ޕަހަލްގާމަށް މިދިޔަ އަހަރު ދިން ހަމަލާގައި ފަތުރުވެރިން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި މަރުވި ސައްޔިދު އާދިލް ޝާހްގެ އާއިލާއަށް އަލަށް ބިނާ ކޮށްފައިވާގެއެއް ލިބިއްޖެއެވެ. އަނަންތުނާގް ޑިސްޓްރިކްޓްގެ ހަޕްތަނާރު އަވަށުގައި ބިނާކޮށްފައިވާ މި ގެއަށް އާދިލްގެ އާއިލާ ބަދަލުވުމަށް ހަމަޖެހިފައިވަނީ އެ ހަމަލާއަށް އަހަރު ފުރުމާ ދިމާކޮށް، މި މަޝްރޫއަށް ފަންޑުކުރެއްވި މަހާރާޝްތުރާގެ ޑެޕިއުޓީ ޗީފް މިނިސްޓަރު އެކްނާތު ޝިންޑޭ އެ ސަރަހައްދަށް ކުރައްވާ ޒިޔާރަތަށް ފަހުގައެވެ.
އުމުރުން 28 އަހަރުގެ އާދިލްއަކީ ޕަހަލްގާމްގައި އަސް ދުއްވައިގެން އާމްދަނީ ހޯދަމުން ދިޔަ ޒުވާނެކެވެ. ބައިސަރަން މައިދާނުގައި ދިން އެ ހަމަލާގައި 22 އަށްވުރެ ގިނަ މީހުން މަރުވެ، ގިނަ ބަޔަކު ޒަހަމްވިއިރު، އެތައް ބަޔަކު އެ ސަރަހައްދުން ފިލަން ދުވި ނަމަވެސް އާދިލް މަސައްކަތްކުރީ ޒަޚަމްވި މީހުންނަށް އެހީތެރިވުމަށެވެ. އާއިލާއިން ބުނި ގޮތުގައި އޭނާގެ ގަޔަށް ބަޑިޖަހާފައިވަނީ ޒަހަމްވެފައި ތިބި ފަތުރުވެރިންނަށް އެހީވާން އުޅުމުގެ ތެރޭގައެވެ.
އާދިލްގެ މަރުގެ ޚަބަރު އާއިލާއަށް ލިބުނީ އެތައް ގަޑިއިރެއްގެ ނުތަނަވަސްކަމަށްފަހު އެ ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. އާދިލް ދިރިއުޅެމުން ދިޔައީ އޭނާގެ މައިންބަފައިންނާއި ދެ ބޭިންނާއެކުގައެވެ. އޭނާ ކައިވެނިކޮށްގެން އުޅުނު ގުލްނާޒް އަޚްތަރާއި އާދިލްއަށް ލިބުނު ތުއްތު އަންހެން ދަރިފުޅުވެސް ވަނީ ބަލިހާލަތެއްގައި މީގެ ކުރިން ނިޔާވެފައެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުންނާއި ޖަމިއްޔާތަކުން ވަނީ އާދިލްގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ލެފްޓިނަންޓް ގަވަރުނަރު މަނޯޖް ސިންހާ ވަނީ އާދިލްގެ ހުވަފަތް އަންބަށް ފިޝަރީޒް ޑިޕާޓްމަންޓުން ވަޒީފާއެއް ދެއްވާފައެވެ. އަދި ވަގުފް ބޯޑުން އޭނާގެ ކޮއްކޮއަށް މަސައްކަތް ކުރުމުގެ ފުރުސަތު ދީފައިވާއިރު، އެކި ޖަމާއަތްތަކުން މާލީ އެހީތެރިކަންވެސް ފޯރުކޮށްދީފައިވެއެވެ.
އާދިލްގެ ބޭބެ ނައުޝާދު ބުނި ގޮތުގައި، އެކްނާތު ޝިންޑޭ ވަނީ މީގެ ކުރިންވެސް އާއިލާއަށް މާލީ އެހީތެރިކަން ފޮނުއްވައި، ވީޑިއޯ ކޯލް މެދުވެރިކޮށް އާއިލާއާ ވާހަކަދައްކަވާފައެވެ. އާދިލްގެ ބައްޕަ ބުނީ، އާދިލްގެ ހިތްވަރުގަދަ އަމަލާ މެދު އާއިލާއިން ފަހުރުވެރިވާ ކަމަށާއި، އޭނާ މަސައްކަތްކުރީ އެ ސަރަހައްދަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.



