، ދެފަރާތުގެ މެދުގައި އޮތް އިތުބާރު ކުޑަކަންވެސް ފާހަގަކުރެވެއެވެ. ޑިޕްލޮމެޓުން ވިދާޅުވާ ގޮތުގައި މި ބައްދަލުވުމަކީ ވަގުތުން އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ނިޝާނަކަށްވުރެ ބޮޑަށް، މަޝްވަރާގެ ފުރަތަމަ ފިޔަވަޅެވެ.
މި މަޝްވަރާތަކަކީ މަސްރަހު ފިނިކުރުމަށާއި ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަ ނުދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ބައެކެވެ. ދެ ގައުމުންވެސް ވަނީ ޑިޕްލޮމެޓިކް ދާއިރާގެ ތެރެއިން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ.



