އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ބަނދަރުތައް ހިސާރަ ކުރުން ހުއްޓާލުމާއެކު، ވަގުތުން މަޝްވަރާތަކަށް ދާން ތައްޔާރަށް އޮތް ކަމަށް އީރާނުން ބުނެފިއެވެ. އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަމީރު ސައީދު އިރަވާނީ ވިދާޅުވީ، އެއްވެސް ބާވަތެއްގެ ޑިޕްލޮމެޓިކް މަޝްވަރާތަކެއް ފެށުމުގެ ކުރިން ވޮޝިންޓަނުން ކުރިއަށް ގެންދާ ހަމަލަތައް ހުއްޓާލުމުގެ ހުށަހެޅުމާ ޚިލާފް ހުރިހައި ކަމެއް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ.
އީރާނުން ވަނީ މަޝްވަރާގެ މޭޒު ދޮށުގައި އެމެރިކާއާއެކު އިށީންނަން ދެކޮޅު ހަދާފައެވެ. އަދި އީރާނުން ބުނަނީ އެމެރިކާއިން އޮޅުވާލާ ކަމަށާއި ހަރުކަށި ޝަރުތުތައް މަޖުބުރު ކުރުވާ ކަމަށެވެ. އީރާނުގެ ގަދަ ދެއްކުމާއެކު އެމެރިކާއަށް މަޖުބޫރުވީ ހަމަލަތައް ހުއްޓާލުމުގެ ވަގުތު އިތުރަށް ދަންމާށެވެ. މީގެ ކުރިން ޓްރަމްޕް ވިދާޅުވީ އިތުރަށް ހަމަލަތައް ހުއްޓާފައި އޮންނަ ވަގުތު އިތުރު ނުކުރާނެ ކަމަށެވެ.
ޕާކިސްތާން މީޑިއާއިން ޓްރަމްޕާ ހަވާލާ ދީ ބުނަނީ ވަގުތު އިތުރު ކޮށްފައިވަނީ، ޕާކިސްތާންގެ ލީޑާޝިޕުން އެދިގެން ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން ބުޏާ ގޮތުގައި ހަނގުރާމަ ހުއްޓާލާފައިވާ މި ދަނޑިވަޅުގައިވެސް އެމެރިކާގެ ސިފައިން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ނެވެ. އަދި ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ވިދާޅުވީ، އެމެރިކާގެ ސިފައިން ދަނީ އަލުން ހަތިޔާރު ބަރާކޮށް ހަނގުރާމައިގެ އުކުޅުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެމެރިކާއާއި ޔަހޫދީން ފެށި ސޮލީބީ ސަހހުޔޫނީ ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ މުހިންމު މިސައިލް ރިޒާވް ވަރަށް ބޮޑަށް ހުސްވެފައިވާ ކަމަށް ސެންޓަރ ފޯ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީ.އެސް.އައި.އެސް) އިން ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ފާހަގަކޮށްފައެވެ. މި ރިޕޯޓުގައިވާ ގޮތުން، އީރާނާ ދެކޮޅަށް ހިންގި "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ސަބަބުން އެމެރިކާގެ ޕެޓްރިއަޓް އެއާ ޑިފެންސް އިންޓަސެޕްޓަރުތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަނީ ހުސްވެފައެވެ.
މީގެ އިތުރުން، އެހެން 6 ބާވަތެއްގެ މުހިންމު މިސައިލްތައްވެސް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް މި ދިރާސާއިން ދައްކައެވެ. މިކަމަކީ އެމެރިކާގެ އަސްކަރީ ގާބިލުކަމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.






