ޔޫކްރޭނާއި އިންޑިއާއާ ދެމެދު ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށާއި، މިކަމާ ގުޅޭ ފަހުގެ ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް އޮފިޝަލުން ކުރަމުންދާ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބު ކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި ބައެއް ގައުމުތަކާއެކު ސަލާމަތީ އާ އެއްބަސްވުންތަކެއް އިއުލާނު ކުރާނެ ކަމަށެވެ. މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ވައިގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށާއި އަސްކަރީ އެހީތެރިކަން ހޯދުމަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫކްރޭނުގެ ޑިފެންސް މިނިސްޓަރު ރުސްތަމް އުމިއެރޯވް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅިގެން ދިފާއީ ދާއިރާގައި މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތުތައް މިނިސްޓަރު ހިއްސާކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. މީގެ އިތުރުން، ޔޫރަޕްގެ ގައުމުތަކުން ފާސްކޮށްފައިވާ އެހންނަމަވެސް އަދި މިހާތަނަށް ލިބިފައިނުވާ އެހީގެ ޕެކޭޖުތައް ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ހަމަލާތަކުން އާންމުން ރައްކާތެރިކުރުމަށާއި ދިފާއީ ބާރު ވަރުގަދަކުރުމަށްޓަކައި ބައިނަލްއަގުވާމީ ދާއިމީ އެހީތެރިކަން ބޭނުންވާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ދިގު މުއްދަތުގެ ސަލާމަތީ ކަށަވަރުކަން ހޯދުމަށްޓަކައި ޑިޕްލޮމެޓިކް ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށްވެސް ޔޫކްރޭނުގެ ރައީސް ވަނީ ވިދާޅުވެފައެވެ.



