އިންޑިއާއިން މިހާރު އުފައްދަމުންދާ 8.8 ގިގަވޮޓުގެ ނިއުކްލިއާ ހަކަތަ، 2047 ވަނަ އަހަރާ ހަމައަށް 100 ގިގަވޮޓަށް އިތުރުކުރުމުގެ ބޮޑު މަޝްރޫއެއް އެ ގައުމުން އިއުލާނުކޮށްފިއެވެ. މިކަން ހާމަކުރެއްވީ އިންޑިއާގެ ސެންޓްރަލް އިލެކްޓްރިސިޓީ އޮތޯރިޓީ (ސީއީއޭ) އިން ނެވެ. މިކަން އިއުލާނުކުރެއްވީ ނިއުދިއްލީގައި ހުކުރު ދުވަހު ބޭއްވި "އިންޑިއާސް ނިއުކްލިއާ ޕަވަރ ރޯޑްމެޕް" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައެވެ.
އިންޑިއާގެ އައު ޓާގެޓަކީ މިހާރު އުފައްދާ މިންވަރަށްވުރެ 10 ގުނަ އިތުރު މިންވަރަށް ނިއުކްލިއަރ ހަކަތަ އުފެއްދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި އެކުލަވާލާފައިވާ ރޯޑްމެޕްގައި ގާނޫނަށް ގެންނަ ބަދަލުތަކާއި، އައު އިޖުރާއަތްތަކާއި، އަދި އިތުރު އިރުޝާދުތަކެއް އެކުލަވައިލުން ހިމެނެއެވެ.
އިންޑިއާއިން މިހާރު "ޝާންތި އެކްޓް" މިހާރު ފާސްކޮށްފައިވީ ނަމަވެސް، އޭގެ ދަށުން އެކުލަވާލަންޖެހޭ އިތުރު ގަވާއިދުތަކާއި އޮޕަރޭޝަނަލް ފްރޭމްވޯކްތައް އަދިވެސް ތަރައްގީކުރަމުންދާ ކަމަށް ސީއިއޭގެ ޗެއަރމަން ވިދާޅުވިއެވެ.
ސަރުކާރުން މިހާރު ދަނީ މި މަޝްރޫއު އަވަސްކުރުމަށްޓަކައި ކަމާބެހޭ އެކި ފަރާތްތަކުގެ ޚިޔާލު ހޯދަމުންނެވެ. މި ދާއިރާ ކުރިއެރުވުމަށްޓަކައި މަސައްކަތުގެ މަރުހަލާތައް ފަސޭހަކޮށް، މިންގަނޑުތަކެއް ކަނޑައަޅައި، ޚަރަދު ކުޑަކުރަންޖެހޭ ކަމަށް ޕްރަސާދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ތެލުގެ ރައްކާތެރިކަމާއި، ހަކަ އުފައްދާ މަރުކަޒު ބިނާކުރުމަށް އެކަށީގެންވާ ބިން ހޯދުމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ މި މަޝްރޫއުގެ މައިގަނޑު އަސާސްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
މި އައު ބަދަލާއެކު އިންޑިއާގެ ނިއުކްލިއާ ދާއިރާ އިތުރު ކުންފުނިތަކަށް ހުޅުވާލެވޭނެއެވެ. މިހާރު މި ދާއިރާގައި ހަރަކާތްތެރިވަނީ އެންމެ ކުންފުންޏެއް ކަމުގައިވި ނަމަވެސް، ކުރިއަށް އޮތް ތަނުގައި 10 ނޫނީ 12 ކުންފުނިތަކަށް މި ފުރުސަތު ލިބޭނެ ކަމަށް ޕްރަސާދު ވިދާޅުވިއެވެ. ނިއުކްލިއާ ހަކަތައަކީ މެދުނުކެނޑި ލިބޭ، އިތުބާރު ހުރި އަދި ގިނަ ދުވަހު ބޭނުންކުރެވޭ ހަކަތައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި އައު އަމާޒަށް ވާސިލުވުމަށްޓަކައި މުޅިން އައު ނިއުކްލިއާ ޕްލާންޓްތައް އިންޑިއާއިން ގާއިމުކުރާނެ ކަމަށާއި، މިހާރު ހުރި ޕްލާންޓްތައްވެސް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ޕްރަސާދު ވިދާޅުވިއެވެ. އަދި ޕްލާންޓްތައް އެޅުމަށް ބިން ހޯދުމަށް އިންޑިއާގެ ސްޓޭޓްތަކަށް ބާރުއަޅަމުންދާ ކަމަށާއި، ކަރަންޓުގެ އަގު ކަނޑައަޅާނީ ޑިމާންޑާއި މަޝްރޫއު ހިންގާ ގޮތަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.




