2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އީރާންގެ ގައުމީ ޓީމު އެމެރިކާއަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވައިފިއެވެ. ވޮޝިންގޓަންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަން އޮތް ނަމަވެސް، އީރާނު ޓީމުން ޔަގީނުންވެސް މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.
ސޮލީބީ ސަހުނީ ހަނގުރަމައެއް ފެބްރުއަރީ 28 ވަނަ ދުވަހު ފަށައި، ތެހެރާނަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ އަދި ސިޔާސީ ކުރިމަތިލުންތަކެއް ހިނގަމުން ދެއެވެ. ނަމަވެސް އިންފަންޓީނޯ ވިދާޅުވީ، އީރާނުން އެ ގައުމުގެ މެޗުތައް ކުޅެ ނންމާނެ ކަމުގެ ފުރިހަމަ އިތުބާރު ފީފާއަށް އެބައޮތް ކަމަށެވެ.
ތާވަލު ކުރެވިފައިވާ ގޮތުން އީރާނުގެ ގްރޫޕް ސްޓޭޖުގެ ދެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ކެލިފޯނިއާގެ އިންގްލްވުޑްގައެވެ. އަދި ތިންވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސިއެޓްލްގައެވެ. އެމެރިކާއަށް އީރާން ޓީމު ވަނުމުން، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާ ހެދި އީރާން ޓީމަށް އެމެރިކާއިން ސަލާމަތީ ފިޔަވަޅު ފޯރުކޮށް ދިއުމާ މެދު ސުއާލު އުފެދެއެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް މުބާރާތް ރޭވިފައިވާ ގޮތަށް ކުރިއަށްދާނެ ކަމަށް ފީފާއިން ބުނެއެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ކެނޑިފައި އޮތް ނަމަވެސް، ކަނޑައެޅިފައިވާ ސަލާމަތީ އަދި ލޮޖިސްޓިކް އުސޫލުތަކުގެ ތެރެއިން މުބާރާތް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައި ވަނީ ޖޫން މަހު އެވެ. އަދި މުބާރާތް ބާއްވާ ސިޓީތަކުން ދަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ. އީރާނުގެ ބައިވެރިވުމަކީ މިހާރު އޮތް ސިޔާސީ މަސްރަހުގެ ސަބަބުން މުޅި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓޭނެ ކަމެކެވެ.



