ސޮލީބީ ސަހުޔޫނީ ހަނގުރާމައާއި މޫސުމީ ބަދަލުތަކާއެކު ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު އުފުލިއްޖެ

ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން މުދާ އުފުލުމަށާއި ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު، ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު ވަރަށް ބޮޑަށް އުފުލިއްޖެއެވެ. ބްލޫމްބާގް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކޮފީގެ އަގު އުފުލެން މެދުވެރިވީ ސިޔާސީ މަސްރަހަށް އައި ބަދަލުތަކުގެ އިތުރުން، ބްރެޒިލްގެ ކޮފީ ދަނޑުތަކަށް ކުރިމަތިވެފައިވާ މޫސުމީ ހަނަފަސް ނުރައްކާތަކާ ގުޅިގެންނެވެ.

ނިއުޔޯކް ބާޒާރުގައި އަރަބިކާ ކޮފީގެ އަގު 3.1 އިންސައްތައަށް އުފުލުމަށްފަހު، މިހާރު ހުރީ 2.883 ޑޮލަރުގައެވެ. މިއީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އަގު މިހާ ބޮޑަށް އުފުލުނު ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ލަންޑަން ބާޒާރުގައި ރޮބަސްޓާ ކޮފީގެ އަގުވެސް ވަނީ 2.9 އިންސައްތައަށް އުފުލިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ސޮލީބީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރެއްވި ނަމަވެސް، ސުލްހައިގެ ވާހަކަތައް ވަނީ މަޑުޖެހިފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ މުހިންމު މަގަކަށްވާ ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވިދާނެ ކަމުގެ ސާފު ނިޝާނެއް ނެތުމުން، ހަކަތައިގެ އަގުތައް ވަނީ މަތީގައި ހިފެހެއްޓިފައެވެ.

ރަބޯބޭންކްގެ އެގްރިކަލްޗަރަލް ކޮމޮޑިޓީސްގެ އިސްވެރިޔާ ކާލޯސް މީރާ ވިދާޅުވީ، "މި ހަމަނުޖެހުންތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ބާވަތްތަކުގެ އަގު އުފުލެމުންދާއިރު، ތެލުގެ އަގު ބޮޑުވުމުން މުދާ އުފުލުމުގެ ޚަރަދުތައްވެސް ވަނީ އިންތިހާއަށް އިތުރުވެފައި" ކަމަށެވެ. ކޮފީއަކީ އެއްތަނުން އަނެއްތަނަށް އުފުލާ ބާވަތަކަށް ވުމުން، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއް ކޮފީގެ އަގަށް ސީދާ އަސަރުކުރެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ކޮފީ އުފައްދާ ބްރެޒިލަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ކޮފީގެ އުފެއްދުންތެރިކަން ދަށްވާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ކޮމްޓްރެންޑްސް ރިސާޗްގެ ޑައިރެކްޓަރު ވިދާޅުވި ގޮތުގައި، ބްރެޒިލްގެ ފައިސާގެ އަގު އުފުލުމުގެ ސަބަބުން ބޭރަށް މުދާ ފޮނުވުމަށް އޮތް ޝައުގުވެރިކަން ކުޑަވެ، ދުނިޔޭގެ ބާޒާރަށް ކޮފީ ލިބުން ވަނީ ދަތިވެފައެވެ.

ކޮފީގެ އިތުރުން ކޮކޯ އަދި ހަކުރުގެ އަގުވެސް ނިއުޔޯކް ބާޒާރުގައި ވަނީ އުފުލިފައެވެ. މިއީ ސިޔާސީ މަސްރަހާއި ހަކަތައިގެ އަގުތަކުގެ ސަބަބުން ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް ކުރިމަތިވަމުންދާ ލޮޅުންތަކުގެ ނިޝާނެކެވެ. މިހާރު ކޮފީގެ އަގު ކަނޑައެޅުމުގައި ސިޔާސީ މަސްރަހާއި މޫސުމީ ބަދަލުތައް ވަނީ އެއްވަރަކަށް ހިއްސާވެފައެވެ.

ހިއްސާ ކުރައްވާ!