އިންޑިއާގެ ޓެކްނޮލޮޖީގެ ސިނާއަތަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި، އެ ގައުމުގެ ފުރަތަމަ އެޑްވާންސްޑް 3ޑީ ގްލާސް ސެމީކޮންޑަކްޓަރ ޕެކޭޖިންގ ޔުނިޓް އޮޑިޝާގެ ބުބަނޭޝްވަރުގައި އިފްތިތާހުކޮށްފިއެވެ.
މި ރަސްމިއްޔާތަކީ އޮޑިޝާ ސަރުކާރާއި އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ރަސްމިއްޔާތެކެވެ.
"3ޑީ ގްލާސް ސޮލިއުޝަންސް" އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ އިންޑިއާއަށް އައު ޖީލުގެ 3ޑީ ޗިޕް ޕެކޭޖިންގ ޓެކްނޮލޮޖީ ތައާރަފްކޮށްދޭ މަޝްރޫއެކެވެ. ގާތްގަނޑަކަށް 200 މިލިއަން ރުޕީސްގެ އިންވެސްޓްމަންޓަކާއެކު ގާއިމުކުރާ މި ޔުނިޓުން އަހަރަކު 50 މިލިއަން ސެމީކޮންޑަކްޓަރ ޕެކޭޖް އުފައްދާނެ އެވެ. މި މަސައްކަތުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 2,500 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ލަފާކުރެވެއެވެ.
ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތައް ކަމަށްވާ އިންޓެލް، ލޮކްހީޑް މާޓިން، އަދި އެޕްލައިޑް މެޓީރިއަލްސްގެ އެހީތެރިކަމާއެކު ހިންގާ މި ފެސިލިޓީން އުފައްދާ ޗިޕްތައް ބޭނުންކުރާނީ ވައިގެ ދަތުރުފަތުރާއި، ދިފާއީ ދާއިރާ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި 5ޖީ ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުގައެވެ.
އިންޑިއާ ސަރުކާރުގެ ކެބިނެޓުން މި މަޝްރޫއު ފާސްކުރިތާ މަދު މަސްތަކެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، އިންޑިއާގައި މިފަދަ މަޝްރޫއުތައް ހަލުވިކަމާއެކު ކުރިއަށްދާކަމުގެ ހެއްކެއް ކަމަށް އޮފިޝަލުން ފާހަގަކުރައްވައެވެ. މިއާއެކު، އޮޑިޝާ ވެގެން ގޮސްފައިވަނީ ސެމީކޮންޑަކްޓަރ އުފެއްދުމާއި ޕެކޭޖްކުރުމުގެ ދެ ވަސީލަތްވެސް ގާއިމުކުރެވުނު އިންޑިއާގެ ފުރަތަމަ ސްޓޭޓަށެވެ.
މި ކުރިއެރުމަކީ އިންޑިއާގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ތަޞައްވުރުގެ ދަށުން، ހައި ޓެކް އުފެއްދުންތެރިކަމުގެ މަރުކަޒަކަށް އިންޑިއާ ހެދުމަށް ކުރާ މުހިންމު މަސައްކަތެކެވެ. އޮޑިޝާ ސަރުކާރުން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ބައިނަލްއަގުވާމީ އިތުރު އިންވެސްޓްމަންޓްތައް އެ ސްޓޭޓަށް ލިބިގެންދާނެއެވެ.




