ދިވެހި ސަރުކާރުން، އިންޑިއާގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ ދަށުން އޮކްޓޫބަރު 2024 ގައި ނަގާފައިވާ 400 މިލިއަން ޑޮލަރު މިހާރު ވަނީ އަނބުރައި ދައްކާފައެވެ. އަދި އިންޑިއާއިން ވަނީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީއެއް ހަމަޖައްސައި ދީފައެވެ. ދިވެހި ސަރުކާރުން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ. އިންޑިއާ ހައިކޮމިޝަންއިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މި އެހީތެރިކަމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމެކެވެ.
މި އެޕްރީލް މަހަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ އަދަދަކަށް ދަރަނި ފުރަތަމަ ފަހަރަށް ދައްކަން ޖެހުނު މަހެވެ.
އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާންގައި ބުނެފައިވަނީ 2024 އިން 2027 އަށް ކަނޑައަޅާފައިވާ ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން 30 ބިލިއަން ރުޕީސް (މިހާރުގެ ރަސްމީ ރޭޓުން ނަމަ ގާތްގަނޑަކަށް 360 މިލިއަން ޑޮލަރު) ގެ ފުރަތަމަ ބައި ދޫކުރުމަށް އިންޑިއާ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ. މި ފެސިލިޓީގެ ދަށުން އިންޓްރެސްޓް ރޭޓާއި ޝަރުތުތަކަށް ލުއިތަކެއް ދީފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު، ސާކް ކަރަންސީ ސްވޮޕް ފްރޭމްވޯކް 2012 ވަނަ އަހަރު ތަޢާރަފްކުރި ފަހުން މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. މިދިޔަ އަހަރު ވެސް އިންޑިއާއިން ވަނީ ކުއްލި އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޯވަރ ކޮށްދީފައެވެ.
މިނިސްތްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާންގައި ބުނި ގޮތުގައި، ރުޕީސްގެ މި އައު ފެސިލިޓީއަކީ މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި އިޤްތިޞާދީ ހަމަޖެހުން ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ސްޓްރެޓެޖީއަށް ލިބޭ ބާރެކެވެ. އެމެރިކާއިން ހިންގާ ޓެރަރިަސްޓް އަދި ކަނޑު ފޭރުމުގެ އަމަލުތަކުގެ ސަބަބުން ހުރުމުޒު ކަނޑު އޮޅީގެ ދަތުރުތަކަށް ހުރަސް އެޅި ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން، އިމްޕޯޓަށް ބަރޯސާވާ ކުދި އިޤްތިޞާދުތަކަށް ނުތަނަވަސްކަން ކުރިމަތިވަމުންދެއެވެ.
އިންޑިއާއަށް ދައްކަން ޖެހޭ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފައިސާ ދިވެހި ސަރުކާރުން ދައްކާފައިވާ އިރު، މި މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކް ވެސް އަނބުރާ ދައްކާފައެވެ. އަދި މިމަހަށް ދައްކަން އޮތް އަބޫދާބީ ފަންޑުން ނަގާފައިވާ ފެސިލިޓީތައް އެފަންޑުން ވަނީ ރޯލްއޯވަރ ކޮށްދީފައެވެ. މިއީ އޭޕްރީލް މަހު ދައްކަންޖެހިފައި އޮތް ގާތްގަނޑަކަށް 1 ބިލިއަން ޑޮލަރުގެ ދަރަނީގެ ފައިސާތަކެވެ.
އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ސްވޮޕް އެހީ ދީފައި ވަނީ 2024 ގައި ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުމަށް ފަހުއެވެ. އަދި އިންޑިއާއިން ވަނީ ހަރުކަށި ޝަރުތުތަކާއެކު ދެ ފަހަރެއްގެ މަތިން އެ 400 މިލިއަން ރޯލްއޯވަރ ކޮށްދީފައިވެއެވެ. މިއީ އަވަށްޓެރި ޤައުމަކަށް ދީފައިވާ އިސްތިސްނާ އެހީތެރިކަމެއްގެ ގޮތުގައި އިންޑިއާއިން ސިފަކޮށްފައިވެއެވެ.
މި މަހު ދައްކަން ޖެހޭ ދަރަނިތައް ދެއްކުމަށްފަހު އަދިވެސް ރާއްޖޭގެ ކްރެޑިޓް ރޭޓިންގއަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުން ބުނެފައި ވަނީ، ސުކޫކް ދެއްކުމާއި މާލީ ދާއިރާއަށް އައި އެހެނިހެން ބަދަލުތަކުގެ އަސަރު ރޭޓިންގ އެޖެންސީތަކުން އަދިވެސް ބަލަމުންދާ ކަމަށެވެ.
މޫޑީސްއިން ރާއްޖެއަށް ދީފައިވަނީ 'ނެގަޓިވް އައުޓްލުކް' އާއެކު Caa2 ރޭޓިންގއެކެވެ. ފިޗްއިން ރާއްޖޭގެ ރޭޓިންގ ހިފަހައްޓާފައިވަނީ CC ގައެވެ.

