އިންޑިއާއާއެކު ކުިރިއަށް ގެންދާ ސަބްމެރިން އުފެއްދުމުގެ އެއްބަސްވުމެއް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ޖަރުމަނުވިލާތުން ބުނެފިއެވެ. މިކަން ހާމަކުރެއްވީ ޖަރުމަނުގެ ޑިފެންސް މިނިސްޓަރު ބޮރިސް ޕިސްޓޯރިއަސް، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގްއާ ކީލްގައި ބައްދަލުކުރެއްވުމަށްފަހުގައެވެ.
މި އެއްބަސްވުމުގެ އަގު 8 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ ދަށުން ޖަރުމަނުގެ ތައިސަންކްރަޕް މެރިން ސިސްޓަމްސް (ޓީ.ކޭ.އެމް.އެސް) އާއި އިންޑިއާގެ މަޒަގޯން ޑޮކް ޝިޕްބިލްޑާސް ގުޅިގެން ސަބްމެރިން އުފެއްދުމަށް މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ ދިފާއީ އުފެއްދުންތެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.
ޕިސްޓޯރިއަސް ވިދާޅުވީ، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ވަރަށް އަވަހަށް ނިމޭނެ ކަމުގެ "ފުރިހަމަ އިތުބާރު" އެބައޮތް ކަމަށެވެ. އަދި ދެ ގައުމުގެ އަމާޒަކީ ކުރިއަށް އޮތް ކުއާޓަރުގެ ތެރޭގައި މި މަރުހަލާ އެއްކޮށް ނިންމާލުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން ޖަރުމަނާއި އިންޑިއާއާ ދެމެދު އޮތް ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ. މީގެ އިތުރުން، އިންޑިއާގެ ކަނޑުގެ ސިފައިން ޒަމާނީ ކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ސަބްމެރިން އުފެއްދުމަށް ކުރާ މަސައްކަތަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
ޖަރުމަނުން ދެކޭ ގޮތުގައި މި މަޝްރޫޢަކީ އިންޑޯ-ޕެސިފިކް ސަރަހައްދުގައި އެ ގައުމުގެ ބައިވެރިވުން އިތުރުކުރުމަށާއި އިންޑިއާއާއެކު ސިނާޢީ ގޮތުން އޮންނަ ގުޅުން ފުޅާކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ. ފަހަކަށް އައިސް މަތީ ފަންތީގެ ޒިޔާރަތްތަކާއި، ގުޅިފައިވާ އަސްކަރީ ތަމްރީނުތަކުގެ ޒަރީއާއިން ދެ ގައުމުގެ ދިފާއީ ގުޅުން ވަނީ ބޮޑުތަނުން ކުރިއަރާފައެވެ.



