ހުރުމުޒު ބަންދުކުރުމަކީ 'އިގްތިސާދީ ޓެރަރިޒަމް' ކަމަށް ޔޫއޭއީން ބުނެފި

ހުރުމުޒު ބަންދުކުރުމަކީ އިގްތިސާދީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ސިފަކޮށް، އޭގެ ސަބަބުން އިންޑިއާ ފަދަ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިންޒާރު ދީފިއެވެ. ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓަރ އޮފް ސްޓޭޓް ސައީދު ބިން މުބާރަކް އަލްހަޖަރީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ސަރަހައްދީ ހަމަނުޖެހުންތަކާއި އެމެރިކާ އާއި އީރާނާ ދެމެދު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ މެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ބުރޫއަރަމުންދާ ކަމަށެވެ.

އަލްހަޖަރީ ވިދާޅުވީ ހުރުމުޒު ބަންދުކުރުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި މުދާ އުފުލާ އުޅަނދުފަހަރަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ. މިކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ބުރޫއަރައި، އެ މަގަށް ބަރޯސާވާ ގައުމުތަކުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް، ހަކަތައިގެ ބާވަތްތައް އެތެރެކުރުމުގައި އެ މަގަށް ބޮޑަށް ބަރޯސާވާ އިންޑިއާއަށް މިކަމުގެ ސީދާ އަސަރު ކުރަމުންދާކަމަށް ޔޫއޭއީން ބުނެފައިވެއެވެ.

ޔޫއޭއީން ދެކޭގޮތުގައި ކަނޑުގެ މި މުހިންމު މަގަށް ހުރަސް އެޅުމަކީ ބައިނަލްއަގުވާމީ އިގްތިސާދީ ހަމަޖެހުމަށް ދެވޭ ހަމަލާއެކެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އެ ކަނޑުއޮޅި އަބަދުވެސް ހުޅުވިފައި އޮންނަންޖެހޭނެ ކަމަށާއި، ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސައްކަތް ކުރަމުންދާ ކަމަށް އަލްހަޖަރީ ވިދާޅުވިއެވެ. އަދި މި ސަރަހައްދަށް އިތުރު ހަމަނުޖެހުމެއް ތަހައްމަލު ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫއޭއިއަކީ އީރާނަށް ހަމަލަ ދިނުމަށް އެގައުމުގައި އިންދާފައިވާ އެމެރިކާގެ މަރުކަޒުތަކަށް ހުއްދަ ދިން ގައުމެކެވެ. އަދި ޔޫއޭއީއާއި ބަހުރައިންފަދަ ގައުމުތައް މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.

އީރާނުގެ އަމަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލްހަޖަރީ ވިދާޅުވީ، ހަމައެކަނި ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލުމަކުން މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އޭގެ ބަދަލުގައި އީރާނުން ކުރިމަތިކުރާ ހުރިހާ ނުރައްކާތަކަކަށް ހައްލެއް ލިބޭނެ ފަދަ ފުރިހަމަ އޮނިގަނޑެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެމެރިކާ އާއި އީރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުން އަމަލީ ގޮތުން ފެންނާނެ ނަތީޖާއެއް ނެރެންޖެހޭ،" އަލްހަޖަރީ ވިދާޅުވިއެވެ.

ޔޫއޭއީގައި ދިރިއުޅޭ އިންޑިއާގެ ބޮޑު އާބާދީއަށް އިޝާރާތް ކުރައްވައި އަލްހަޖަރީ ވިދާޅުވީ، ޔޫއޭއީގެ ތަރައްގީގައި އިންޑިއާ ރައްޔިތުން އަދާކުރާ ދައުރު ޔޫއޭއީން ބަލައިގަންނަ ކަމަށެވެ. ހުރުމުޒުގައި އުފެދޭ ކޮންމެ ނުތަނަވަސްކަމަކީ ދެ ގައުމަށްވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށްވާތީ، އިންޑިއާ ރައްޔިތުންގެ ރައްކާތެރިކަމާއި ފާގަތިކަމަށް ޔޫއޭއީން އިސްކަންދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ހިއްސާ ކުރައްވާ!