ސޮލީބީ ސަހުޔޫނީ ހަމަލަތަކަށް އިރާނުން ދިން ބަދަލުހިފުމުގެ ވަރުގަދަ ރައްދު ހަމަލާތަކެއްގައި، ގަލްފުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ ތާޑް މަރުކާގެ ދިފާއީ ނިޒާމުތައް ފެއިލްވެ، އެ ގައުމުތަކުގެ ދިފާއަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި މައްސަލަ ދިރާސާ ކުރަން ފަށައިފި އެވެ.
މި ނިޒާމުތަކަކީ އެމެރިކާއިން މަދަދާއި ދިފާއީ އެހީތެރިކަން ހޯދުމަށް ގަލްފުގެ އަރަބި ގައުމުތަކުން އަހަރުތަކެއް ވަންދެން ބޮޑެތި ޚަރަދުތަކެއް ކޮށްގެން ގާއިމުކޮރުވި ނިޒާމު ތަކެކެވެ. ނަމަވެސް އީރާނުން މި ގައުމުތަކުގައި ހުރި އެމެރިކަގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލަތަކަށް ފަހު، އެމެރިކާގެ މިސައިލް ދިފާއީ ނިޒާމުގެ އިތުބާރާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ތާޑް ނިޒާމުތަކަކީ، 'ޓާމިނަލް ހައި އެލްޓިޓިއުޑް އޭރިއާ ޑިފެންސް' ސިސްޓަމް އަށް ކުރުކޮށް ކިޔާ ނަމެވެ. މި ނިޒާމު އިޝްތިހާރުކުރަމުން އައީ ގަލްފުގެ އަރަބި ގައުމުތަކުގެ ސަލާމަތީ އައްޑަނައިގެ މައިބަދަ ކަމުގައެވެ.
ޕެޓްރިއަޓް ޕީއޭސީ-3 ބެޓެރީތަކާއެކު މަސައްކަތްކުރާ މި ސިސްޓަމަކީ ބެލިސްޓިކް މިސައިލާއި ޑްރޯންތައް ދެނެގަނެ، އެތަކެތި އަމާޒަށް ވާސިލުވުމުގެ ކުރިން ވައިގެ ތެރޭގައި ގޮއްވާލުމަށް ފަރުމާކޮށްފައިވާ އަގު ބޮޑު ނިޒާމެކެވެ. އިރާނުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ގަލްފުގެ ސަރުކާރުތަކުން ވަނީ މި ސިސްޓަމްތަކަށް ބިލިއަނުން ޚަރަދުކޮށްފައެވެ.
މި ނިޒާމުތައް ގާއިމް ކުރުމުގެ ކުރިން އަރަބިން ގެންގުޅުނީ އެމީހުންގެ ޖަމާއީ ދިފާއީ އައްޑަނައެކެވެ. މާނައަކީ އެއްވެސް ގައުމަކަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ މިސްރުފަދަ ބޮޑެތި ގައުމުތައް ދިފާއުގައި ހަރަކާތްތެރިވާން ވާނެއެވެ. ނަމަވެސް ގަލްފްގެ ފުރަތަމަ ހަނގުރާމައަށް ފަހު ގަލްފްގެ އަރަބި ގައުމުތަކުން އެމެރިކާއަށް ދިފާއީ މަރުކަޒުތައް ހަދައި ދިނެވެ. އަދި އެމެރިކާގެ ޓެކްނޮލޮޖީ މޮޅުކަމަށް ބުނެ އެކަމަށް ބޮޑާވެގަތެވެ. އަދި ސައުދީއާއި ޔޫއޭއީން ބުނަމުން ދިޔައީ ދެން އަރަބި ހުރިހައި ގައުމަކަށް ދިފާއީ ކުޑައެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ގަލްފްގެ އަރަބި ގައުމުތަކުން ކަމަށެވެ. މިކަމަށް ރައްދު ދެމުން މިސްރުން ވަނީ ގަލްފްގެ އަރަބި ގައުމަކުން ދުވަހަކުވެސް އަމާޒަށް ބަޑި ޖަހާފައިވޭތޯ ސުއާލުކޮށްފައެވެ.
މގެ އިތުރުން އެމެރިކާއިން އުފައްދާފައިވާ ނިޒާމުގައި ބޭނުން ކުރާ ކޮންމެ ދިފާއީ މިސައިލަކީ އެތައް މިލިއަން ޑޮލަރުގެ އަގުހުރި މިސައިލެކެވެ. އަދި އެމެރިކާއަށް އަހަރަކަށް އުފެއްދެނީ އެވައްތަރުގެ އެންމެ 90 މިސައިލެވެ.
އެއާ ޚިލާފަށް އީރާނުން ފޮނުވާނާ މިސައިލަކީ 5 ހާސް ޑޮލަރާއި 30 ހާސް ޑޮލަރާ ދެމެދުގެ އަގެއްގެ މިސައިލެކެވެ. އަދި އީރާނަށް ތިޔާގިކަމާއެކު އެ މިސައިލްތައް އުފެއްދެއެވެ.
