ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން އީރާނުން ސޯޝަލް މީޑިއާ، ޚާއްޞަކޮށް އެކްސް ސްޓްރެޓެޖިކް ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްފި ކަމަށް މީޑިއާ ދިރާސާތަކުން ބުނެއެވެ. އީރާނުގެ ސަރުކާރުގެ އިދާރާތަކާއި، އެމްބަސީތަކުން މިހާރު ދަނީ މަޖާ ވީޑިއޯތަކާއި، މީމްތަކުގެ އިތުރުން އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކްލިޕްތައް ޓްރަމްޕާ ދެކޮޅަށް ނަފްސާނީ ހަނގުރާމައިގެ ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.
އީރާނުގެ މި އޮންލައިން މެސެޖުތަކުގެ މައިގަނޑު މަގްސަދަކީ އެމެރިކާގެ ބަހުގެ ހަމަލާތަކަށް ރައްދުދީ، ދުނިޔޭގެ ކުރިމަތީގައި އީރާނުގެ އިތުބާރު ދަމަހައްޓައި އެމެރިކާގެ އަގު ވައްޓާލާށެވެ. އީރާނުގެ ތަރުޖަމާނުންނާއި ޑިޕްލޮމޭޓުން ދަނީ އެމެރިކާގެ އިސް އޮފިޝަލުންނާއި ޓްރަމްޕްގެ ބަޔާންތަކަށް މަލާމާތްކޮށް، ތޫނު ރައްދުތަކެއް ސޯޝަލް މީޑިއާގައި ދެމުންނެވެ.

އީރާނުން ބޭނުންކުރާ އުކުޅުތަކުގެ ތެރޭގައި ޕޮޕް ކަލްޗާ މީމްތަކާއި، ލެގޯ ސްޓައިލްގެ އޭއައި ވީޑިއޯތަކުގެ އިތުރުން، އެމެރިކާގެ ސިޔާސަތުތަކަށް މަލާމާތްކުރުމަށް ރޭވުންތެރިކަމާއެކު ހިންގާ ޓްރޯލިން ކެމްޕޭންތައް ހިމެނެއެވެ. މިއީ އެމެރިކާގެ އިންޒާރުތަކުގެ އަގު ވައްޓާލުމަށް ބޭނުންކުރާ އުކުޅެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި ދިރާސާގައި ބައިވެރިވި އެނަލިސްޓުން ވިދާޅުވާ ގޮތުގައި، ޒަމާނީ ހަނގުރާމަތައް މިހާރު ބިނާވެފައިވަނީ މީހުން ދެކޭގޮތް ބަދަލުކުރުމުގެ މައްޗަށެވެ. މިގޮތުން ޑިޖިޓަލް މައިދާނުގައި ބޭނުންކުރާ ހުޝިޔާރު ރައްދުތަކަކީ ބައިނަލްއަގުވާމީ މަސްރަހުގައި އާންމުންގެ ވިސްނުމަށް ނުފޫޒު ފޯރުވޭނެ ކަންކަމެވެ. މީގެ ކުރިން 2025 ވަނަ އަހަރު ޕާކިސްތާނާއި އިންޑިއާގެ ކުރިމަތިލުންތަކުގައިވެސް މިފަދަ މީމް ހަނގުރާމަތަކެއް ފެނިފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.


އީރާނުގެ އިސް ލީޑަރުން އަވަހާރަ ކޮށްލުމާ ގުޅިގެން ހިންގި ޑިޖިޓަލް ކެމްޕޭންތަކުގެ ސަބަބުން، އީރާނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި އީރާންގެ ތަސައްވުރު ވަނީ ރަނގަޅުވެފައެވެ. އަދި އެމެރިކާ އާއި އީރާނާ ދެމެދު އޮތް މައްސަލަ ހައްލުކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންވެސް ސޯޝަލް މީޑިއާގައި ބޮޑެތި ބަހުސްތަކެއް ދަނީ ހިނގަމުންނެވެ.








