ޗައިނާއިން ތައިވާން ވަށާލައި ކަނޑުގެ މަގުތައް ބަންދުކޮށްފި ހާލަތެއްގައި، އެ ގައުމަށް ބޭނުންވާ ހަކަތައިގެ ވަސީލަތްތައް ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ ގޮތްތައް ބެލުމަށް ގައުމީ ފެންވަރުގެ ޚާއްސަ ތަމްރީނުތަކެއް ކުރިއަށް އޮތް ހަފުތާތަކުގައި ބޭއްވުމަށް ތައިވާނުން ނިންމައިފިއެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ ކަނޑުގެ މަގުތައް ބަންދުވި ނަމަވެސް، ގުދުރަތީ ގޭހާއި ތެޔޮ އެތެރެކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތައް ތަޖުރިބާކުރުމެވެ.
ތައިވާނުގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ސޯޔާ މާސް ވިދާޅުވީ، އިންޓީރިއާ މިނިސްޓްރީން އިސްނަގައިގެން ބާއްވާ މި ތަމްރީނުތަކުގައި އެހެން އިދާރާތަކާ ގުޅިގެން ހަކަތަ އުފުލާ އުޅަނދުފަހަރަށް ހިމާޔަތް ދިނުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ތައިވާން ވަށާލައި ކަނޑުގެ މަގުތައް ބަންދުކުރުމަކީ މުޅި ސަރަހައްދުގެ ހަކަތައިގެ ވިއުގައަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތައިވާނުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްއިން ހާމަކުރި ގޮތުގައި، މި ތަމްރީނުތަކުގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީން ކުރިމަތިކޮށްފާނެ ހުރިހާ ހާލަތްތަކަކަށް ބަލައި ރައްދުދޭނެ ގޮތްތައް ރާޥާނެއެވެ. މީގެ އިތުރުން، ޖުލައި މަހުގެ ކުރިން އެއްގަމު މަގުން މުހިންމު ތަކެތި އުފުލުމުގެ ތަމްރީނުތަކެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަނޑުމަތީގައި ހިމާޔަތް ދިނުމުގެ ކަންކަން ބަލަހައްޓާނީ އެ ގައުމުގެ ނޭވީ އާއި ކޯސްޓްގާޑުންނެވެ.
މިނިސްޓަރު މާސް އިތުރަށް ވިދާޅުވީ، ތައިވާނުން މަސައްކަތް ކުރަނީ ފިލިޕީންސް، ޖަޕާން އަދި އެމެރިކާއާ ގުޅޭ މައިގަނޑު ތިން ކަނޑުގެ މަގު ހުޅުވާފައި ބަހައްޓާށެވެ. އަދި މި މަސައްކަތުގައި ޖަޕާނާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ތަމްރީނުތައް ބޭއްވުމަށް ނިންމާފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ތައިވާން ކައިރީގައި ބޭއްވި ބޮޑު އަސްކަރީ ތަމްރީނުތަކަކަށް ފަހުއެވެ. "ޖަސްޓިސް މިޝަން 2025″ ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި ޗައިނާގެ 89 އަށްވުރެ ގިނަ މަތިންދާބޯޓާއި 14 ހަނގުރާމަމަތީ މަނަވަރު ބައިވެރިވިއެވެ.
ޗައިނާއިން ތައިވާނަކީ އެ ގައުމުގެ ބާޣީ ސަރަހައްދެއްގެ ގޮތުގައި ދެކޭއިރު، ބާރުގެ ބޭނުންކޮށްގެން ނަމަވެސް ތައިވާން ހޯދާނެ ކަމުގެ އިންޒާރު ޗައިނާ ވަނީ ތަކުރާރުކޮށް ދީފައެވެ. ނަމަވެސް މިފަހަރުގެ ތަމްރީނުތަކާ ގުޅޭގޮތުން ޗައިނާއިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