އީރާނުގެ ކުޅަދާނަކަމާއެކު އަރަބިންނަށް ހޭވެރިކަމެއް އައިއިރު އެނގުނީ އެމެރިކާއިން އެމީހުންނަށް އޮޅުވާލައިގެން ވިއްކާފައި މިހުރީ އޮމާން ޓިނުން ހަދާފައިވާ ތޮށިގަނޑުތަކެއް ކަމަށެވެ. އަސްލު މިސައިލް އެމެރިކާއިން ބޭނުން ކުރީ އެމެރިކާގެ މެދުއިރުމަތީގެ ޕްރޮކްސީ ޓެރަރިސްޓް ޖެނޮސައިޑް ޔަހޫދީ ރެޖީމްގެ ދިފާއުގައެވެ.
އަރަބިންގެ ބޯކާލައިގެން ޓްރަމްޕް ވަނީ ވެރިކަމަށް އައިސް 2025 ވަނަ އަހަރުގެ މެއި މަހު ސައުދީ އަރަބިއްޔާއާއެކު 142 ބިލިއަން ޑޮލަރުގެ ހަތިޔާރުގެ ޕެކޭޖެއްގައި ވެސް ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ތާޑް މިސައިލްގެ ދިފާއީ ނިޒާމުގެ ބެޓެރީތަކާއި، ޕެޓްރިއަޓް ސިސްޓަމްތައް އަޕްގްރޭޑްކުރުމާއި، އެންމެ ފަހުގެ މިސައިލާއި ހަތިޔާރު އެޅި ޑްރޯންތައް ސަޕްލައި ކުރުން ހިމެނެއެވެ. ނަމަވެސް މިއިން އެއްވެސް އެއްޗެއް ސައޫދީގެ ދިފާއުގައި ބޭނުމެއް ނުކުރެވުނެވެ. ވޮޝިންގޓަނުން އޭރު ބުނެފައިވަނީ މިއީ އިރާނާއި އެ ގައުމުން ވާގިވެރިވާ ޖަމާއަތްތަކާ ދެކޮޅަށް ސައުދީގެ ދިފާއީ ގާބިލުކަން އިތުރުކުރުމަށް އެމެރިކާއިން އޯގާތެރިކަމާއެކު އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ނަމަވެސް، އިރާނުގެ ފަހުގެ ހަމަލާތަކުން ވަނީ އެމެރިކާގެ ސޮލީބީ ދިފާއީ ނިޒާމުގެ ހުރި އުނިކަންތައްތައް ހާމަވެފައެވެ. އެއްފަހަރާ ގިނަ އަދަދެއްގެ މިސައިލް ފޮނުވާލުމުގެ ސަބަބުން ތާޑް ސިސްޓަމްތަކަށް އެ ހުރިހާ ހަމަލާއެއް ނުހުއްޓުވެއެވެ. އަދި ސިސްޓަމްގެ ބައެއް ޔުނިޓްތައް ވަނީ އީރާން ހަމަލާތަކުގައި ހަލާކުވެފައެވެ.
މި ހާދިސާއިން ހާމަވެގެންދިޔައީ، އަގުބޮޑު ދިފާއީ މިސައިލްތަކާއި، އަގުހެޔޮ ހަމަލާދޭ ހަތިޔާރުތަކުގެ މެދުގައި ހުރި އިގްތިސާދީ އަދި އަސްކަރީ ބޮޑު ތަފާތެވެ. މުހައްލިލުން ބުނަނީ ސައުދީއާއި ޕެޓްރޯލު ވިއްކާ އަރަބިން އަމިއްލަ ގައުމުގެ މީހުން ތަމްރީނު ކުރަން ހޭދަކޮށް އަމިއްލަ ދިފާއީ ނިޒާމެއް ބިނާ ކުރިނަމަ މި ހާލަތާ ކުރިމަތިލާން ނުޖެހުނީސް ކަމެވެ. އަދި އެފަރާތްތަކުން އަރަބިންނަށް ގޮވާލަނީ އީރާނުން އިބްރަތް ލިބިގަތުމަށެވެ.
އަރަބިންގެ މި ނާކާމިޔާބީއާ ގުޅިގެން، އެމެރިކާގައި އުފައްދާ ދިފާއީ ނިޒާމުތަކަށް ދިގު މުއްދަތަކަށް އަރަބިން ބަރޯސާވުމާމެދު ގަލްފުގެ ގައުމުތަކުގައި މިހާރު ވަނީ ސުއާލު އުފެދިފައެވެ. އަރަބިން މިހާރު ދަނީ މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކޮށް، ބަދުނާމީން ސަލާމަތް ވުމަށް ކުރިމަގުގައި ދިފާއީ ކަންކަން ރޭވުމުގައި އަމަލުކުރާނެ ގޮތްތަކެއް ދިރާސާކުރަމުންނެވެ.



