ޗައިނާގައި ބޭރުގެ ވެބްސައިޓްތަކަށް ވަނުމަށް ބޭނުންކުރާ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން) އާއި އެނޫންވެސް އެފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްޓުވުމަށް އެ ގައުމުގެ ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވާން ފަށައިފިއެވެ.
އިންޓަނެޓްގައި ދައުރުވަމުންދާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ޗައިނާގެ ޓެލެކޮމް ކުންފުނިތަކާއި ރެގިއުލޭޓަރީ އިދާރާތަކުން ދަނީ ހުއްދަ ނެތް ބައިނަލްއަގުވާމީ ހުރިހާ ވިއުގަތަކެއް ބްލޮކް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ފިޔަވަޅުތަކުގެ މައިގަނޑު އަމާޒަކީ ޗައިނާގެ "ގްރޭޓް ފަޔަރވޯލް" ފަހަނއަޅައި ދިއުމަށް ބޭނުންކުރާ ވީޕީއެންތަކުގެ ޚިދުމަތްތައް ހުއްޓުވުމެވެ.
މިކަމާ ގުޅޭގޮތުން ސަރަޙައްދީ ކޮންޓެންޓް ޑެލިވަރީ ޕްރޮވައިޑަރަކުން ނެރުނު ނޯޓިހެއްގައި ބުނެފައިވަނީ، ވިޔަފާރިތަކަށް ދޫކޮށްފައިވާ ބައިނަލްއަގުވާމީ ހުރިހާ އިންޓަނެޓް ޓްރެފިކެއް ކަނޑާލުމަށް އެ ކުންފުނީގެ މައި ޓެލެކޮމް ބައިވެރިޔާ އަންގާފައިވާ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުންކުރާ ވީޕީއެން، ޕްރޮކްސީ އަދި ބޯޑަރު ހުރަސްކޮށް ޑޭޓާ ފޮނުވުމަށް ބޭނުންކުރާ އެންމެހާ ވަސީލަތްތައް ނައްތާލުމަށް ވަނީ އިރުޝާދު ދީފައެވެ. މި އެންގުމާ ޚިލާފުވާ ފަރާތްތަކުގެ އިންޓަނެޓް ވަގުތުން ކަނޑާލާނެ ކަމަށާއި، އޭގެ ސަބަބުން ލިބޭ ޑޭޓާގެ ގެއްލުމަށް އެ ކުންފުނިން ޒިންމާ ނުވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.
މީގެ އިތުރުން، ޗައިނާގެ މިނިސްޓްރީ އޮފް އިންޑަސްޓްރީ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން ވަނީ ދައުލަތުގެ ބޮޑެތި ޓެލެކޮމް ކުންފުނިތަކާއެކު ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ވެސް ނިންމާފައެވެ. މި ބައްދަލުވުމުގެ ބޭނުމަކީ ހުއްދަ ނެތް ޑޭޓާ ލިންކުތައް ކޮންޓްރޯލް ކުރުން އިތުރަށް ވަރުގަދަކުރުމެވެ.
ހަމައެއާއެކު، ސައިބަރސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން ވަނީ ރައީސް ޝީ ޖިންޕިންގެ "ގައުމީ ސައިބަރ ބާރުވެރިކަމުގެ މުހިންމު ވިސްނުންފުޅުތަކާ" ގުޅޭގޮތުން ސެމިނާރެއް ބޭއްވުމަށް އޮފިޝަލުންނަށް ދައުވަތު ދީފައެވެ. މި ބައްދަލުވުމުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން، ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ ފޯނު ބައްދަލުވުން އޮންނަ މާލަމުން ބޭރުގައި ބެހެއްޓުމަށް ވަނީ އަންގާފައެވެ.



