20 ހާސް މުސްލިމުން ގޭ ބަންދު ކުރި ސަބަބު އަންގައިދޭން އެދިއްޖެ

އިންޑިއާގެ އުތުރާކާންދް ސްޓޭޓްގައި "އައި ލަވް މުޙައްމަދު" ޕޯސްޓަރުތައް ހިފައިގެން ސެޕްޓެމްބަރު 2025 ގައި ކުޑަކުދިން ބޭއްވި ހިނގާލުމަކާ ގުޅިގެން، އެ ސްޓޭޓްގެ ކާޝީޕޫރުގެ ގާތްގަނޑަކަށް 20 ހާސް ރައްޔިތުން ގޭބަންދުކުރި ކަމަށް ބުނާ މައްސަލައިގައި އެޅި ފިޔަވަޅުތަކުގެ ރިޕޯޓެއް ހުށަހެޅުމަށް އިންޑިއާގެ ނޭޝަނަލް ހިއުމަން ރައިޓްސް ކޮމިޝަން (އެން.އެޗް.އާރު.ސީ) އިން އުތުރާކާންދްގެ ސަރުކާރަށް އަންގައިފިއެވެ. މި އެންގުން އަންގާފައި ވަނީ އެޑްވޮކޭޓް ނަދީމުއްދީން ހުށަހެޅި ޝަކުވާއެއް އެ ކޮމިޝަނުން މުރާޖައާ ކުރުމަށްފަހު އޭޕްރީލް 9 ވަނަ ދުވަހުއެވެ.

އެ ޝަކުވާގައި ބަޔާންކޮށްފައިވާ ގޮތުގައި އައްލީޚާނާ ސަރަހައްދުގައި ބޭއްވި އެ ހިނގާލުމަކީ ޕޯސްޓަރުތައް ހިފައިގެން ކުޑަކުދިން ބޭއްވި އަމާން ހިނގާލުމެކެވެ. ނަމަވެސް ފުލުހުން އެހެން މާރާމާރީއަކާ އޮޅުވާލައިގެން އެ ހިނގާލުން ގުޅުވައި، ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ. ޝަކުވާގައި ބުނެފައިވާ ގޮތުން، އެ ސަރަހައްދުގެ ރައްޔިތުންނާއި، ފިހާރަތަކުގެ ވެރިންނާއި، މަގުމަތީގައި ތިބި މީހުން ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ފުލުހުން ހައްޔަރު ކުރިއެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުން އަނިޔާކުރުމާއި، ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ހުރަސްއެޅުމާއި، އަދި އިތުރަށް އާއިލާގެ މެމްބަރުން ހައްޔަރުކުރި ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މި ހާލަތަކީ އެތައް ހާސް ބަޔަކަށް އަސަރުކުރި "ޣައިރު ގާނޫނީ ގޭބަންދެއް" ގެ ގޮތުގައި ޝަކުވާގައި ސިފަކޮށްފައިވެއެވެ. އަދި އެ ސަރަހައްދުގައި އިއުލާން ކުރުމަކާ ނުލައި ކާފިއު ހިންގައި، މީހުންގެ ހަރަކާތްތަކާއި އަސާސީ ޚިދުމަތްތަކަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން، އެ ދުވަސްވަރު މުނިސިޕަލްޓީން މުސްލިމުންގެ އިމާރާތްތައް ތަޅާލުމުގެ މަސައްކަތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ރައްޔިތުންގެ ދިރިއުޅުމާއި އަމާންކަމުގެ ހާލަތު އިތުރަށް ގޯސްކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

އެން.އެޗް.އާރު.ސީ އިން ވަނީ އެ ޑިސްޓްރިކްޓް މެޖިސްޓްރޭޓަށާއި ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއަށް މި ތުހުމަތުތައް ތަހުގީގުކޮށް، ހަތަރު ހަފުތާގެ ތެރޭގައި ރިޕޯޓެއް ހުށަހެޅުމަށް އަންގާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، ގާނޫނާ ޚިލާފަށް މީހުން ހައްޔަރުކުރުމާ ދެކޮޅަށް ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާ ޚިލާފުވެފައިވާ ކަމަށް ބެލެވޭ ކަންބޮޑުވުންތަކެއް މި މައްސަލާގައި ފާހަގަ ކުރެވެއެވެ.

މި މައްސަލައިގައި ކުރެވިފައިވާ ތުހުމަތުތަކުގެ ބޮޑުމިނާއި، އަދި މިކަމުގައި ކުޑަކުދިން ހިމެނޭތީ، މި މައްސަލަ ވަރަށް ގާތުން ބަލާނެ ކަމަށް ބުނެފައި ވެއެވެ. އިތުރު ފިޔަވަޅު އެޅުން ބިނާވެގެންވަނީ އެން.އެޗް.އާރު.ސީ އަށް ހުށަހަޅާ ރިޕޯޓުގެ ހޯދުންތަކުގެ މައްޗަށެވެ.

ހިއްސާ ކުރައްވާ!